މީގެ މަހެއްހައި ދުވަސް ކުރިއަށް ބަލާލައިފިނަމަ އުމުރުން 50 އަހަރުވީ ބަހްރޯ ނިސާ ފެނިވަޑައިގަންނަވާނީ އޭޝިއާގެ އެންމެ ބޮޑު އެއް މިސްކިތުގެ ކައިރީގައި ހުރި ކުޑަކުޑަ ފިހާރައެއްގައި ފިނި ބުއިން ވިއްކާން އިންދައެވެ.
އޭނާއަކީ ކަންކަމާ ދެކޮޅު ހަދައި، އަޑު އުފުލައި ހަދާ މީހެއް ނޫނެވެ. އެކަމަކު ފާއިތުވި އަހަރުގެ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހާއެކު ބަހްރޯ ނިސާއަށް ޓީވީން ފެނުނު މަންޒަރުތަކެއްގެ ސަބަބުން އޭނާގެ ދިރިއުޅުން މުޅީން އެހެން ގޮތަކަށް ބަދަލު ވެގެން ހިނގައްޖެއެވެ. އޭނާއަށް ފެނުނީ ޖާމިޢާ މިއްލިއްޔާ އިސްލާމިއްޔާ ޔުނިވަރސިޓީގެ ދަރިވަރުންނަށް ފުލުހުން އަނިޔާ ކުރަމުން ގެންދިޔަ މަންޒަރެވެ. އެކުދިންނަށް އަނިޔާ ވަމުން ދިޔައީ އިންޑިއާ ސަރުކާރުން އަލަށް ތައާރަފުކުރި ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް އަޑު އުފުލައި ހަޅުތާލު ކުރީމައެވެ.
އެރޭ ނިސާއާއި އެހެން ބައެއް މީހުން ދިއްލީގައި މުސްލިމުން ދިރިއުޅޭ ސަަރަހައްދެއް ކަމުގައިވާ ޝާހީން ބާޣަށް އެއްވެ ޖާމިޢާ މިއްލިއްޔާގެ ދަރިވަރުންނަށް ތާއީދުކުރާކަން ހާމަ ކުރިއެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު އޭނާ މުޒާހަރާގައި ބައިވެރިވެއެވެ. އެކަމަށްޓަކައި އޭނާ އަދާކުރަމުން ދިޔަ ވަޒީފާވެސް ދޫކޮށްލިއެވެ.
ޝާހީން ބާޣްގައި އިނދެގެން ސީއެންއެންގެ ރިޕޯޓަރަކާ ވާހަކަ ދައްކަމުން އޭނާ ބުންޏެވެ. "އެމީހުން މަސައްކަތް ކުރަނީ އަހަރެމެންގެ ދަރީންގެ އަޑު ކަނޑުވައިލާން. އެހެންވީމާ މައިންގެ ގޮތުގައި އަހަރެމެން ގަސްތުކުރީ އެކުދިންގެ ދިފާޢުގައި ތެދުވާން."
ނިސާއަކީ އެތަނަށް އެއްވީ އެއްތައް ބައެއްގެ ތެރެއިން އެންމެ މީހެކެވެ. ޝާހީން ބާޣްގައި އޮންނަ މުޒާހަރާގައި ބައިވެރިވަނީ ހަމައެކަނި އަންހެނުންނެވެ. އެމީހުންނަށް ފިރިހެނުންގެ އެހީތެރިކަން ލިބެއެވެ. ކޮންމެ ރެއަކު އަންހެންުން އެމީހުންގެ ދަރީން ގޮވައިގެން އެތަނަށް އާދެއެވެ. މާމައިންނާއި މަންމައިންނާއި ދައްތައިންނާއި އަންހެން ކޮއްކޮއިންނެވެ. ބޮޑު ފޭލިގެއަކަށް އެތައް ހާސް އަންހެނުންނެއް ޖަމާވެއެވެ. ފިރިހެނުން މުޒާހިރީންނަށް ބޭނުންވާ ކަންތައްތަކަށް މަގުފަހިކޮށްޭން ތިބެއެވެ. ފޭލިގެ ތެރޭގައި ހުންނަ އިސްޓޭޖަކަށް އަރައި ގާނޫނާއު ގާނޫނު އަސާސީގެ މައްޗަށް އެމީހުން ވާހަކަ ދައްކައެވެ. އެ ހިސާބުގަނޑުގެ މީހުން ސަޔާއި ހެދިކާ ގެނެސްދެއެވެ. ކައިރީގައި ހުންނަ ބައެއް ފިހާރަ ބަންދު ކުރެއެވެ. ގޮދަޑިއާއި ރަޖާފަދަ ތަކެތި ގެނެސްދެއެވެ. ކުޑަކުދިން މައިދާނުގައި ކުޅެން އުޅެއެވެ.
ފާއިތުވި ޑިސެންބަރު މަހަކީ ވޭތުވެ ދިޔަ ފަންސާހަކަށް އަހަރުގެ ތެރޭގައި ދިއްލީއަށް އެންމެ ބޮޑަށް ފިނިވީ މައްސަރެވެ. އެކަމަކު އެ ފިނީގައިވެސް އަންހެނުންގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ.
އަންހެނުންް މުޒާހަރާ ކުރަނީ ކީއްވެ؟
އަންހެނުން މުޒާހަރާއަށް ނުކުތް މައިގަނޑު އެއް ސަބަބަކީ މުސްލިމުންނާ ގުޅޭ ގޮތުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ދެއްކި ވާހަކަފުޅެވެ.
ރަށްވެހިކަމުގެ ގާނޫނުގައި ވަނީ އިންޑިއާގައި ދިރިއުޅޭ (އަފްޣާނިސްތާނާއި ބަނގްލާދޭޝްއާއި އަފްޣާނިސްތާނުން އައިސް އުޅޭ) މުހާޖިރުން އެމީހުންނަކީ ކޮނަ ބައެއްކަން އެނގޭފަދަ ލިޔުމެއް ސަރުކާރަށް ހުށަހަޅަން ލާޒިމުކޮށްފައެވެ. ގިނަ މީހުންނަކީ އެފަދަ ލިޔުމެއް އަތުގައި އޮތް ބައެއް ނޫނެވެ. އެކަމަކު ގިނަ މީހުން އިންޑިއާގައި ދިރިއުޅޭތާ ފަންސާސް އަހަރު ވެގެން ހިނގައްޖެއެވެ. ގާނޫނު ބުނާ ގޮތުގައި އެފަދަ ލިޔުމެއް ނެތް މީސްމީހުން އިންޑިއާއިން ބޭރު ކުރާނެއެވެ. އެކަމަކު ލިޔުން ނެތް މީހުންގެ ތެރޭގައި ހިމެނޭ މުސްލިމުން ނޫން އެހެން މީހުންނަށް ލިޔުމާ ނުލައިވެސް ރައްޔިތުކަން ލިބޭނޭ މަގު އޮތީ ފަހި ކޮށްފައެވެ. މޯދީ ވިދާޅުވީ ގޮތުގައި މުސްލިމުންނަށް އެފަދަ ފަހި މަގެއް ހޯދައި ދީފައި ނެތީ އަވަށްޓެރި ގައުމުތަކުގައި މުސްލިމުން އަގުލިއްޔަތު ކަމުގައި ނުވާތީއެވެ. ގާނުނުގައި ބުނާ ގައުމުތަކުން އިންޑިއާއަށް އައިސް އުޅޭ މީހުންގެ އަޣުލަބިއްޔަތަކީ މުސްލިމުންނެވެ. އެހެންވީމާ ގިނަ ބަޔަކު ދެކެނީ މިއީ އިންޑިއާއިން މުސްލިމުން ބޭރު ކުރުމުގެ ބޭނުމުގައި ހަދައިގެން އުޅޭ ގާނޫނެކެވެ. ސަރުކާރު ހިންގާ ބީޖޭޕީގެ އިސް ބޭބޭފުޅުން އެހެން ވިދާޅުވެފައިވެސް އެބަހުއްޓެވެ. މުސްލިމުންނަކީ ފަނިފަކުސަ ކަމުގައިވެސް ބައެއް ބޭފުޅުން ވިދާޅުވެއެވެ.
ގާނޫނާ ދެކޮޅަށް މުޒާހަރާ ކުރަން ޖާމިޢާ މިއްލިއްޔާ އިސްލާމިއްޔާ ޔުނިވަރސިޓީ ސަރަހައްދަށް ގާތްގަނޑަކަށް ދެހާހެއްހައި މީހުން އެއްވިއެވެ. މުޒާހަރާ ރޫޅައިލީ ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ. މީހުންތައް ކޮއްޕައި ގަޅުވަމުން ކަރުނަ ގޭސް ޖަހަމުން ގޮސް ފުލުހުން ޔުނިވަރސިޓީގެ ކުތުބުޚާނާއަށްވެސް ވަދެގަތެވެ. ދަރިވަރުން ބުނާ ގޮތުގައި ފުލުހުން އެކުދިންގެ ގައިގައި ތަޅައި އަނިޔާ ކުރިއެވެ. އެހެންނަމަވެސް ސަރުކާރުން ބުނާ ގޮތުގައި ފުލުހުން އެއްވެސް ހަތިޔާރެއްގެ ބޭނުމެއް ނުކުރެއެވެ. އެއްވެފައި ތިބި މީހުން ކޮންޓްރޯލުކުރާން ބޭނުން ކުރީ އެ ވަގުތަށް ބާރުގެ ބޭނުން ކުރާން ފެނުނު އެންމެ ކުޑަ މިންވަރަށެވެ.
މުހާޖިރުންނާއި މުސްލިމުންގެ ރުޅިވެރިކަން އިންޑިއާގެ އެކި ސްޓޭޓްތަކުން ދަނީ ފެންނަމުންނެވެ. މުޒާހަރާތަކުގައި މިހައިތަނަށް ވިހި މީހުން ވަނީ މަރުވެފައެވެ. އެކަމަކު ޝާހީންްބާޣްގައި އޮންނަނީ އަމާން، ސުލްހަވެރި މުޒާހަރާއެކެވެ.
"ރަށްވެހިކަމުގެ ގާާނޫނަކީ މުސްލިމުންނާ ދެކޮޅަށް ނެރުނު ގާނޫނެއް." އުމުރުން 24 އަހަރުގެ ނަޒްމާާ ބުންޏެވެ. އޭނާ މުޒާހަރާއަށް އަންނަނީ އޭނާގެ ދެ އަހަރާ ބައިގެ އަންހެން ދަރިފުޅު ގޮވައިގެންނެވެ. "އަހަރެންގެ ދަރިފުޅު ބޭނުންވަނީ މިނިވަންކަން. އަހަރެމެން މިނިވަން ނުވާނަމަ އަހަރެންގެ ދަރިފުޅުވެސް މިނިވަނެއް ނުވާނެ."
ރަށްވެހިކަމުގެ ގާނޫނުގެ ވާހަކަ ނަޒްމާއަށް އެނގުނީ ޖާމިޢާ މިއްލިއްޔާގެ މުޒާހަރާއާ ގުޅިގެންނެވެ. އޭގެ ފަހުން ގޭތެރޭގެ މަސައްކަތް ނިންމާފައި އޭނާ އަންނަނީ މުޒާހަރާއަށެވެ. އޭނާގެ މައިދައިތަ ރެޔާއިދުވާ ހޭދަކުރަނީ ފޭލިގޭގައި މުޒާހަރާގައެވެ.
އެހެން މީހުންނެކޭ އެއްފަދައިން ނަޒްމާވެސް ގަބޫލުކުރާ ގޮތުގައި މި ގާނޫނަކީ ސީދާ މުސްލިމުންނަށް އަމާޒުކޮށް ހެދި ގާނޫނެކެވެ. ގާނޫނު މިހައިތަނަށް ފުރިހަމައަށް ތަންފީޒުކޮށްފައި ވަނީ އާސާމުގައި އެކަންޏެވެ. އެ ސްޓޭޓުން 1.9 މިލިއަން މީހުން ވަނީ ރަޖިސްޓަރީން އުނިކޮށްފައެވެ. އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ.
"އިންޑިއާއަށް ވާނީ ކިހިނެއް ބާވައޭ އަހަރެންގެ ހިތަށް އަރާ." ނަޒްމާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ޣައިރު މުސްލިމް ރައްޓެހިން މިހާރު އޭނާޔަކާ ވާހަކައެއް ނުދައްކައެވެ. "މި ގައުމުގެ މިނިވަންކަމަށްޓަކައި އަހަރެންގެ ކާފަ ޖިހާދުކުރި. އަހަރެމެންނަކީ މި ގައުމުގެ ރައްޔިތުން. މިއަދު ސަރުކާރުން އެ ބުނަނީ މި ގައުމުން ފައިބާށޭ. އަހަރެމެން އުފަންވީ މި ބިމަށް. މިހާރު ސަރުކާރުން އެ އުޅެނީ އަހަރެމެން މި ބިމުން ނެރެލާން. އެއީ މަޔަކު އޭނާގެ ދަރިން އެއްލައިލުން ކަހަލަ ކަމެއް."
މުޒާހަރާގެ ރައްދު
ބައެއް މީހުން ދެކޭ ގޮތުގައި އަންހެނުން ތިބޭން ވާނީ ގޭތެރޭގައެވެ. މުޒާހަރާއަށް ނުކުތުމަކީ އެމީހުން ކުރަން ޖެހޭ ކަމެއް ނޫނެވެ.
ނަޒްމާގެ ފިރިމީހާ ރިޔާސަތު ޢަލީ ބުންޏެވެ. "އަހަރެންގެ މަންމަ ރޭގަނޑު ހަތަރުދަން ހޭދަކުރަނީ މިތާނގައި. މަންމައަށް ކަމެއް ވެދާނެތީ އަހަރެން ބިރުގަނޭ. އެ ގުންޑާއިން (ފުލުހުން) ރޭގަނޑު ދަންވަރު އައިސް މިތަނަށް އަރައިގެންފާނެ. ޔުނިވަރސިޓީއަކަށް ވަން ބަޔަކު ހާމަ މަގެއްގައި އަނިޔާ ކުރާކަށް ޖެހިލުމެއް ނުވާނެ."
އޭނާގެ އާއިލާގެ އެންމެގެ އަތުގައިވެސް ފުރިހަމަ ލިޔެކިޔުން އެބަހުއްޓެވެ. އެކަމަކު ނަޒްމާއެކޭ އެއް ފަދައިން އަލަށް ހެދި ގާނޫނުގެ ސަބަބުން އޭނާވެސް ހުރީ ކަންބޮޑު ވެފައެވެ. "ލިޔުން ނެތް ނެތް އެތައް ބަޔަކު އެބަ އުޅޭ. އެމީހުން ދާނީ ކޮން ތަނަކަށް؟ އަހަރެމެން މިތިބީ އެމީހުން ދޫކޮށްލާ ގޮތަކަށް ނޫން. މިއީ ހަމައެކަނި މުސްލިމުންގެ ދެކޮޅުހެދުމެއް ނޫން. މިއީ އެންމެނަށްޓަކައި ކުރާ ކަމެއް."
އުމުރުން 34 އަހަރުގެ ނާޒިއާ ޝަކީލް ގޭތެރޭގެ މަސައްކަތުން އަވަދިވެގެން ފޭލިގެއަށް އަންނަނީ ރޭގަނޑު އެގާރަ ޖަހާއިރުއެވެ. އޭނާއަށް މި ގާނޫނުގެ ވާާހަކަ އެނގުނީ ފިރިމީހާ ކިޔައިދިނީމައެވެ. ފިރިމީހާވެސް މަަސައްކަތް ނިންމާާފައި އަންނަނީ އެ ސަރަހައްދަށެވެ. ދެމަފިރިން އެނބުރި ގެއަށް ދަނީ މެންދަމުން އަލިވެ ތިނެއް ޖެހީމައެވެ.
ނާޒިއާގެ ދަރިއަކު ނެތެވެ. އޭނާ ބުނާ ގޮތުގައި މިއީ އިންސާނިއްޔަތަށްޓަކައި އޭނާ ކުރާ ކަމެކެވެ.
"ދަރިންނަށްޓަކައި ކުރާ ކަމެކޭ ބައެއް މީހުން ބުނޭ. އަހަރެންގެ ދަރިއެއް ނެތް. އަހަރެން ވިސްނަނީ މި ގައުމުގައި ދިރިއުޅޭ މީހުނާމެދު. އެމީހުނާމެދު އަމަލު ކުރެވޭ ލާއިންސާނީ ގޮތާމެދު."
ހުއްޓުމެއް ނެތް
ޝާހީން ބާޣްގެ މަގުތައް ހުންނަނީ ބަންދު ކޮށްފައެވެ. އެކަމަކު ދާދި ފަހުން ބަޔަކު ވަނީ ޕެޓިޝަނެއް ހަދައިފައެވެ. އެ ޕެޓިޝަނުގައި އެދިފައި ވަނީ ކޯޓުން މައްސަލައިގެ ތެރެއަށް ވަދެ މަގު ބަންދު ކުރުން ހުއްޓުވަން އެދިފައެވެ.
އެކަމަކު އަންގާރަ ދުވަހު ހައި ކޯޓުން ވަނީ އެ ޕެޓިޝަން ބަލައިނުގަނެ ރައްދު ކޮށްފައެވެ. ކޯޓުން ފުލުހުންނަށް އަމުރުކުރީ ހާލަތާ އެކަށިގެންވާ ފިޔަވަޅުތައް އަޅަމުން ގެންދާށެވެ. އަދި އާއްމު މަސްލަހަތަށް ބެލުމާއެކު ގާނޫނުތަކަށް ފުރިހަމައަށް ބޯލަނބާން ހައި ކޯތުން ވަނީ ފުލުހުންނަށް އަމުރު ކޮށްފައެވެ.
ކެރަލާ ސްޓޭޓުން ވަނީ ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ. އެދިފައި ވަނީ އެ ގާނޫނަކީ ގާނުނު އަސާސީއާ ޚިލާފު ގާނޫނެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް އިންޑިއާގައި ކުރަމުން ގެންދާ މުޒާހަރާތައް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރު ވަމުންނެވެ. އެޔާއެކު މުސްލިމުންނާ ދެކޮޅު ނަފުރަތުގެ ހަރަކާތްތައްވެސް ބިރުވެތިވާން ޖެހޭ މިންވަރަކަށް ދަނީ އިތުރު ވަމުންނެވެ.
މައުލޫމާތު: ސީއެންއެން
Ma heekuree emme kureesafuga burugaa alhaafa inee Sidhaatha kamah
??
Mithibee anhenunnakee
Gadha in'gey.