ކަނޑަށްއެޅޭ ތެލުން ކަނޑު ތަޣައްޔަރުވުން ހުއްޓުވުމަށް ބޭނުންކުރާ އާލާތްތަކެއް އިންޑިއާ އަސްކަރިއްޔާއިން އެމްއެންޑީއެފަށް ހަދިޔާ ކޮށްފި

އިންޑިއާ އަސްކަރިއްޔާއިން އެމްއެންޑީއެފް ކޯސްޓްގާޑަށް ދެ ޓަނުގެ އޮއިލް ސްޕިލް ޑިސްޕާޝެންޓް މިއަދު ހަދިޔާ ކުރައްވައިފިއެވެ.

މިއަދު އިންޑިއަން ކޯސްޓްގާޑުގެ މަނަވަރު، އައިސީޖީއެސް ސަމަރުގައި މިކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި، އިންޑިއާގެ ފަރާތުން މި ތަކެތި އެމްއެންޑީއެފާ ޙަވާލުކޮށްދެއްވީ، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަކިލޭޝް މިޝްރާ، އެވެ. އަދި، އެމްއެންޑީއެފްގެ ފަރާތުން މި ތަކެއްޗާ ޙަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އެވެ.

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ދެއްކެވި ވާހަކަފުޅުގައި އިންޑިއާ އަސްކަރިއްޔާއިން އެމްއެންޑީއެފްގެ ތަފާތު ދާއިރާތައް ތަރައްޤީއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ އިންޑިއާގެ އަސްކަރިއްޔާއަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ ދެއްކެވި ވާހަކަފުޅުގައި ދެޤައުމުގެ އަސްކަރިއްޔާ ދެމެދުގައި އޮތް ގުޅުން މިހާރަށްވުރެ ހަރުދަނާ ކުރައްވަން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށާއި އެމްއެންޑީއެފްގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ގެންދަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އިންޑިއާއިން އެމްއެންޑީއެފަށް ހަދިޔާކުރި އޮއިލް ސްޕިލް ޑިސްޕާޝެންޓް ތަކަކީ، މިދިޔަ އޮކްޓޯބަރ މަހުގެ ތެރޭގައި އިންޑިއާ އަސްކަރިއްޔާ އާއި އެމްއެންޑީއެފް ކޯސްޓްގާޑު ގުޅިގެން ބޭއްވި "އެކްސަސައިޒް ދޯސްތީ" ކުރިއަށްދިޔައިރު، އިންޑިއަން ކޯސްޓްގާޑުގެ ޑައިރެކްޓަރު ޖެނެރަލް، ރަޖެންދްރަ ސިންހް އާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ބައްދަލުކުރައްވައި ދެއްކެވި ރަސްމީ ވާހަކަފުޅުގެ ތެރެއިން އިންޑިއާއިން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާ ކުރުމަށް ނިންމާފައިވާ އާލާތްތަކެކެވެ.

އޮއިލް ޑިސްޕާޝެންޓް އަކީ ކަނޑަށް އެޅޭ ތެލުގެ ސަބަބުން ކަނޑު ތަޣައްޔަރުވުން ހުއްޓުވުމަށް ބޭނުންކުރާ އާލާތެކެވެ.

އައިސީޖީއެސް ސަމަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒުހައިރު އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު އާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުން އަދި ކޯސްޓްގާޑުގެ ސެއިލަރުން ބައިވެރިވެފައިވެއެވެ.

އިންޑިއަން ކޯސްޓްގާޑު މަނަވަރު، އައިސީޖީއެސް ސަމަރު ރާއްޖެ އައިސްފައި މިވަނީ މާދަމާ އިން ފެށިގެން ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ސަވައިލަންސް އޮޕަރޭޝަންގައި ބައިވެރިވުމަށެވެ. މި ސަވައިލަންސް އޮޕަރޭޝަންގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނާއި އިންޑިއާގެ ކޯސްޓްގާޑުން ހަރަކާތްތެރިވާނެ އެވެ. އަދި، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ހިންގާ މި ސަވައިލަންސް އޮޕަރޭޝަން މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.

މި ސަވައިލަންސް އޮޕަރޭޝަންގައި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމާއި، އެފަދަ ކަމެއް ހިނގާ ނަމަ އެކަމަށް ފިޔަވަޅު އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.