
އިދިކޮޅު ފަރާތްތަކުން މާލޭގައި މިރޭ ކުރިއަށް ގެންދާ އިހުތިޖާޖު މިރޭ ހުއްޓައި ނުލާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަމީތު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ ހަރަކާތްތައް މިރޭ ފެންނަމުންދަނީ އާދަޔާ ޚިލާފު ގޮތަކަށް ކަމަށެވެ. އެހެންވަނީ ފުލުހުންގެ ތެރޭގައި ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލިފައިވާތީކަން އެނގިވަޑައިގެންފައިވާ ކަމަށް އަމީތު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފުލުހުންގެ މައްޗަށް މިހާރު ކޮމާންޑު ކުރައްވަމުން ގެންދަވަނީ ޖެނެރަލް ޝިޔާމް ކަމަށްވެސް އަމީތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގޭގައި ޓީވީބަލަން ނުތިބެ މިރޭގެ އިހުތިޖާޖުގައި ބައިވެރިވުމަށް ކުނޫޒު ކައިރިއަށް އައުމަށް މީހުންނަށް ގޮވާލާ ކަމަށެވެ. އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިފައިވާ ހައްގަކަށްވާތީ ސުލްހަވެރި އެއްވުމަކަށް ފުލުހުންނަށް ހުރަސް ނޭޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ދެތިން މީހަކު ސަލާމަތް ކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަމީތު ވިދާޅުވީ ފުލުހުން ކުނޫޒަށް ވަދެ މީހުން ގަޔަށް ޕެޕަސްޕްރޭ ޖަހައި ބައެއް މީހުން ވައްޓައި އަނިޔާ ކޮށްފައިވުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.