(23 ފެބްރުއަރީ 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އިންސާނާއަކީ ހަމައެކަނި މާތް اللّه ގެ އަޅެކެވެ.
އިންސާނާއަކީ ހަމައެކަނި އެއްކައުވަންތަ މާތް اللّه ގެ އަޅެކެވެ. އިންސާނާ އަޅުކަންކުރަންޖެހޭ ފަރާތަކީ، އެކަލާނގެއެވެ. އޭނާ ބޯލަނބައި ކިޔަމަންވާންޖެހޭ ފަރާތަކީވެސް ހަމައެކަނި އެކަލާނގެ ރަސްކަންފުޅެވެ. އެހެންކަމުން އެހެން ކޮންމެ އަޅުވެތިކަމަކުން ނެއްޓި މިނިވަންވުމަކީ އޭނާއަށް ލިބިގެންވާ ޙައްޤެކެވެ. އޭނާ މިނިވަންވާން ޖެހޭނެވެސް މެއެވެ. ތިމާފަދަ އަނެއް އިންސާނަކު އަޅުވެތިކޮށް ތިމާއަށް އަޅުކަންކުރާން މަޖުބޫރުކުރުމަކީ އެއްވެސް އިންސާނަކަށް ލިބިފައިވާ ޙައްޤެއް ނޫނެވެ.
އިސްރާއީލް ބާގައިގެ މީހުންނާމެދު ފިރުޢައުނު ކަންތައް ކުރީ އެގޮތަށެވެ. ފިރުޢައުނު އިސްރާއީލުގެ ދަރީން އަޅުވެތިކުރިއެވެ. موسى عليه السّلام ފިރުޢައުނާ ދެކޮޅަށް އަޑުއުފުއްލެވިއެވެ. އެކަލޭގެފާނަކީ މާތް اللّه ގެ ރަސޫލެއް ކަމުގައި ވިދާޅުވިއެވެ. އެކަލާނގެ ރަސްކަންފުޅަށް އަޅުކަންކުރުމަށް ދަޢުވަތުދެއްވިއެވެ. موسى ގެފާނުގެ ދަޢުވަތުގައި ހިމެނޭ ދެވަނަބަޔަކީ ފިރުޢައުނުގެ އަޅުވެތިކަމުން ބަނޫއިސްރާއީލް ސަލާމަތްކުރެއްވުމެވެ. ފިރުޢައުނުގެ އަނިޔާއިން އެމީހުން މިންޖުކުރެއްވުމެވެ. އެބައިމީހުންނަށް މިޞްރުން ހިޖުރަކުރެވޭނެ މަގުފަހިކުރެއްވުމެވެ. موسى ގެފާނުގެ ވާހަކަފުޅުގެ ޖަވާބުގައި ފިރުޢައުނު موسى ގެފާނަށް ހަނދުމަފުޅުކޮށްއެރުވީ އެކަލޭގެފާނުގެ ތުއްޕުޅުއިރު އޭނާގެ ކިބައިން ލިބިވަޑައިގެންފައިވާ އިޙްސާންތެރިކަމެވެ. އެ ވާހަކައިގެ ޖަވާބުގައި موسى عليه السّلام ވިދާޅުވިއެވެ.
وَتِلْكَ نِعْمَةٌ تَمُنُّهَا عَلَيَّ أَنْ عَبَّدْتَ بَنِي إِسْرَائِيلَ (الشعراء: ٢٢)
"އަދި ތިމަންކަލޭގެފާނަށް ކަލޭ ދިން نعمة އެއް ކަމުގައި ތިޔަ ކަލަގޮވާ نعمة އަކީ، ކަލޭ إسرآءيل ގެ ދަރީން އަޅުވެތިކޮށްލިކަމެވެ. (އެބަހީ: އަހުރެން އަޅުވެތިނުކޮށް ދޫކޮށްލިނަމަވެސް، އެއުރެންނަށް ކަލޭ ކުޅަ އަނިޔާއިން، ކަލެޔަށް ދެވިފައި އޮތީ ކޮން نعمة އެއް ހެއްޔެވެ؟)"
موسى عليه السّلام އާމެދު އިޙްސާންތެރިކަމުގެ ގޮތުން ފިރުޢައުނަށް ކަމެއް ކުރެވިފައި އޮތް ކަމުގައި ވިޔަސް އެއީ އެންމެ ފަރުދަކާމެދު އިންސާނިއްޔަތުކަމުގެ ގޮތުން ނުވަތަ ހަމްދަރުދީގެ ގޮތުން ކޮށްފައިވާ ޢަމަލެކެވެ. އެކަމަކީ ޤައުމެއްގެ ހުރިހައި އަފްރާދުންގެ ގައިގައި އަނިޔާވެރިކަމުގެ ވަކިހިއްޕައިލައި އެބައިމީހުން އަޅުވެތި ކަމުގައި ދިރިއުޅޭން މަޖުބޫރުކުރުން ހުއްދަކޮށްދޭ ސަބަބެއް ނޫނެވެ. ފިރުޢައުނު موسى ގެފާނަށް ހެޔޮކަމެއް ކޮށްދިން ކަމުގައި ވިޔަސް އިސްރާއީލުގެ ދަރީންގެ މިނިވަންކަމުގެ ޙައްޤު އޮތީ އޭގެ މަޤާމުގައެވެ. އެކަން އޮންނަންވާނީވެސް އެގޮތުގައެވެ. އެހެންކަމުން ފިރުޢައުނާ މުޚާޠަބުކުރައްވައި موسى ގެފާނު އެ ވިދާޅުވީ ކަލޭގެ އަހަންނަށް ކޮށްދިން އިޙްސާންތެރިކަމެއް ކަމުގައި ތިޔަ ކަލަގޮވާ ކަންތައްތަކުގެވެސް ޙަޤީޤީ ސަބަބަކީ ކަލޭގެ އަޅުވެތިކޮށްގެން ތިޔައުޅޭ ޤައުމުގެ ނަސްލު ނައްތައިލުމަށް ކަލޭ ކޮށްގެންއުޅޭ ތަދުބީރެވެ. އެކަމުން އަހަރެން ސަލާމަތްވުމެވެ. އަހަންނަކީވެސް އެ ޤައުމުގެ ދަރިއެއްކަން ކަލެއަށް ވިސްނައި ނުގަނެވުނީއެވެ.
موسى عليه السّلام ގެ ރަސޫލުކަމުގެ ދަޢުވަތުގައި ބަނީއިސްރާއީލުގެ މިނިވަންކަމަށް އެކަލޭގެފާނު އެދިވަޑައިގަތް އެދިވަޑައިގަތުން ފިރުޢައުނު ޤަބޫލުނުކޮށް ދޫކޮށްލީ ވަރަށް ބޮޑާކަމާއެކުގައެވެ. އޭނާ ބުންޏެވެ. موسى ގެފާނާއި އެކަލޭގެފާނުގެ އަޚް هارون ގެފާނު ވަނީ އަހަރެމެންގެ އަޅުން ކަމުގައިވާ ޤައުމުގެ ތެރެއިންނެވެ. އެ ދެމީހުންނަކީ މާތް اللّه ގެ ރަސޫލުން ކަމުގައްޔާއި އަހަރެމެންގެ ވެރީން ކަމުގައި އަހަރެމެންނަށް ޤަބޫލުކުރެވޭނީ ކޮންގޮތަކުން ހެއްޔެވެ؟ ފިރުޢައުނާއި އޭނާގެ ޤައުމު މާތް اللّه ގެ ހިދާޔަތު ޤަބޫލުކުރުމުގައި ހުރަހަކަށްވީ އެބައިމީހުންގެ ނަސްލީ ބޮޑާކަމެވެ. އެބައިމީހުންގެ ނިމުމަކަށްވީ ނީލަކޯރަށް ޣަރަޤުވުމެވެ. (ބައެއް ރިވާޔަތްތަކުގައިވާ ގޮތުން ފިރުޢައުނު ޣަރަޤުވީ ބުޙައިރާތު މުއްރާއަށެވެ. އެދުވަސްވަރު އެތަން އޮތީ ގަލްފު އޮފް ސުވޭޒް ނުވަތަ ރަތްކަނޑާ ގުޅިފައެވެ. މުތަރުޖިމް)
އަރަހުށި މާތް اللّه ވަޙީކުރައްވައިފައިވަނީ އަންނަނިވި ފަދައިންނެވެ.
فَقَالُوا أَنُؤْمِنُ لِبَشَرَيْنِ مِثْلِنَا وَقَوْمُهُمَا لَنَا عَابِدُونَ * فَكَذَّبُوهُمَا فَكَانُوا مِنَ الْمُهْلَكِينَ (المؤمنون: ٤٧ – ٤٨)
"ފަހެ، އެއުރެން ބުނޫއެވެ. ތިމަންމެންކަހަލަ آدم ގެދަރި ދެމީހަކަށް ތިމަންމެން إيمان ވާނެ ހެއްޔެވެ؟ އެ ދެމީހުންގެ قوم ގެ މީހުން، ތިމަންމެންނަށް ކިޔަމަންވާ އަޅުން ކަމުގައިވާ حال ގައެވެ. ފަހެ، އެއުރެން އެ ދެބޭކަލުން ދޮގުކުޅައޫއެވެ. ދެން ހަލާކުކުރައްވައި ނެތިކުރެއްވި މީހުންގެ ތެރެއިން އެއުރެންވޫއެވެ."
އާދެ، މިއީ އަރަހުށި މާތް اللّه ގެ ޤާނޫނު އެއްވެސް އިރަކު އެއްވެސް ފިރުޢައުނެއްގެ ފިރުޢައުނިއްޔަތު ބަރުދާސްތު ނުކުރައްވާނެކަމުގެ އިޢުލާނެކެވެ. ބަޔަކަށް ވެރިކަމާއި ބާރު ދެއްވަނީ އަނެއް ބަޔަކު އަޅުވެތިކޮށް ތިމާމެންގެ ކުރިމަތީގައި ކުޑަކަކޫމައްޗަށް ތިރިކުރުވައިފައި ބައިތިއްބާކަށެއް ނޫނެވެ. ދައުލަތެއްގައި އެއްވެސް ފަރުދެއްގެ ޙައްޤަކީ އަނެއް ފަރުދެއްގެ ޙައްޤަށްވުރެ ކުޑަ އެއްޗެއް ނޫނެވެ. އެންމެންނަކީވެސް ޙައްޤުތައް ލިބުމުގައި ހަމަހަމަވެގެންވާ ބަޔެކެވެ. ސަރުކާރު ވާން ޖެހެނީ އެ ޙައްޤުތަކުގެ ފާރަވެރިޔަކަށެވެ. އެ ޙައްޤުތައް ފޭރިގަންނަ ފަރާތަކަށް ނޫނެވެ.
އަޅުވެތިކުރުމަކަށް ދީނީ ގޮތުން ޖާގައެއް ނެތެވެ.
އިސްލާމްދީން ސިޔާސީ އަޅުވެތިކަމާ ދެކޮޅުހަދާ ފަދައިން ދީނީ އަޅުވެތިކަމާވެސް ދެކޮޅުހަދައެވެ. އިސްލާމްދީން ވަނީ ޕޯޕުންނާއި ބްރަހަމަނުންގެ ދީނީވެރިކަންފަދަ ދީނީވެރިކަމުގެ އިދާރާތައް އުވައިލައިފައެވެ. މާތް اللّه ގެ ނަބިއްޔުން ދެއްވައިފައިވާ ހިދާޔަތާ އެއްގޮތަށް ކޮންމެ އިންސާނަކަށްވެސް އެކަލާނގެ ރަސްކަންފުޅާ ސީދާ ގުޅުން ޤާއިމުކުރެވިދާނެއެވެ. އެކަލާނގެ ރަސްކަންފުޅު ހަނދާންކުރެވިދާނެއެވެ. އެކަލާނގެ ރަސްކަންފުޅަށް އަޅުކަންކުރެވިދާނެއެވެ. އެކަލާނގެ ރަސްކަންފުޅަށްޓަކައި ޤުރްބާންކޮށް އެކަލާނގެ ރަސްކަންފުޅަށް ނަދުރުބުނެ އެކަލާނގެ ރަސްކަންފުޅަށްޓަކައި ޞަދަޤާތްކުރެވިދާނެއެވެ. ދިމާވާ އުނދަގޫތަކާއި މައްސަލަތަކާމެދު އެކަލާނގެ ރަސްކަންފުޅަށް ރުޖޫޢަވެ ދުޢާކޮށް އަދައިދެންނެވިދާނެއެވެ.
وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ (البقرة: ١٨٦)
"އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަންރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ."
اللّه سبحانه وتعالى އާ ކުއްތަންވުމަށްޓަކައި އެއްވެސް ދޭވީއެއް ނުވަތަ ދޭވަތާއެއްގެ މެދުވެރިވުމެއް ބޭނުމެއް ނުވެއެވެ. ޕޯޕެއްގެ ނުވަތަ ޕަންޑިތެއްގެ އެހީއަށް އެދޭކަށެއް ނުޖެހޭނެއެވެ. ޕަރައުހަތެއް (ނުވަތަ ވަލީވެރިއެއް) ގެ ވާސިޠާއެއް ބޭނުމެއް ނުވެއެވެ. އަރަހުށި މާތް اللّه ވަޙީކުރައްވަނީ މިދަންނަވާ ގޮތަށެވެ.
أَلَا لِلَّهِ الدِّينُ الْخَالِصُ وَالَّذِينَ اتَّخَذُوا مِنْ دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى إِنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ إِنَّ اللَّهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ (الزّمر: ٣)
"ދަންނާށެވެ! خالص ވެގެންވާ دين ވަނީ اللّه އަށެވެ. އަދި އެކަލާނގެ ފިޔަވައި އެހީތެރިންތަކެއް ހިފި މީހުން ބުނޫއެވެ. اللّه ގެ حضرة އަށް ތިމަންމެން ކުއްތަންކޮށްދިނުމަށް މެނުވީ، ތިމަންމެން އެތަކެއްޗަކަށް (އެބަހީ: ބުދުތަކަށް) އަޅުކަމެއް ނުކުރަމުއެވެ. ހަމަކަށަވަރުން، އެއުރެން އެކަމާމެދު خلاف ވެގެންއުޅޭ ކަންތަކާ ދޭތެރޭގައި اللّه އެއުރެންގެ މެދުގައި حكم ކުރައްވާނެތެވެ. ހަމަކަށަވަރުން، ދޮގުހަދާ كافر އަކަށް اللّه ތެދުމަގެއް ނުދައްކަވާނެތެވެ."
އިސްވެދިޔަ މާތް އާޔަތަށް ވިސްނައިލުމުން ސާފުކޮށް ބަޔާންވާ ގޮތުން، ސިޔާސީ ގޮތުން ވިޔަސް، ދީނީ ޙައިޘިއްޔަތުން ވިޔަސް އެއްވެސް އިންސާނަކު ތިމާގެ ޙުކުމުގެ ދަށުގައިވާ މީހަކު އަޅުވެތިވެފައިވާ މީހަކަށް ހެދުމަކީ ކަނޑައެޅިގެން ހުރި މަނާކަމެކެވެ. މިނިވަންކަމުގެ ނިޢުމަތް ލިބިގަތުމާއި، އެއްވެސް މީހެއްގެ ނުވަތަ އެއްވެސް އިދާރާއެއްގެ އަޅުވެތިކަން ބަލައިނުގަތުމަކީ އިންސާނާއަށް ލިބިފައިވާ ޙައްޤެކެވެ.
އިންސާނާއަކީ ޙުރުމަތްތެރި މަޚްލޫޤެކެވެ.
އަރަހުށި މާތް اللّه سبحانه وتعالى ވަނީ އެކަލާނގެ މަޚްލޫޤުންގެ ތެރެއިން އެހެނިހެން ސުމާރެއްނެތްހައި ގިނަ މަޚްލޫޤުންގެ މައްޗަށް އިންސާނާ މާތްކުރައްވައިފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.
وَلَقَدْ كَرَّمْنَا بَنِي آَدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُمْ مِنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَى كَثِيرٍ مِمَّنْ خَلَقْنَا تَفْضِيلًا (الإسراء: ٧٠)
މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدم ގެދަރީން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން رزق ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ."
އިންސާނާއަށް އެހެނިހެން މަޚްލޫޤާތުގެ މައްޗަށް ލިބިފައިވާ މާތްކަމުގެ ތެރެއިން ބައެއް ކަންކަމުގެ މައްޗަށް ކީރިތި ޤުރްއާނުގައި ވަނީ ޞަރީޙުކޮށް އަލިއަޅުއްވައިލައްވައިފައެވެ. ބައެއް ކަންކަމުގެ މައްޗަށް ވަނީ އިޝާރަތްކުރައްވައިފައެވެ.
އަރަހުށި މާތް اللّه އިންސާނާ ހައްދަވައިފައިވަނީ އެންމެ ރީތި ބުރުޞޫރައިގައެވެ. އިންސާނާގެ ހަށިގަނޑު ފަރުމާވެފައިވާ ގޮތާއި، ބުރުޞޫރައާއި، އިސްކޮޅާއި ގުނަވަންތަކުގެ މުނާސަބުކަމާއި، އޭނާގެ މަލައަށް ބަލާއިރު އިންސާނާއަކީ ދުނިޔޭގައިވާ އެންމެ ރީތި މަޚްލޫޤެވެ. سورة التين ގައި ވަޙީކުރައްވައިފައިވެއެވެ.
لَقَدْ خَلَقْنَا الْإِنْسَانَ فِي أَحْسَنِ تَقْوِيمٍ (التّين: ٤)
މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި صورة ގައި އިންސާނާ ހެއްދެވީމެވެ."
އަދިވެސް ވަޙީކުރައްވައިފައިވެއެވެ.
وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ وَإِلَيْهِ الْمَصِيرُ (التّغابن: ٣)
މާނައީ: "އަދި ތިޔަބައިމީހުން صورة ކުރައްވައި، ދެން ތިޔަބައިމީހުންގެ صورة ތައް ރިވެތިކުރެއްވިއެވެ. އަދި އެނބުރި ދިޔުން ވަނީ، އެކަލާނގެ حضرة އަށެވެ."
އިތުރަށް ވަޙީކުރައްވައިފައިވެއެވެ.
الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ * فِي أَيِّ صُورَةٍ مَا شَاءَ رَكَّبَكَ (الانفطار: ٧ - ٨)
މާނައީ: "އެކަލާނގެއީ، ތިބާ ހައްދަވައި، އަދި ތިބާގެ ގުނަވަންތައް ފުރިހަމަކުރައްވައި، އިސްކޮޅާއި ރޫފަ ގުޅޭގޮތަށް ތިބާ ލެއްވި ރަސްކަލާނގެއެވެ. އެކަލާނގެ އިރާދަކުރެއްވި ކޮންމެ ސިފަޔަކަށް، އެކަލާނގެ، ތިބާ، تركيب ކުރެއްވިއެވެ."
އިންސާނާއަކީ ބަސްމޮށުންތެރި މަޚްލޫޤެކެވެ. އޭނާއަށް ވަނީ ވާހަކަދެއްކުމުގެ ކުޅަދާނަކަން ދެއްވައިފައެވެ. އޭނާއަށް ޚިޔާލު ފާޅުކުރުމުގެ ޤާބިލުކަން ވަނީ ލިބިފައެވެ. އޭނާއަށް ދެއްވައިފައިވާ ވާހަކަދައްކާ ބަހުގެ ޒަރީޢާއިން އޭނާއަށް އޭނާގެ ހިތުގައި އުފެދޭ ޝުޢޫރު ފާޅުކުރެވެއެވެ.
خَلَقَ الْإِنْسَانَ * عَلَّمَهُ الْبَيَانَ (الرّحمن: ٣ - ٤)
މާނައީ: "އެކަލާނގެ އިންސާނާ ހެއްދެވިއެވެ. އެކަލާނގެ އެ އިންސާނާއަށް ބަސްމޮށުންތެރިކަން އުނގަންނައިދެއްވިއެވެ."
ދުލާއި ޤަލަމުގެ ވެރިކަމަކީ އިންސާނާ ފިޔަވައި އެހެން އެއްވެސް ޙަޔަވާނަކަށް ލިބިފައިވާ އިމްތިޔާޒެއް ނޫނެވެ. އެހެން އެއްވެސް ޙަޔަވާނަކަށް ދުލާއި ޤަލަމުގެ ޒަރީޢާއަކުން ޚިޔާލުފާޅެއް ނުކުރެވެއެވެ. ތިމާގެ ހިތުގައި އުފެދޭ ޝުޢޫރުތައް އަނެކުންނަކަށް އަންގައެއް ނުދެވެއެވެ. މި ދެކަންތައް އިންސާނާގެ ކިބައިން ނިގުޅައިގަނެވިއްޖެނަމަ އޭނާ ވެއްޓިގެންދާނީ އެހެނިހެން ޙަޔަވާނުންގެ ދަރަޖައަށެވެ.
އަރަހުށި މާތް اللّه އިންސާނާއަށް ވަނީ ފުރިހަމަ ހަށިގަނޑަކާއެކު ހިތާއި ސިކުނޑިވެސް ދެއްވައިފައެވެ. އެކަލާނގެ ވަޙީކުރައްވައިފައިވަނީ މިދަންނަވާ ގޮތަށެވެ.
وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ قَلِيلًا مَا تَشْكُرُونَ (السّجدة: ٩)
މާނައީ: "އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި ފެނުމާއި ހިތްތައް ލެއްވިއެވެ. ތިޔަބައިމީހުން شكر ކުރަނީ ވަރަށްވެސް މަދުންނެވެ."
މިމޭރުމުން އަދިވެސް ވަޙީކުރައްވައިފައިވެއެވެ.
وَاللَّهُ أَخْرَجَكُمْ مِنْ بُطُونِ أُمَّهَاتِكُمْ لَا تَعْلَمُونَ شَيْئًا وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ لَعَلَّكُمْ تَشْكُرُونَ (النّحل: ٧٨)
މާނައީ: "ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭގޮތުގައިވާ حال، ތިޔަބައިމީހުންގެ މައިންގެ ބަނޑުން، ތިޔަބައިމީހުން ނެރުއްވީ اللّه އެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި ފެނުމާއި ހިތްތައް ލެއްވިއެވެ. އެއީ ތިޔަބައިމީހުން، شكر ކުރުމަށްޓަކައެވެ."
ކަންކަމާ ވިސްނައި ފިކުރުހިންގުމުގެ ޤާބިލިއްޔަތު އިންސާނާއަށް ވަނީ ލިބިފައެވެ. އޭނާ ޙާދިޘާތަކުން އެކަންކަމުގެ ނަތީޖާ ނެރެގަނެއެވެ. އާ ތަޖުރިބާތައް ކުރެއެވެ. މަސައްކަތްތެރިކަމާއި ފިކުރީ ދާއިރާގެ އެންމެ ޒަމާނީ ހޯދުންތަކާއި އީޖާދުތަކަކީ އޭނާގެ މަސައްކަތުގެ ނަތީޖާއެވެ. ޙައިރާންވެ އަންތަރީސްވާފަދަ އާއުފެއްދުންތައް އުފެދިގެން އަންނަނީ އޭނާގެ ސަބަބުންނެވެ. އިންސާނާ އޭނާއަށްޓަކައި ޙަޔާތުގެ އާ ވަސީލަތްތައް ހޯދައެވެ. މިގޮތުން މާއްދީ ތަރައްޤީއާއި ތިޔާގިކަމާއި ތަނަވަސްކަމާ ދިމާޔަށް އޭނާ ކުރިއަރަމުން ދެއެވެ.
އޭނާ ބުއްދީގެ ޒަރީޢާއިން ހެވާއި ނުބައި ވަކިކުރެއެވެ. ކަންކަމުގެ ރީތި ހުތުރާއި ރަނގަޅު ނުރަނގަޅާމެދު ނިޔާކަނޑައަޅައެވެ. މުޢާމަލާތަކުގައި ތިމާގެ ރައުޔު ޤާއިމުކުރެއެވެ. އޭނާގެ ރުހުމާއި އިޚްތިޔާރުގައި ވަކިގޮތެއް ޚިޔާރުކުރެއެވެ. އިންސާނާ ޒިންމާދާރު ފަރުދަކަށް ހަދަނީ އޭނާގެ މި ޤާބިލިއްޔަތެވެ.
މިއީ އިންސާނާގެ ޢިއްޒަތާއި އިޙްތިރާމާ ގުޅޭ ބައެއް ދާއިރާތަކެވެ. އެކަންކަމާ ޚިލާފުވުމަކީ މާތް اللّه އިންސާނާއަށް ދެއްވައިފައިވާ ޢިއްޒަތާއި ޙުރުމަތާ ޚިލާފު ކަމެކެވެ. އިންސާނާ އިންސާނީވަންތަކަމުގެ މަޤާމުން ވަލުޖަނަވާރުންގެ ދަރަޖައަށް ވެއްޓޭފަދަ ގޮތަކަށް ޢަމަލުކުރުމަކީ ކަނޑައެޅިގެންހުރި އަނިޔާއެކެވެ. އިންސާނީވަންތަކަމުގެ ޙުރުމަތާ ޚިލާފު ކޮންމެ ކަމަކީ އިސްލާމްދީން ދެކޮޅުހަދާ ކަމެކެވެ. ފަޤީރުކަމާއި، ބަނޑުހައިހޫނުކަމާއި، ކާބޯތަކެތި މަދުވުމާއި، ކާއެއްޗެހީގެ ހަޑިމުޑުދާރު ވައްތަރުތައް ބޭނުންކުރަން މަޖުބޫރުވުމާއި، އާދަޔާ ޚިލާފު އަދި ނުކުޅެދޭފަދަ ބުރަމަސައްކަތް ކުރަން މަޖުބޫރުކުރުމާއި، ބޭސްފަރުވާގެ ފަސޭހަތައް ލިބޭނެ ވަސީލަތްތައް ޤާއިމުވެފައި ނެތުމާއި، ހަށިގަނޑުގެ ފިޠުރީސިފަ ގެއްލޭފަދަ އަދަބުތައް ދިނުމާއި، މިފަދަ ކޮންމެ ކަމަކީ އިންސާނާގެ ވެރިރަސްކަލާނގެ އޭނާ ޚަލްޤުކުރެއްވި ރީތި ސިފަޔަށް ގެއްލުންދިނުމާ އެއްމާނައެއްގެ ކަންކަމެވެ. މިފަދަ އިންސާނިއްޔަތާ ޚިލާފު ޢަމަލަކާ އިސްލާމްދީން އެއްގޮތަކަށްވެސް ނުރުހެއެވެ. އެއްވެސް ޙާލެއްގައި އެފަދަ ކަމަކަށް ހުއްދައެއް ނުދެއެވެ. ހަމައެފަދައިން ޢިލްމުގެ ނޫރުން މަޙްރޫމްކުރުމާއި، ވިސްނުން ފުޅާވެ ތަނަވަސްވުމަށް ހުރަސްއެޅުމާއި، ސިކުނޑިއާއި ފިކުރުގެ ޤާބިލިއްޔަތު ގާވާފަދަ އެއްވެސް ކަމެއް ކުރުމާއި، ދުލާއި ޤަލަމަށް ހުރަސްއެޅުމަކީވެސް އަނިޔާއެކެވެ. މިހުރިހައި ކަންކަމުން ނެއްޓިހުރެވޭގޮތްވުމަކީ އިންސާނީ ޙުރުމަތް ލާޒިމުކުރާ ކަމެކެވެ. އިސްލާމްދީން އެދެނީ މިހުރިހައި ކަމެއް ފުރާފުރިހަމަވުމެވެ. (ނުނިމޭ)