(2 މާރިޗު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ތިން ޕާޝާ އިންގެ ނުފޫޒު
އިސްލާމީ ޚިލާފަތު ތެރޭގައި ޚަލީފާއަށް އެނގުމަކާނުލައި ސިއްރުން އިއްތިޙާދާއި ތަރައްޤީ ގެ ޖަމްޢިއްޔާ (COMMITEE OF UNION AND PROGRESS) ސީޔޫޕީ (CUP) ގެ ނަމުގައި ޖަރުމަނުގެ މަދަދާއި ރުހުމާއެކު އުފެއްދިއެވެ. މިޖަމްޢިއްޔާ އިން ޔަންގްޓަރކްސް އާގުޅި، އިއްތިޙާދާއި ތަރައްޤީގެ ނަލަ ކުލަވަރުގައި ސިއްރު ސިޔާސީ ހަރަކާތްތަކެއް ޚިލާފަތުގެ ތެރޭގައި ފެށީއެވެ. މިހަރަކާތުގެ ފަހަތުގައި ތިބި ޒުވާނުންނަކީ، ޔުނިވަރސިޓީ ތަކުގައި ކިޔަވާ ކުދިންނާއި ތުރުކީ ޢަސްކަރިއްޔާ އިން ޓްރޭނިންގްދީ ބަލަހައްޓަމުން ގެންދިޔަ ޒުވާން ކެޑޭޓުންނެވެ. ޒުވާން ތުރުކީންގެ ގޮތުގައި ނިސްބަތް ކުރެވެނީ މިމީހުން ނަށެވެ. ބޮޑުހަނގުރާމަ ފެށުނު އިރު މިކޮމެޓީގެ އިސް ވެރިންނަށް ތިބީ، ތިން ޕާޝާ (THREE PHASHAS) އިންނެވެ. މިއީ ރަސްކަމުގެ ދީވާން ތެރޭގައި ނަގާކިޔަން ތިއްބެވި، ހިންގުންތެރި ޒުވާން ޓީމެކެވެ. ތިންޕާޝާ އިންގެ ނަމުން މަޝްހޫރުވީ، މިޓީމުގެ ތެރެއިން އެންމެ ވިދާލި ޒުވާން، ތިން ވަޒީރުންނެވެ. މިތިން ވަޒީރުންނަކީ، އިސްލާމީ ޚިލާފަތުގެ ފަހު ދުވަސްވަރު ވަރަށް މަޝްހޫރުވެގެން ދިޔަ ތިން ލީޑަރުންނެވެ. ޚިލާފަތުގެ ހުރިހާ ބާރުތަކެއް ވަނީ، ރަސްގެފާނު ކިބައިން ނެއްޓި، މިތިން ލީޑަރުންގެ އަތްމައްޗަށް ކެހިގެންގޮސް ފައެވެ. ތިން ޕާޝާ އިންނަކީ، މުޅި ޚިލާފަތުގެ ފަރާތުން ނަގާކިޔަން އިސްކޮށް ތިއްބެވި މަސްއޫލު ފަރާތްތަކެވެ. މިއީ ޚަލީފާއަށާއި ރަސްކަމުގެ ދީވާން އަށް އެނގުމެއްނެތި ސަރުކާރު ތެރޭގައި އިސްމަގާމު ތަކުގައި ތިއްބެވި ޒުވާން ވަޒީރުން އަމިއްލަފުޅަށް ޖަރުމަނު ވިލާތައި ގުޅައިގެން ހިންގި ސިއްރު އަދި ސިޔާސީ ހަރަކާތެކެވެ. ޚަލީފާއަށް ބޮޑު ހަނގުރާމައިގެ ތެރެއަށް ޢަމަލީ ގޮތުން ވެންނެވުމަށް މަޖްބޫރުކުރުވީ ޒުވާން ވަޒީރުން ތަކުގެ ސިޔާސީ މިހަރަކާތް ތަކުގެ ސަބަބުންނެވެ.
ދަންނާށެވެ! ފުރަތަމަ ޕާޝާ އަކީ، މުޙައްމަދު ޕާޝާ އެވެ. މުޙައްމަދު ޕާޝާ އަކީ، މުޙައްމަދު ޠޮލްޢަތް ޕާޝާ (MOHMED TALAAT PASHA, 1874 – 1921) އެވެ. މިޕާޝާ އަކީ މިނިސްޓަރ އޮފް އިންޓީރިއަރ އަދި ގްރޭންޑް ވަޒީރު (GRAND VIZIER) އެވެ. ގްރޭންޑް ވަޒީރުގެ މަޤާމަކީ، ބޮޑުވަޒީރުގެ މަޤާމެވެ. މީނާ އަކީ، 1917 ގައި ތިން ޕާޝާ އިންގެ ތެރޭގައި މަޝްހޫރުވެގެން ދިޔަ ބޭފުޅެކެވެ. އޮފީހުގައި، 1917 އިން ފެށިގެން، 1918 އަށް ހަރަކާތްތެރިވެ އުޅުއްވީ އެންމެމަތީ ފެންވަރުގައެވެ. ޝަރަފާއި ޢިއްޒަތުގައެވެ. މުޙައްމަދު ޕާޝާގެ ކުރިން ގްރޭންޑް ވަޒީރަކަށް ހުންނެވީ، ސަޢީދު ޕާޝާ (SAED PASHA, 18 JAN 1865 – 6 DEC 1917) އެވެ. މީނާ މިމަޤާމުގައި ހުންނެވި، 1913 އިން ފެށިގެން، 1817 އަށެވެ. ސަޢީދު ޕާޝާ އަކީ، މިހަރަކާތް ވުޖޫދަށް ގެނައުމުގައި އެންމެ އިސްރޯލެއް، ދެންތިއްބެވި ޕާޝާ އިންނައި ގުޅިގެން ސިޔާސީ ގޮތުން ހިންގެވި ޕާޝާ އެކެވެ. ފަހެ، މުޙައްމަދު ޕާޝާ އަކީ، ސަޢީދު ޕާޝާގެ ވަރަށް އަރިސް ބޭފުޅެކެވެ. އަދި މުޙައްމަދު ޕާޝާ އަކީ ޔަންގް ޓަރކްސްގެ ލީޑަރެވެ.
ދެވަނަ ޕާޝާ އަކީ، އަންވަރު ޕާޝާ އެވެ. އަންވަރު ޕާޝާ އަކީ، އިސްމާޢީލް އަންވަރު ޕާޝާ (ISMAIL ENVER PASHA, 22 NOV 1881 – 4 AUG 1922) އެވެ. އަންވަރު ޕާޝާ އަކީ، މިނިސްޓަރ އޮފް ވޯރ އެވެ. ހަނގުރާމަ ތަކާގުޅޭ ހަނގުރާމަ މަތީ ވަޒީރެވެ. އަދި މީނާ އަކީ، 1908 އިން ފެށިގެން މިލިޓްރީ އޮފިސަރެކެވެ. އަދި ޔަންގް ޓަރކްސް ރިވޮލިއުޝަންގެ އިސް ލީޑަރެވެ. އިސްލާމީ ޚިލާފަތުގައި ބަލްކަން ހަނގުރާމަ އާއި ބޮޑު ހަނގުރާމައިގެ އެންމެއިސް ޢަސްކަރީ ވެރިޔާއެވެ. ޗީފެ އެވެ. އަދި ޤާޢިދް އެވެ. މީނާއަށް މިލިޓްރީހުރިހާ ލަޤަބުތަކެއް އެރުވިފައި ހުއްޓެވެ. އަފަންދީ (EFENDI) އިންގެ ރޭންކާއި ބޭ (BEY) އިންގެ ރޭންކްގައި ދައްލަތަށް ޚިދުމަތް ކުރުމުގައި މަސައްކަތް ކުރެއްވި އެވެ. އެންމެފަހުން އެރުވޭ ޢަސްކަރީ ލަޤަބް އަކީ ޕާޝާގެ ޝަރަފެވެ. އެއީ ޢަސްކަރީ އެންމެމަތީ ރޭންކްއެވެ. ފަހެ، އަންވަރު ޕާޝާ އަކީ، ސަޢީދު ޕާޝާ އާއި މުޙައްމަދު ޕާޝާ އައި ވަރަށް ގުޅުން ރަނގަޅު ބޭފުޅެކެވެ. އަދި ޔަންގް ޓަރކްސްގެ އިސް ވެރިއެކެވެ.
ތިންވަނަ ޕާޝާއަކީ، ޖަމާލް ޕާޝާ (DJEMAL PASHA, 6 MAY 1872 – 21 JUL 1922) އެވެ. މީނާ އަކީ، މިނިސްޓަރ އޮފް ނޭވީ އެވެ. ކަނޑު ސިފައިންގެ ވަޒީރެވެ. ބަލްކަން ހަނގުރާމަ އާއި ބޮޑު ހަނގުރާމައިގެ އިސް ލީޑަރ އެވެ. އެއްގަމާއި ކަނޑުމަތީގެ ރަސްގެފާނެވެ. އަދި ތިން ޕާޝާގެ ނަމުން މަޝްހޫރުވި އެންމެ ވަރުގަދަ ވަޒީރެވެ. އަދި ކޮމާންޑަރ އެވެ. ފަހުން އިސްތަންބޫލްގެ މޭޔަރ (MAYER) ކަން ވެސް ކުރެއްވިއެވެ.
އާދެ! ޢުޘްމާނީ ޚިލާފަތު ބަލިކަށިވެ ނިމުމަކަށް އައުމާއި މުޅިން އާތުރުކީއެއް އުފަންވުމުގެ އަޑީގައި ތިއްބެވީ، މިދެންނެވި ތިން ވަޒީރުންނެވެ. ތިންޕާޝާ އިންނެވެ. ހަމަ މިފަދައިން ދިވެހިރާއްޖޭގައި ޒަމާންތަކެއް ވަންދެން ވަރުގަދަ ވެރިކަމެއް ރަސްކަލެއް ހެން ކުރެއްވި، ރައީސް މައުމޫނުގެ ވެރިކަން ބަލިކަށިވެ ނިމުމަކަށް އައީ ވެސް އަރިހުގައި ތިއްބެވި ޒުވާން ތިން ވަޒީރެއްގެ ނޭއްގާނީ ސިޔާސީ ހަރަކާތްތަކެއްގެ ސަބަބުންނެވެ. ދިވެހި ރާއްޖޭގައި މުޙައްމަދު ޕާޝާގެ މަޤާމުގައި ހުންނެވީ، މަޝްހޫރު ޑަބަލް އެޖެންޓް ޑޮކްޓަރ އަޙްމަދު ޝަހީދު އެވެ. އޭރުގެ ޚާރިޖީ ވަޒީރެވެ. ދެސަރުކާރުގައި ވެސް ސިޔާސީ އިސްރޯލެއް ކުޅުއްވުމުގައި އިސްކޮށް ހުންނެވި ދެމޫނު ދެއްކެވި ވަޒީރެވެ. އަދި މިހާރުވެސް އުޅުއްވަމުން ގެންދަވަނީ، ހުޅަގުގެ ދީލަތި އެހީތެރިކަމާއި މަދަދުގައި ބޭރުގައެވެ. ޑޮކްޓަރ ޝަހީދުގެ އެކުވެރި ދެވަޒީރުންނަކީ، އޭރުގެ ބަނޑާރަނައިބު ޑޮކްޓަރ ޙަސަން ސަޢީދު އާއި މިނިސްޓަރ އޮފް ރިފޯރމް އަކަށް ހުންނެވި، އަލްއުސްތާޒު މުޙައްމަދު ނަޝީދު އެވެ. އާންމު ބަހުރުވައިން ނަމަ، ކުއްޓިއެވެ. ޑޮކްޓަރ އަޙްމަދު ޝަހީދުގެ ބުއްދީގެ ދަށުން މިތިން ވަޒީތުން ކުޅެމުން ގެންދިޔައީ، ޢުޠްމާނީ ޚިލާފަތްގައި ތިން ޕާޝާއިން ކުޅުއްވަމުން ގެންދެވި ޙީލަތްތެރި ޔަހޫދީ ރޯލްއެވެ. މިބޭފުޅުންނަކީ ވެސް ޢަލްމާނީ ފިކުރުގެ ސެކިއުލަރ ޚިޔާލްގެ ބޭފުޅުން ނެވެ. ކުޅުއްވީ ވަރަށް ނުރައްކާތެރި މައްކާރު ދައުރެކެވެ. ޚިލާފަތުގެ ޕާޝާ އިންނައި ހަމަ އެއްވެސް ތަފާތެއް ނެތެވެ. އަމިއްލަ ވެރިކަމެއްގެ ދަހިވެތިކަމުގެ ރޭވުންތައް ގެންދިޔައީ ރައީސް މައުމޫން އާއި ރިޔާސީ ގަނޑުވަރަށް ނާންގައި ވަރަށް ސިއްރުންނެވެ. މިކަމުގައި ދިރާސާ އިތުރަށް ކުރިވަރަކަށް މިބޭފުޅުންގެ އެއްގޮތްކަން ދަނީ އިތުރު ވަމުންނެވެ. ވަރަށް ރޭވުންތެރި ކަމާއެކު ޑަބަލް އެޖެންޓްކަން ކުރިޔަށް ގެންގޮސްފައި ވެއެވެ. އިނގިރޭސި ސަފީރާއެކު އެކިކަހަލަ ސިޔާސީ ގުޅުންތައް ސީދާކޮށާއި ނުސީދާކޮށް ހިންގިއެވެ. އަދި އޯޕަން ސޮސައިޓީ އާއި ނިއޫ މޯލްޑިވްސް ފަދަ އަންޑަރ ގްރައުންޑް ސިޔާސީ ޖަމާޢަތްތައް އުފައްދާއި މާލެ އާއި އަތޮޅުތަކުގެ ތެރޭގައި ސިޔާސީ ގޮތުން އެކިކަންކަމުގައި އެޖަމާޢަތްތައް ހަރަކާތްތެރި ކުރުވިއެވެ. ޒުވާނުންނާ އެކު، ކިޔޮޅުކަމުގެ ދަތުރުތައް ރޭއްވެވިއެވެ. ކަނޑުމަތީގައި އެކިއެކި ސިޔާސީ ސައްލާތައް ހިންގާހެދިއެވެ. ރައީސް މައުމޫނަށް ސިއްރުން އެތައްކަންކަމެއް ރާވައިގެން ހިންގާ ހެދިއެވެ. އަދި އޭރުގެ އިދިކޮޅު ފަރާތް ކަމުގައިވާ، އެމްޑީޕީ އާއި އަންޑަރގްރައުންޑް ރީނދޫ ފޯރސް އާއި ބްލެކް ޕަވަރ ފަދަ ބާރުތަކައި ބަރާބަރަށް ސިއްރު ގުޅުންތައް ހިންގާ ހެދިއެވެ. ކުޅެމުން ގެންދިޔައީ، އިނގިރޭސިން މެދުވެރި ކޮށެވެ. ބަންދުގައި ތިބި ރީނދޫ ފޯރސްގެ ހަރަކާތް ތެރިންނާއި އެހެން އިދިކޮޅު ބާރުތަކުގެ ހަރަކާތްތެރިން މިނިވަން ކުރުމާއި ސަރުކާރު ތެރެއިން ސިޔާސީ އެހީތެރިކަން ހޯދައިދީ ފޯރުކޮށް ދިނެވެ.
އަދި ހަމަ މިފަދައިން ރައީސް ޑޮކްޓަރ ވަޙީދުގެ ކުރުވެރިކަމާއި ސިޔާސީ ޙަޔާތް ނިމުމަކަށް ގެނައުމުގައި މެދުވެރިވީ ވެސް މިބީދައިން އުޅެމުން ގެންދިޔަ ޒުވާން ތިން ވަޒީރެކެވެ. ބަރާބަރަށް ޑަބަލްރޯލް ކުޅެމުން ގެންދިޔައެވެ. ދެމޫނު ދެއްކިއެވެ. ރައީސް ވަޙީދަށް އެނގުމަކައި ނުލާ ސިއްރުން، ސިޔާސީ ރޭވުންތައް ރާވާއި ހިންގުމުގައި ބަރާބަރަށް ހަރަކާތްތެރި ވިއެވެ. އިދިކޮޅު މީހުންނާ ގުޅުން ބޭއްވިއެވެ. ބައެއް ލިޔެކިޔުންތައް ފޮރުވައި ހެދިއެވެ. މިމީހުން ނަކީ ވެސް ވައްޓާލި ސަރުކާރާއި ނެގެހެއްޓި ސަރުކާރުން ބަރާބަރަށް ފައިދާތައް ހޯދާއި ލިބިގަތް ސިޔާސީ ފަރާތްތަކެވެ. މިމަޤާމުގައި މިތިން ވަޒީރުންގެ ވާހަކަ މިއައްވުރެ އިތުރު ކުރާކަށް ނެތީމެވެ.
އާދެ! ބޮޑު ހަނގުރާމަ ނިމުމުން ދެންއައި ދުވަސް ވަރަކީ، އެމެރިކާ ސުޕަރޕަވަރ (SUPPER POWER) އަކަށް ވުމުގެ ހުވަފެންތައް ދެކެމުން ދިޔަ ދުވަސްވަރެވެ. ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު، މިހުވަފެން ހަޤީޤަތަކަށްވެ ދުނިޔޭގެ ބާރަކަށް އެމެރިކާ ވެގެން ދިޔައެވެ. މިއަދު ވެސް އަދި އޮތީ އެގޮތަށެވެ. ޖަރުމަނުގައި އާދަޔާޚިލާފު ހަރުކަށި ޤައްމިއްޔަތެއް އެޑޯލްފް ހިޓްލަރގެ ޤިޔާދަތުގައި އުތުރިގެން އައިސް، ދެވަނަ ބޮޑު ހަނގުރާމަ، 1939 އިން ފެށިގެން، 1945 އަށް ކުރެވުނެވެ. އަޅުގަނޑުގެ ސުރުޚީއަކީ، އިސްލާމީ އުންމަތް ކަމުގައިވާތީ، ދެވަނަ ބޮޑު ހަނގުރާމައިގެ ތަފްޞީލް އަށް ދާކަށް ނެތީމެވެ.
އިސްލާމީ ޚިލާފަތާއި ޖަރުމަނާ އޮތް ގާތްކަން
އާދެ! ފުރަތަމަ ބޮޑު ހަނގުރާމައިގެ ކުރިންވެސް އިސްލާމީ ދުނިޔެއާއި ޖަރުމަނާ ވަރަށްގާތް ގުޅުމެއް އޮތެވެ. އެކުގައި ހަނގުރާމަ އަށް ނުކުމެ، ހަނގުރާމައަށް ފަހު ވެސް އޮތީ އެގުޅުމުގެ މަތީގައެވެ. ޖަރުމަނާ ގުޅުން އުފެއްދުމުގެ ކުރިން އިސްލާމީ އުންމަތް ވެސް އޮތީ އިނގިރޭސިންނާ އެކުގައެވެ. އެހެނަސް، 1818 އިން ފެށިގެން ޖަރމަން އެންޕަޔަރ އާއެކު ގުޅުން ބަދަހި ވީއެވެ. ޖަރުމަނުގެ ޤައިޞަރުން (KAISER) ގެ ދުވަސް ވަރުން ފެށިގެންނެވެ. ބައެއް ޤައިޞަރުން ޚިލާފަތުގެ ބައެއް ރަސްކަލުންނާއި ބައްދަލު ކުރެއްވުމަށް ތުރުކީއަށް ވަޑައިގެން އުޅުއްވިއެވެ. އަދި އިސްލާމީ ޚިލާފަތުގެ ޚަލީފާއިން އެކުވެރިކަމުގެ ދަތުރު ތަކުގައި ޖަރުމަނަށް ޒިޔާރަތް ކުރައްވާ ހައްދަވާފައި ވެއެވެ. މިހާރުވެސް ތުރުކީ ގައި ބައެއް ޤައިޞަރުން ޒިޔާރަތް ކުރެއްވި ތަންތަނުގައި މަޤާމްފުޅު ހަދާއި ފާހަގަކޮށްފައި ފެންނަންއެބަ ހުއްޓެވެ. ޖަރުމަނާއި ތުރުކީއައި ދެމެދު، ވިޔަފާރީގެ ގުޅުންތައް ބަދަހިވެ، ތެލުގެ ވިޔަފާރިއާއި ފަސިންޖަރުންގެ ރެއިލް ދަތުރުތައް ފެށުނެވެ. މަޝްހޫރު އޮރިއެންޓް އެކްސްޕްރެސް (THE ORIENT EXPRESS) ނަމުން ނަންދެވުނު ރޭލް ދެޤައުމުގެ ދެމެދުގައި ދުއްވާއި ދަތުރުކޮށް ފަތުރުވެރިން އުފުލައި ހެދިއެވެ. މިރޭލްތަކުގައި ފިލްމުކުޅެ މަޝްހޫރުކަން ހޯދާފައި ވެއެވެ. އިސްލާމުންގެ ފޮތްތަކާއި އިސްލާމީ ޘަޤާފަތުގެ ގިނަގުނަ ފަތްފުއްތައް ލިޔެވިފައި ހުރީވެސް ޖަރުމަނުގަ އެވެ. އިސްލާމީ ތާރީޚް އުގެނުމަށް ޖަރުމަނު ބަސް މުހިންމުވަނީ އެހެންވެގެންނެވެ. ހުރިހާއަދަބީ އަދި ފަންނީ ލިޔުންތަކެއް ލިޔެވިފައި ހުރީ ޖަރުމަނު ބަހުންނެވެ. އޮރިއެންޓަލް ސްޓަޑީސް (ORIENTAL STUDIES) ފޮތްތައް އެންމެގިނަ ވެފައި މުސްތަޝްރިޤުން (ORIENTALIST) އެންމެ ގިނައީ ވެސް ޖަރުމަނު ގައެވެ. މުސްތަޝްރިޤުން ނަކީ، ދީނީފޮތްތައް އުނގެނިގެން ތިބެ ދީނާދެކޮޅަށް ޢަމަލީ ގޮތުން މަސައްކަތް ކުރަމުން ގެންދާ މީހުންނެވެ. ދީނާއި ދައްލަތް ވަކި ކުރުމުގެ ފިކްރު އުފަންކުރި މީހުންނެވެ. ޖަރުމަން އަކީ، މުސްތަޝްރިޤުންގެ ވަރުގަދަ ހާއްޔެކެވެ. ތުރުކީ ޒުވާނުންނަށް ހެސްކިޔާފަ މީގެ އަސަރުތައް ފޯރަމުން ދިޔައެވެ.
ޢުޘްމާނީ ޚިލާފަތާއެކު އުފެދިފައިވާ ގުޅުންތަކުގެ ތެރޭގައި އޮޓަމަން ޖަރމަން އެލަޔެންސް (OTTOMAN – GERMAN ALLANCE) ފަދަ ޖޮއިންޓް ކޯޕަރޭޓިވްތައް ވުޖޫދަށް ގެނެވުނެވެ. ގުޅިފައިވާ ބިޔަ ވިޔަފާރިތައް ގައިމު ކުރެވުނެވެ. މިކަން ޖަރުމަނުން ކޮށްފައި ވަނީ، އިނގިރޭސިންގެ ކިބައިން އަންނާނެ ބަސްތަކުން، ރަށްކާތެރި ވުމަށާއި ސަލާމަތް ވުމަށެވެ.
އިސްލާމީ އުންމަތުން ޖަރުމަނާ ގުޅިގެން ހަނގުރާމަ އިޢުލާނު ކުރުން
އާދެ! މިއީ ފުރަތަމަ ބޮޑު ހަނގުރާމަ ފެށުމުގެ ކުރިން ސިޔާސީ ކަންތައްތައް ހިނގާފައިވާ ގޮތުގެ މައްޗަށް ކުރުކޮށް ބަލާލައި އަލިއަޅުވާ ލުމެކެވެ. އިސްލާމީ އުންމަތުން އިއްތިޙާދާ ދެކޮޅަށް ޖަރުމަނާ ގުޅިގެން ހަނގުރާމަ އިޢުލާނުކޮށް މުޅި އިސްލާމީ އުންމަތަށް، ޖިހާދުގައި ބައިވެރިވުމަށް، ޚަލީފާ މުޙައްމަދު ފަހެއް ގޮވާލައްވައި އަމުރު ނެރުއްވީ، ސެންޓަރަލް ބާރައި ގުޅުނުތާ ހަމަސް ވަރު ފަހުން، 1915 އެޕްރީލް ގައެވެ. އޭގެ ކުރިން އިސްލާމީ އުންމަތް އޮތީ ވަކިއަތަކަށް ނުޖެހިއެވެ. އެހެނަސް މިހާހިސާބުން އިއްތިޙާދީންނާ ދެކޮޅަށް ޖިހާދު ކުރުމަށް އިސްލާމުން ފާޅުގައި ނުކުމެ ހަނގުރާމަ ފެށީއެވެ. އިނގިރޭސިންގެ ރޭވުމައި އެއްގޮތަށް އެވެރިންގެ މަޤްޞަދު ޙާޞިލް ވީއެވެ. އަދި އިސްލާމުންނަށް ޙަމަލާދީ އިސްލާމުންގެ ބިންތައް ފޭރިގަތުމަށް ކޮށި މަގު ތަނަވަސް ވެގެން ދިޔައީއެވެ. މީގެކުރިން އިނގިރޭސިން ތިބީ، ވާންޖެހޭ ތައްޔާރީތައް ވެގެން، ހަނގުރާމަ ފެށޭނެގޮތެއް ނުފެނި ފައެވެ. އިސްލާމީ އުންމަތުގެ ވެރިކަން ކުރާ ރަށްތަކުގައި އެކިއެކި ހަރަކާތްތައް ހިންގުމުގެ ނަމުގައި ޖަމާޢަތްތައް ހަދާއިދީ ޒުވާނުންގެ ރުހުން ލިބިގަނެ ގެންނެވެ. ތުރުކީ ތެރޭގައި ޖަރުމަނުން ވަނީ، އެމީހުންގެ ބޮޑު ދިގު އަތްފަތުރާފަ އެވެ. އަދި ޙިޖާޒުގެ ޢަރަބިން ތެރެއަށް އިނގިރޭސިން ވަނީ، އެމީހުންގެ ތަނަވަސް ދީލަތިއަތް ފަތުރާފަ އެވެ. މުސްލިމުންގެ ބިންތަކުގައި ހަނގުރާމަ ފެށުމަށް އިންތިހާއަށް ބޭނުން ވެފައި ވަނިކޮށް، މުސްލިމުން ޖިހާދު އިޢުލާނު ކުރުމުން، ފާޅުގައި ރައްދު ޙަމަލާތައްދީ އިސްލާމުންގެ ބިންތައް ހިފައި އެބިންތަކަށް ވެރިވާން ފެށީއެވެ.
ފުރަތަމަ ކުރިމަތިލުން
ޢުޘްމާނީ ޚިލާފަތުން ޖިހާދު އިޢުލާނު ކުރުމަށް ފަހު، ފުރަތަމަ ހިނގި ކުރިމަތި ލުމަކީ، ގަލިޕޯލީ ކެންޕޭން (GALLIPOLI CAMPAIGN) ގެ ނަމުން މަޝްހޫރު ވެފައިވާ ހަނގުރާމަ އެވެ. މިހަނގުރާމަ އަށް ދެވިފައިވާ ނަންތަކަކީ، ގަލިޕޯލީ ހަނގުރާމަ (BATTLE OF GALLIPOLI) ނުވަތަ ކަނައްކަލޭ ހަނގުރާމަ (BATTLE OF CANAKKALE) އެވެ. ކުރިމަތިލުން ފެށުނީ، 25 އެޕްރީލް 1915 ގައެވެ. އަދި ނިމުނީ، 9 ޖެނުއަރީ 1916 ގައެވެ. ބަރާބަރު، 8 މަހާއި، ދެހަފްތާ އާއި، 1 ދުވަހުގެ ވަރުގަދަ ހަނގުރާމަ އެކެވެ. މިއީ ބޮޑު ހަނގުރާމައިގާ ހިނގި ކުރިމަތިލުން ތަކުގައި ހަމަ އެކަނި އިސްލާމީ އުންމަތަށް ލިބުނު ކާމިޔާބެވެ. މަތިވެރި ނަޞްރެކެވެ. އަދި އިއްތިޙާދީންނަށް ލިބިގެންދިޔަ މާސިންގާ ގެއްލުމެކެވެ. ފަހެ، ގަލިޕޯލީ ޑިޒާސްޓަރ އަކީ، އެކުވެރި އިއްތިޙާދީ ބާރަށް ކުރިމަތިލާން ޖެހުނު އެންމެ ހިތާމަވެރި ހާދިސާއެވެ. ބޮޑު ކާރިސާއެކެވެ. ގަދަފަދަ ވެގެންވާ ވަޙުޝީ ހަނގުރާމަ އެކެވެ. އެއްބަޔަކާއި އަނެއްބަޔަކު ބިންމަތީގައި ސީދާކޮށް ކުރިމަތިލާން ޖެހުނެވެ. ދެފަރާތުން، ތިންލައްކަ އަށް ވުރެ ގިނަމީހުން ގެއްލި ނެތިގެން ދިޔައެވެ. ހަމައެކަނި އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުން ވެސް ވަރަށް ގިނަ ޢަދަދެއްގެ ސިފައިން މަރުވެގެން ދިޔައެވެ. އޮސްޓްރޭލިއަން އެންޑް ނިއުޒިލޭންޑް އަރމީކޮރފްސް (AUSTRALIAN AND NEW ZEALAND ARMY CORPS, ANZAC) އެންޒެކް ފޯރސް އަކީ، މިދެ ޤައުމުން އުޘްމާނީންނައި ދެކޮޅަށް ނެރުނު ޢަސްކަރީ ފޯރސް އެވެ. މި ދެޤައްމުން މަރުވެ، އަދި ގެއްލިގެންދިޔަ ސިފައިންގެ ހަނދާންތައް މިހާރުވެސް މިދެ ޤައްމުގައި ހަނދާންކޮށް ތާޒާކުރަމުން ގެންދެއެވެ. އެކަމުގެ ހިތާމައިގާ ހަނދާނީ ބިނާތައް ހަދާފައި އެބަހުއްޓެވެ. އަދި، 1981 ގައި ގަލިޕޯލީއޭ ކިޔުނު ވަރަށް މަޝްހޫރު ފިލްމެއް އޮސްޓްރޭލިޔާ ގައި އުފައްދާފައި ވެއެވެ. މިފިލްމު ބަލާލުމުން، މިހަނގުރާމަ ވިސްނައިގަނެ ދެނެގަންނަން ވަރަށް ފަސޭހަ ވެގެންދާނެއެވެ. މިފިލްމު ޑައިރެކްޓް ކޮށްފައިވަނީ، ޕީޓަރ ލިންޑްސޭ ވީރް (PETER LINDSAY WEIR) އެވެ. ޕްރޮޑިއުސަރަކީ، ޕެޓްރީސިއާ ލަވެލް (PATRICIA LOVELL) އެވެ. ގަލިޕޯލީ ފިލްމަށް އޮސްޓްރޭލިޔާގެ އޭއެފްއައި އެވޯރޑްސް އިން، 1982 ވަނަ އަހަރުގައި ބެސްޓްފިލްމުގެ އެވޯރޑް ވަނީ، އެކަމަނާ އަށް ލިބިފައެވެ.
އިސްލާމީ ޚިލާފަތުގެ ފަސްވަނަ އަރމީ (FIFTH ARMY) ގެ ލަޝްކަރުގެ ލީޑަރަކަށް ހުންނެވި މުޞްޠޮފާ ކަމާލް އަތާތުރުކް މަޝްހޫރުވެގެން ދިޔައީ މިހަނގުރާމައިގެ ބަޠޮލް އެއްގެ ގޮތުގައެވެ. ހީރޯއެއްގެ ފެންވަރު ގައެވެ. ލިބުނު ޝުހްރަތާއި ކާމިޔާބާއެކު މުޅި ތުރުކީގެ ބައްޕައަށް މުޞްޠޮފާ ވެގެން ދިޔައެވެ. އަދި ފަހުން، އަތާތުރުކް އަށް “ތުރުކީގެ ބައްޕަ” މިޝަރަފް އެރުވުނެވެ. ގަލިޕޯލީ އާއި ކަނައްކަލޭ އޮންނަނީ، ތުރުކީގައި އޮންނަ ޑަރޑަނަލްސް ސްޓްރެއިޓް (DARDANELLES STREAIT) ގެ އައްސޭރީގަ އެވެ. މިކަނޑު އޮޅިއަކީ، އައެގެންސީ (AEGEAN SEA) އިން ވަދެ ކަނައްކަލޭ (CANAKKALE) ކައިރިން ގޮސް ސީއޮފް މަރމަރާ (SEA OF MARMARA) އަށް ނުކުމެވޭ ދޮރާއްޓެވެ. އަދި މިކަނޑުން ބްލެކްސީ (BLACK SEA) އަށް ވަދެވެން އޮންނަ ހަމައެކަނި ކަނޑުއޮޅި އަކީ، ބޮސްޕޮރަސް (BOSPORUS STRAIT) ކަނޑުއޮޅި އެވެ. ބްލެކްސީ އަށް ވަދެވެން އޮންނަނީ، މިދެ ކަނޑުއޮޅި ތެރެއިން ލާފަ ދަތުރުކޮށް ގެންނެވެ. ބްލެކްސީ ކޮންޓްރޯލް ކުރާ ވެރިފަރާތް ކަމުގައިވާ ރަޝިޔާއަށް މިދެ ކަނޑުއޮޅި މުހިންމު ވަނީ، ބްލެކްސީން މަރމަރާ ކަނޑަށް ނުކުމެވެން އޮންނަނީ މިދެ ކަނޑުއޮޅިން ކަމުގައި ވާތީއެވެ. މަރމަރާ ކަނޑަށް ނުކުމެވުމުން މެޑިޓަރޭނިއަން އޯޝަން އަށް ވާސިލްވީ އެވެ. މިސަބަބާ ހެދި ރަޝިޔާ ޢަސްކަރިއްޔާ އަށް ބޮސްޕޮރަސް ސްޓްރެއިޓް އާއި ޑަރޑަނަލްސް ސްޓްރެއިޓްގެ ބޭނުން އިންތިހާއަށް ބޮޑުވެފައި ވަނީއެވެ. ބްލެކްސީން ރަޝިޔާގެ ޢަސްކަރީ މަނަވަރުތައް މައިކަނޑަށް ނުކުމެވެން އޮތް މަގަކީ ހަމައެކަނި މިމަގެވެ. ރަޝިޔާ ޢަސްކަރިއްޔާ އަށާއި އިއްތިޙާދީންނަށް މިކުރިމަތިލުން އެހާ މުހިންމުވާ އެންމެބޮޑު ސަބަބަކީ ވެސް މިއެވެ. ބޮޑު ހަނގުރާމަ ނިމިގެން އިއްތިޙާދީ ބާރުގެ އަތުން ބަލިވި ޤައުމު ތަކާއެކު ފްރާންސް ގެ ވެރިރަށް ޕެރިސް ގައި ބޭއްވި ޞުލްޙައިގެ މާސިންގާ ކޮންފަރެންސް ގައި ބައިއެޅުމުގައި ރަޝިޔާއަށް ތުރުކީގެ މިސަރަޙައްދު ބޭނުން ވެގެންދިޔަ ހަމައެކަނި ސަބަބަކީ ވެސް މިއެވެ. ޞުލްޙައިގެ މި ކޮންފަރެންސް ގައި ބައިއެޅި ގޮތުގެ ތަފްޞީލް ފަހުން ގެނެސް ދޭނަމެވެ. إن شاء الله!
މުސްލިމުންގެ ވެރިކަން ކުރާ ރަށްތަކުގެ ވެއްޓުން
ބޮޑު ހަނގުރާމައިގާ އިސްލާމީ ޚިލާފަތަށް ލިބުނު ހަމައެކަނި ކާމިޔާބީ އަކީ، ގަލިޕޯލީ ހަނގުރާމައިގާ ލިބުނު ފުރިހަމަ ކާމިޔާބީއެވެ. މިކާމިޔާބުގެ ނަތީޖާ އަކަށް ވެގެންދިޔައީ ޚިލާފަތު ނިކަމެތިވެ، ތުރުކީ މިނިވަން ވުމުގެ ރޫޙް އުފެދި، މުޞްޠޮފާ ކަމާލް އަތާތުރުކްގެ ލީޑަރޝިޕްގެ ދަށުން މިނިވަން ޤައުމެއްގެ ގޮތުގައި އާތުރުކީއެއް އުފަންވުމެވެ. ޙަޤީޤަތަކީ، ބޮޑު ހަނގުރާމައިގެ ތެރެއަށް އިސްލާމީ ޚިލާފަތު ވެއްދި ބަޔަކީ ތުރުކީގައި އުފެދިފައި އޮތް ޤައުމީވަންތަ ހަރަކާތުގައި އިސްކޮށް ތިބި ތުރުކީ ޒުވާނުންނެވެ. ފަހެ، ތިން ޕާޝާ އިންނެވެ. ޚިލާފަތުގެ ދީވާނުގައި އިސްކޮށް ތިއްބެވި ޒުވާން ވަޒީރުންނެވެ. ކުރީކޮޅުގައި ޚަލީފާ މުޙައްމަދު ފަހެއް ވަކި އަތަކަށް ޖެހިވަޑައި ނުގަނެ، ހަނގުރާމަ ތެރެއަށް ނުވަންނަވައި މަޑު ކުރެއްވިއެވެ. އެހެނަސް ތިން ޕާޝާ އިންގެ ޤައްމީ ހަރަކާތުން ޖަރުމަނާއެކު ވެފައިވާ ސިއްރު އެއްބަސްވުން ތަކުން ޚަލީފާ މުޙައްމަދު ފަހެއް އަށް، ބޮޑު ހަނގުރާމައިގާ ޖަރުމަނު ފަޅިއަށް ޖެހިފަޑައި ގެން، ހަނގުރާމަ އިޢުލާނު ކުރެއްވުމަށް މަޖްބޫރުވެ ވަޑައިގަތީ އެވެ. މިހުރިހާ ކަމެއް ރާވާއި އިންތިޒާމް ކުރުމަށް ގަނޑުވަރު ތެރޭގައި އިސްކޮށް ތިއްބެވީ، ތުރުކީންގެ ޒުވާން ލީޑަރުންގެ ގޮތުގައި ތިއްބެވި އެންމެ އަރިސް ވަޒީރުންނެވެ. ފަހެ، އިސްލާމީ ޚިލާފަތުގެ ހަލާކަކީ މިތިން ޕާޝާ އިންނެވެ.
އާދެ! ގަލިޕޯލީ ހަނގުރާމަ ކާމިޔާބު ވުމަށް ފަހު، ދެން މުޅިންވެސް މުސްލިމުންނަށް ކުރިމަތި ވަނުން ދިޔައީ ބަލިވުމާ ކުރިމަތި ލާށެވެ. ޚިލާފަތުގެ ދަށުގައި އިސްލާމުން ވެރިކަން ކުރަމުން ދިޔަ ރައްތަކަށް، އިނގިރޭސި ސިފައިން، އިއްތިޙާދީ ސިފައިންނާއެކު އަރައި އެރައްތައް ހިފީއެވެ. އިސްލާމީ އުންމަތުގެ ވެރިކަމުގެ ދަށުން އެރައްތައް ވައްޓާލީއެވެ. އަދި ގަދަބާރުން އެރައްތަކަށް އަރައިގަނެ ވެރިވެގަތީއެވެ. ޒަމާނުއްސުރެ އިސްލާމީ ޚިލާފަތުގެ ދަށުގައި އޮތް ޢިރާޤް، 1915 ގައި ހިފީއެވެ. އަދި ހަމަ އެހެންމެ އެތައް ޒަމާނެއް ވަންދެން އިސްލާމީ ޚިލާފަތުގެ ވެރިރަށެއް ކަމުގައި އޮތް ބަޣްދާދު، 1917 ގައި ހިފީއެވެ. ދެން އެހެންގޮސް އިސްލާމުންގެ ރައްތައް ހިފަމުން، އިނގިރޭސި ދިދަ ނަގަމުން ގޮސް ސޫރިޔާ އާއި ދަމިޝްޤް ވެސް، 1918 ގައި ހިފީއެވެ. އަދި އިސްލާމުންގެ މުޤައްދަސް ޙަރަމް ފުޅެއް ކަމުގައިވާ ޤުދުސް ވެސް، 1917 ގެ ޑިސެންބަރ ނިމުމުގެ ކުރިން ހިފައި އިނގިރޭސި ދިދަ ނެގީއެވެ. އަދި ތުރުކީއަށް އަރާއި ވަށާލުމަށް ފަހު، އިސްލާމީ ޚިލާފަތުގެ ދީވާން އަށް ވަދެ، އިސްތަންބޫލް ވެސް ހިފީއެވެ. އޭރު އިނގިރޭސި ލަޝްކަރުގެ ވެރިޔާ އޮތީ، އިނގިރޭސި ބޮޑު ވަޒީރުގެ އަރިހުގައި، ޤުދުސް ހިފި އަހަރުގެ ކްރިޝްމަސް އުފާތަކުގެ ހަދިޔާއެއްގެ ގޮތުގައި، 25 ޑިސެންބަރ ކަމުގައިވާ ކްރިޝްމަސް ދުވަސް އައުމުގެ ކުރިން ޤުދުސް ވެދުމަށް އަރުވާނެ ކަމުގެ ބޮޑުވަޢްދު ކަށަވަރުކޮށް ފައެވެ. މި ޢަޒުމްގެ ދަށުން ރޭވިފައި އޮތްގޮތަށް، އިސްލާމީ އުންމަތުގެ ހުރިހާ ވެރިކަން ކުރާ ރައްތަކެއް އިނގިރޭސިންގެ ބާރުގެ ދަށަށް ގެންގޮސް މިކެންޕޭން ކާމިޔާބު ކަމާއެކު ނިންމާލީއެވެ. މިއީ މިހާތަނަށް މުސްލިމުންނަށް މެދުވެރިވި އެންމެ ބޮޑު ދެރައާއި ހިތާމައެވެ. އަދި ދުވަހަކު ވެސް މުސްލިމުންގެ ހިތްތަކުން ފިލައިގެން ނުދާނެ، އަސަރުތަކެއް ކުރުވާ ހަނދާން ތަކެއްކަން ކަށަވަރެވެ. ކޮންމެ މުސްލިމަކު ވެސް މިކަމައި ވިސްނާއި ފިކުރު ކުރަން ޖެހޭނެއެވެ. (ނުނިމޭ)