16 - އީމާންކަމަކީ ދިރިއުޅުމެވެ.

އީމާންކަމަކީ މުޅި ދިރިއުޅުމެވެ. އީމާންކަމެއް ނެތިއްޔާ ދިރިއުޅުން ވާނީ ހުސް އެއްޗަކަށެވެ. މަޤްޞަދެއް ނޯންނާނެއެވެ. އަމާޒެއް ނޯންނާނެއެވެ. މަންޒިލެއް ނޯންނާނެއެވެ.

ހަގީގަތުގައި ކޮންމެ މީހަކުވެސް ކޮންމެވެސް އެއްޗަކަށް ނުވަތަ ކަމަކަށް އީމާންވެއެވެ. އެއީ މާއްދީ އެއްޗަކަށް ވެދާނެއެވެ. ނުވަތަ ކޮންމެވެސް ޚުރާފާތަކަށްވެސް ވެދާނެއެވެ. އިންސާނާ އޭނާގެ ދިރިއުޅުން ބިނާ ކުރަނީ ނުވަތަ ކުރިއަށް ގެންދަނީ އެ އީމާންކަމުގެ އެހީގައެވެ. ދިރިއުޅުން އުފާވެރިވުން ބިނާ ވެފައި އޮންނަނީ އީމާންވާ ކަމެއް ނުވަތަ އެއްޗެއްގެ މަތީގައެވެ.

މަތީގައި ދެންނެވުނު ތަކެއްޗަށް އީމާންވާ މީހާއަށް ވަރަށް ގިނަ ފަހަރަށް ރުޅިއާއި ކަންބޮޑުވުމާ ކުރިމަތިލާން ޖެހެއެވެ. ސަބަބަކީ އެ ތަކެތީގެ ނުވަތަ ކަންކަމުގެ ނުކުޅެދުންތެރިކަމެވެ. އުނިކަމެވެ. މާއްދީ ކޮންމެ އެއްޗަކީ އުނި އެއްޗެކެވެ. ސަބަބަކީ އެއީ އެހެން ބާރެއްގެ ދަށުގައިވާ އެއްޗަކަށް ވުމެވެ. އަމިއްލަ އިޚްތިޔާރާއި ބާރު ނުހިނގާ އެއްޗަކަށް ވުމެވެ. ޚުރާފާތަކީވެސް މި ކަހަލަ އެއްޗެކެވެ. މިސާލަކަށް ރަމަލުވެރިންނަށް ބޯލަނބައިގެން އުޅޭ މީހުން ފެނެއެވެ. އެފަދަ މީހުންނަށް އަމިއްލަ ތަޖުރިބާއިން އެނގެނީ ރަމަލުވެރިން ދައްކާ ގިނަ ވާހަކަ ދަނީ ތާކުންތާކު ނުޖެހިކަމެވެ.

ދުނިޔަވީ ތަކެތިންނާއި ކަންކަމުން ލިބޭ ގެއްލުމުގެ ސަބަބުން ނުވަތަ ކުރިމަތިލާން ޖެހޭ ނާކާމިޔާބީގެ ސަބަބުން ރުޅިއާއި ކަންބޮޑުވުން ހައްދުން ނެއްޓީމާ ބައެއް މީހުން އަމިއްލަ ނަފުސަށް ގެއްލުން ދޭން ފަށްޓައެވެ. އަނެއް ބަޔަކު އަމިއްލައަށް މަރުވެގަނެއެވެ. މިއީ ކިހައި ބޮޑު ނާކާމިޔާބީއެއްތޯއެވެ؟ އުފަލުގައި ދިރިއުޅެން ލިބިފައި އޮންނަ ފުރުސަތު ނަގައިލަނީ ޚުދު ތިމާގެ އަތުންނެވެ.

އުފަލުގައި ދިރިއުޅެން ބޭނުންވާނަމަ އީމާންކަމުގެ މިސްރާބު ސީދާ ކުރަން ޖެހެއެވެ. މިސްރާބު ރަނގަޅު ކުރަން ޖެހެއެވެ. އީމާންކަމުގެ މިސްރާބު ހުންނަންވާނީ ސީދާ ﷲ ތަޢާލާއާ ދިމާއަށެވެ. އެހެން އެއްވެސް ފަރާތެއް ނުވަތަ އެއްޗެއް ޝާމިލުނުވާ ގޮތަށެވެ. އޭގެ ފަހުން އެކަލާނގެ އަންގަވައިފައިވާ ތަކެއްޗަށާއި ކަންކަމަށެވެ. ފުރިހަމަ އުފާވެރިކަމެއް ލިބިގަނެވޭނޭ މި ނޫން ގޮތެއް ނޯންނާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.