އިންޑިއާއިން ހަނދަށް ފޮނުވާ ސެޓަލައިޓް އުދުއްސައިލާނީ މި މަހުގެ 22 ވަނަ ދުވަހު

އިންޑިއާއިން ހަނދަށް ފޮނުވާ ސެޓަލައިޓް ފޮނުވާނޭ އައު ތާރީޚެއް އިންޑިއާއިން އިއުލާނު ކޮށްފިއެވެ. މި ސެޓަލައިޓް (ޗަންދްރަޔާން – 2)އުދުއްސައިލާނީ ޖުލައި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު ފަހު އިންޑިއާ ގަޑިން 14:43 ގައެވެ.

މި ސެޓަލައިޓް އުދުއްސައިލާން ފުރަތަމަ ހަމަ ޖެއްސީ މި ދިޔަ ހޯމަ ދުވަހުއެވެ. އެހެންނަމަވެސް ދިމާވީ ފަންނީ މައްސަލަޔަކާ ގުޅިގެން އެ ދުވަހު އުދުއްސައިނުލީ އެވެ.

150 އެމެރިކާ ޑޮލަރު ޚަރަދު ކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި ޗަންދްރަޔާން 2 ހަނދަށް ގޮސް ތިރި ކުރާނީ ހަނދުގެ އުތުރު ފަރާތަށް ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.

އިންޑިއާގެ ފުރަތަމަ ސެޓަލައިޓް ޗަންދްރަޔާން 1 އުދުއްސައިލީ 2008 ވަނަ އަހަރުއެވެ. އެ ސެޓަލައިޓް ހަނދަކަށް ނުޖައްސައެވެ. އެހެންނަމަވެސް ހަނދުގައި ފެން ހުރިތޯ ބެލުމުގެ ދިރާސާއަކަށް ބޭނުންވާ ފޮޓޯ އެ އުޅަނދުން ވަނީ ނަގައިފައެވެ.

މި ފަހަރުގެ ދަތުރުގައި ބަލާނީ ހަނދުގައި ފެނާއި މިނެރަލްގެ ބާވަތްތޯ ހުރިތޯއެވެ. އަދި ބައެއް އެހެން ދިރާސާތަކުގެ އިތުރަށް ހަނދަށް ބިންހެލުން އަންނަ މިންވަރުވެސް ބަލާނޭ ކަމަށް ވަނީ ބުނެފައެވެ.

މި މަޝްރޫއު ކާމިޔާބު ވެއްޖެ ނަމަ އިންޑިއާ ވެގެން ދާނީ ހަނދުގައި ކާމިޔާބު ކަމާއެކު އުޅަނދެއް ޖައްސާ ހަތަރު ވަނަ ގައުމަށެވެ. މީގެ ކުރިން ހަނދުގައި އުޅަނދެއް ޖައްސާފައި ވަނީ އެމެރިކާއާއި ރޫސީވިލާތާއި ޗައިނާއިންނެވެ.

ޗަންދްރަޔާން 2 ގެ ބަރުދަނަކީ 2379 ކިލޯއެވެ. މި އުޅަނދުގައި މައިގަނޑު ތިން ބައެއް ހިމެނެއެވެ. އެއް ބަޔަކީ ހަނދުގައި އުޅަނދު ޖައްސަން ބޭނުންކުރާ ބައެވެ. ދެވަނަ ބަޔަކީ ހަނދުގެ ވަށައިގެން ދަތުރުކުރާން ބޭނުން ކުރާ ބައެވެ. ތިން ވަނަ ބަޔަކީ ހަނދުގެ ސަތަހައިގައި ދުއްވަން ބޭނުންކުރާ ފޮރުޅުލީ ބައެކެވެ.

ހަނދުގެ ވަށައިގެން ދައުރުކުރާ ބައި ހަލާކު ނުވެ ދެމި ހުންނާނޭ ކަމަށް ބަލައިފައި ވަނީ 1 އަހަރު ދުވަހުއެވެ. އެ މުއްދަތުގެ ތެރޭގައި މިބައި ހަނދުގެ ފޮޓޯތައް ކައިރިން ނަގާނެއެވެ. އަދި ހަނދުގެ ކައިރީގެ މާހައުލު އޮންނަ ގޮތް ދެނެގަންނާނެއެވެ.

ހަނދަށް ތިރިކުރާން ނުވަތަ ޖައްސާން ޚާއްސަކޮށްފައިވާ ބަޔަށް ނަމަކީ "ވިކްރަމް"އެވެ. މިބައިގެ އެތެރޭގައި މަސައްކަތަށް ބޭނުންކުރާ ތަކެތި ރައްކާކުރެވިފައި ހުންނާނެއެވެ. އެތަކެތީގެ ބަރުދަނަކީ 27 ކިލޯއެވެ. މިބައިގެ މަސައްކަތަކަށް ވާނީ ހަނދުގެ ބިންގަނޑާއި ފަސް ތަހުލީލުކުރުމެވެ. ޖައްސާން ބޭނުންކުރާ ބަޔާއި ބިންގަނޑު ތަހުލީލު ކުރާން ދުއްވާ ބަޔާ ހުންނާނީ ގުޅިފައެވެ. އެބައިން ނަގާ ފޮޓޯތައް ފޮނުވާނީ އިންޑިއާގެ ޖައްވީ މަރުކަޒަށް ބިމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.