26 - މުޅި ދުނިޔެ ބޮލަށް ލައިގެން ނޫޅޭށެވެ.

ބައެއް މީހުން ރޭގަނޑު ނިދަން އެނދަށް އަރައި ތިބެނީ ސިކުނޑީގައި ދެވަނަ ބޮޑު ހަނގުރާމަ ކޮށްކޮށެވެ. އެ ހަނގުރާމަ ނިމޭއިރު ތިބެނީ ހަކުރުބަލި ޖެހިފައެވެ. ކޮލެސްޓްރޯލް ގިނަވެފައެވެ. ކަންބޮޑުވުމުގެ ބަލި ޖެހިފައެވެ.

ސިކުނޑީގައި މި ހަނގުރާމައެއް ހިނގަނީ ކީއްވެގެންހެއްޔެވެ؟ އެއީ ފެންނަ މަންޒަރަކުން ނުވަތަ އިވޭ އަޑަކުން ނުވަތަ މެދުވެރިވާ ކަމަކުން ހިނގާ ކަމެކެވެ. މުދަލުގެ އަގުބޮޑުވުން، ގާތްތިމާގެ މީހަކު ބަލިވުން، މަސައްކަތްކުރާ ތަނެއްގައި އެހެން މީހަކާ ދެމެދު ކުރެވޭ ޒުވާބެއް ފަދަ ކަންކަމުން ސިކުނޑީގައި ބޮޑު ހައިޖާނެއް ހިނގަން ފަށައެވެ.

"...އެއުރެން ހީކުރަނީ، ކޮންމެ ހަޅޭކެއް އެއީ އެއުރެންގެ މައްޗަށް އަންނަ ހަމަލައެއް ކަމުގައެވެ..." (އަލްމުނާފިޤޫން ސޫރަތުގެ 4 ވަނަ އާޔަތުގެ ބައެއް)

ހަނގުރާމައިން ސަލާމަތްވާން ބޭނުންނަމަ ދުނިޔެ ބޮލަށް ލައިގެން ނުހިނގާށެވެ. ދުނިޔޭގެ ކަންތައްތައް ދުނިޔެއަށް ދޫކޮށްލާށެވެ. އެއީ ސިކުނޑީގައި ޖަމާކުރަން ހުންނަ ކަންކަމެއް ނޫނެވެ.

ބައެއް މީހުންގެ ހިތަކީ އިސްޕަންޖު ކަހަލަ އެއްޗެކެވެ. އިވޭ ހުރިހައި އަޑެއް ހިތަށް ވަދެގެން ހިނގައިދެއެވެ. ކުދިކުދި ކަންތައްވެސް މާ ބޮޑެތި ކަންކަމަށް ވެގެން ހިނގައިދެއެވެ. ހިތުގައި މާ އަވަހަށް ޖެހެއެވެ. ނަތީޖާއަކީ މުޅި ދިރިއުޅުން ހަލާކުވެގެން ދިއުމުގެ ފެށުން އައުމެވެ.

މިޔާ ޚިލާފު ގޮތަކަށް ކަންތައް ކުރާ މީހުން ކަންތައްތަކާ ކުރިމަތިލަނީ ތަފާތު ގޮތަކަށެވެ. ދިމާވާ ކޮންމެ ކަމަކާއެކު އެފަދަ މީހުންގެ އީމާންކަން ދާނީ އިތުރުވަމުންނެވެ. އީމާންކަން ބަލިކަށި މީހުންނަށް ވާ ގޮތަށް ކަމެއް މެދުވެރިވުމާއެކު މޫނުކުނިކުރުމާއި ހިތްހަމަނުޖެހުމުގެ ތެރެއަށް ވަނުމަކީ މިފަދަ މީހުން ކުރާ ކަމެއް ނޫނެވެ.

އީމާންކަން ވަރުގަދަ މީހުންގެ ސީދާ މިސްރާބު ހުންނާނީ އެ މީހުން މަގުސަދާ ދިމާއަށެވެ. މީހުން ދައްކާ ވާހަކައަކަށް ނޫނެވެ. އުއްމީދު ގެއްލޭ ކަހަލަ ވާހަކަދައްކަނީ އުއްމީދެއް ނޯންނަ މީސްމީހުންކަން އެމީހުން ދަންނާނެއެވެ. އެހެންވީމާ އެފަދަ މީސްމީހުންގެ ވާހަކަތައް އެއްކަންފަތުން ވަދެފައި އަނެއް ކަންފަތުން ނުކުމެގެން ހިނގައިދާނެއެވެ.

އެހެންވީމާ އީމާންކަމުގެ އެހީގައި ހިތްވަރުގަދަ ކުރާށެވެ. މެދުވެރިވާ މައްސަލައަށްވުރެ ބޮޑު މީހަކަށް ވާށެވެ. މައްސަލައިގެ އިސްކޮޅަށްވުރެ ދިގު މީހަކަށް ވާށެވެ. ދުނިޔެ އެދިގެން ތެޅިނުގަންނާށެވެ. މިއީ ވަގުތީ ތަނެކެވެ. ޔަހޫދީންގެ އުސޫލުގައި ނުހިފަހައްޓާށެވެ.

"އެ ޔަހޫދީންގެ މީހުންނަކީ މީސްތަކުންކުރެ ދުނިޔޭގެ ދިރިއުޅުމަށް އެންމެ ދަހިވެތި އަދި މުޝްރިކުންނަށްވުރެވެސް އެކަމުގައި އަރާތިބި ބަޔަކު ކަމުގައި ކަލޭގެފާނަށް ފެނިވަޑައިގަންނަވާނޭކަން ކަށަވަރެވެ..." (އަލްބަޤަރާ ސޫރަތުގެ 96 ވަނަ އާޔަތުގެ ބައެއް)

ހިތްވަރުކުރާ މީހުންނަށް ﷲ އެހީތެރިވެވޮޑިގަންނަވާނެއެވެ. ހިތްހަމަޖެހުމާއި އުފާވެރިކަން ދެއްވާނެއެވެ. ﷲ ގެ ބަސްފުޅަށް އިތުބާރުކުރާށެވެ.

"...ފަހެ، އެކަލާނގެ އެއުރެންގެ މައްޗަށް ހިތްހަމަޖެހުން ބާވައިލައްވައި އަދި ޖަޒާއެއްގެ ގޮތުގައި ގާތްވެގެންވާ ފަތަޙައެއް އެއުރެންނަށް ދެއްވިއެވެ...." (އަލްފަތަޙް ސޫރަތުގެ 18 ވަނަ އާޔަތުގެ ބައެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.