24 - ދަތުރުކުރާށެވެ.

ﷲ ދުނިޔޭގައި ލައްވައިފައިވާ ހުރިހައި އެއްޗެއް ހައްދަވައިފައި ވަނީ އިންސާނުންނަށްޓަކައެވެ. ﷲ އަންގަވައިފައި ވަނީ ދުނިޔޭގެ ހުރިހައި އެއްޗެއް ހަލާލު ގޮތުގައި ބޭނުންކުރާށެވެ. އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމަކީ ދުނިޔޭގެ ބޭނުން ހެޔޮ ގޮތުގައި ބޭނުންކުރުމުގެ އެއް ގޮތެވެ. ދަތުރަކީ ހިތުގެ އުދާސްތައް ބޭރުކޮށް އުފަލާއި ހިތްހަމަޖެހުން ލިބިދޭ ކަމެކެވެ. ﷲ ގެ ކުޅަދުންވަންތަކަން ދެކެން ލިބޭ އެންމެ ފަހި އެއް ފުރުސަތަކީ ދުނިޔޭގެ އެކި ތަންތަން ބަލައިލާން ދަތުރުކުރުމެވެ. ގުދުރަތުގެ ރީތި މަންޒަރުތަކާއި ބުއްދި ހައިރާންކޮށްލަނިވި ހެކިތައް ބެލުމަކީ ހިތާއި ސިކުނޑިއަށް ތާޒާކަން ލިބޭ ކަމެކެވެ.

ކަނޑު ދަތުރެއް ކޮށްލުމާއި ފަރުބަދައަކަށް އެރުމާއި އުސްމަގުތަކާއި ހޮހަޅަތަކުގެ ތެރެއިންނާއި މާބަގީޗާތަކުގެ ތެރެއިން ދަތުރުކޮށް އުޅުމަކީ ސިކުނޑިއަށް ދެވޭ ފަރުވާއެކެވެ. އުފާވެރިކަމަށްޓަކައި ކޮށަމުން ގެންދެވޭ މަގެކެވެ.

އެކަނިމާއެކަނި އެއް ތަނެއްގައި ބަންދުވެގެން ހުރުމަކީ ސިކުނޑިއަށް ވިޔާނުދާ ޚިޔާލުތަކާއި ވަހުމުތައް ވަންނަ ކަމެކެވެ. ހާސްކަމާއި ކަންބޮޑުވުން އިތުރުކުރާ ކަމެކެވެ. ކުޑަކުޑަ ކޮޓަރިއަކީ މުޅި ދުނިޔެއެއް ނޫނެވެ. ތިމާއަކީ މުޅި އިންސާނީ ނަވްޢެއް ނޫނެވެ. ސިކުނޑިއާއި ބުއްދި ވިއްސަކަށް އަކަފޫޓުގެ ގޮޅިއަކަށް ލައި ބަންދުނުކުރާށެވެ. ބޮޑުމިން އެނގުމެއް ނެތް ދުނިޔެ މި އޮތީ އަހަރެމެންނަށްޓަކައެވެ.

ދުނިޔޭގެ އެކި ގައުމުތަކަށް ދިގު ދަތުރުކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ފަސޭހައިން ނުކުރެވޭނޭ ކަމަކަށް ވެދާނެއެވެ. އެކަމަކު ރާއްޖޭގެ ރަށްރަށަށް ދަތުރުކުރުމަކީ ކުރެވިދާނެ ކަމެކެވެ. ކައިރި ރަށްރަށަށް ދަތުރު ކުރެވިދާނެއެވެ.

ދަތުރުކުރުމަކީ މިހާރި ޑަކްޓަރުންވެސް ލަފާދޭ ކަމެކެވެ. ނަފްސާނީ ބަލިތަކުގައި އުޅޭ މީހުންނަށް ޑަކްޓަރުން ދޭ އެއް ލަފަޔަކީ ދަތުރުކުރުމެވެ. އެއީ އެކަމުގެ ފައިދާ ބޮޑުކަމުންނެވެ. ތިމާ އުޅޭ ތަން ނޫން އެހެން ތަނަކަށް ގޮސް އުޅުމަކީ ކިހައިވަރެއްގެ ފައިދާއެއް ކުރާ ކަމެއްކަން އެނގޭނީ އެފަދަ ދަތުރެއް ކޮށްލީމައްެވެ. ސިކުނޑީގެ ހަމަޖެހުމަށްޓަކައި އެފަދަ ކަމެއް ކޮށްލާށެވެ. ފައިދާހުރި ކަމެއްކަން ވަރަށް ސާފުކޮށް ފެންނާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.