21 - ކެތްތެރިކަމާއި ތަގުވާވެރިކަން އިސްކުރާށެވެ.

ވަށައިގެން ހޯއްދަވައި ބައްލަވައިލައްވާށެވެ. ހިތާމައެއް ދެރައެއް ލިބިފައި ނެތް އެއްވެސް މީހަކު ފެނިވަޑައިގަނޭތޯއެވެ؟ އެއްވެސް ކަހަލަ ހިތާމައެއް ނުކުރާ މީހަކު ދުނިޔޭގައި އުޅޭ ކަމަށް ދެކެވަޑައިގަންނަވަމުތޯއެވެ؟

ކޮންމެ ގެއެއްގައިވެސް ހިތާމައާއި އުފާވެރިކަން އެކުލެވެއެވެ. އެއީ ހައްތްހާވެސް އިމްތިޙާނެވެ. ކެތްތެރިކަމަށް ދެވޭ ތަމްރީނެކެވެ. ހިތާމައިގައި އުޅުއްވަނީ ހަމައެކަނި ތިބާއެއް ނޫނެވެ. އެހެން މީހުންނާ އަޅައިބަލާއިރު ތިބާގެ ހިތާމަތައް މާ ލުއިކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ނިކަން ވިސްނުންފުޅު ހިންގަވައިލައްވަބައްލަވާށެވެ. އެނދުން ނުތެދުވެވޭފަދަ ބަލި ހާލުގައި ތިބީ ކިތައް މީހުންތޯއެވެ؟ އަތަކަށް ފުރޮޅިލެވޭވަރުގެ ބާރެއްވެސް ނެތް ކިތައް މީހުން އެބަތިބިތޯއެވެ؟ އެއް ބަޔަކު ގައިގައި އަޅާ ވޭނެއްގެ ސަބަބުން ރޮނީއެވެ. ކުކުރަނީއެވެ. ބައެއް މީހުން ތިބީ ޖަލާއި ހުރަގެތަކުގައި ހައްޔަރުވެފައެވެ. ބައެއް މީހުން ދުވާލުގެ އަލިކަމެއް ނުދެކެއެވެ.

ބައެއް މީހުންގެ ހަށިގަނޑުގެ އެކި ގުނަވަންތައް އުނިވަނީ ނުވަތަ ހަލާކުވަނީ ޒުވާން އުމުރުގައެވެ. ދިގު ބައްޔެއް ޖެހެނީ ގައިބާރު ދޫވުމުގެ ކުރިންނެވެ.

އެކަމަކު ތިބާއަށް އެއިން އެއްވެސް ކަމެއް އެ މިންވަރުގައި މެދުވެރި ނުވުމަކީ އެކަށީގެންވާ ކަމެކެވެ. ނުވަތަ އެއިން ކަމެއް މެދުވެރިވެފައިވެސް އޮވެދާނެއެވެ. އެކަމަކު ކެތްކުރަން ދަސްކުރާށެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސީރަތުން ފިލާވަޅު ލިބިގަންނާށެވެ. އެކަލޭގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ކުރިން ބައްޕާފުޅު އަވަހާރަވެއްޖެއެވެ. ތުއްޕުޅުއިރު މަންމާފުޅު އަވަހާރަވެއްޖެއެވެ.

ލޯބިފުޅުވާ އަނބިކަނބަލުން އަވަހާރަވެއްޖެއެވެ. ލިބިވަޑައިގަތް ބޭފުޅުންގެ ތެރެއިން އެންމެ ބޭފުޅަކު ފިޔަވައި ހުރިހައި ބޭފުޅުން އެކަލޭގެފާނު ދުނިޔޭގައި ހުންނަވަނިކޮށް އަވަހާރަވެއްޖެއެވެ.

އެކަލޭގެފާނަށް ޖެހިވަޑައިގަތް މުސީބާތުގެ މިންވަރަކީ ކޮބައިކަމަށްތޯއެވެ؟ ފައިންޕުޅާއި އިސްތަށިފުޅު ޒަޚަމްކޮށްލެވުނެވެ. ދަތްޕުޅެއް ބިންދައިލެވުނެވެ. ލޯބިފުޅުވާ ޞަޙާބީންގެ އެތައް ބޭކަލަކު އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ޝަހީދުވިއެވެ. އޭގެ ތެރޭގައި އާއިލާގެ އެތައް ބޭކަލުންނެއް ހިމެނެއެވެ.

މިފަދަ އެއްވެސް ކަމަކުން އެކަލޭގެފާނުގެ ހިތްވަރުފުޅާއި ޢަޒުމުފުޅަކަށް ބަދަލެއް ނާދެއެވެ. ކެތްތެރިކަމާއި ތަގުވާވެރިކަން ދޫކޮށެއް ނުލައްވައެވެ.

އަޅުގަނޑުމެންނާ ކުރިމަތިވާ މުސީބާތްތަކަކީ މި ދެންނެވުނު ކަންކަމާ ބަލައި އެއްވެސް ކަމެއް ނޫނެވެ. އެހެންވީމާ ކެތްތެރިކަމާއި ތަގުވާވެރިކަން އިސްކުރާށެވެ. ސުވަރުގޭގެ މަގަކީ އެއީއެވެ. އުފާވެރިކަމުގެ މަގަކީ އެއީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.