23 - ﷲ ގެ އެހީތެރިކަމުން ފުދޭނެއެވެ.

ހުރިހައި ކަމަކަށް ﷲ ގެ ޙަޟުރަތުން އެދުމާއި، ﷲ އަށް އިތުބާރުކުރުމާއި، ކޮންމެ ކަމެއްވެސް ފުރިހަމަވެގެން ދާނީ ﷲ އިރާދަކުރެއްވީކަމަށް ގަބޫލު ކުރުމާއި، ހަމައެކަނި ﷲ ގެ ރުއްސެވުން ލިބުނީމާ އެ ނިމުނީ ކަމަށް ގަބޫލުކުރުމަކީ އީމާންކަމުގެ މޭވާއެވެ. އީމާންވާ މީހަކަށް ހިފެހެއްޓޭނޭ އެންމެ ވަރުގަދަ ޢަޤީދާއެވެ.

ﷲ ގެ އަޅަކު އޭނާގެ ނިމުން ހެޔޮވާން އެދޭނަމަ އޭނާ އިތުބާރުކުރާނީ ހަމައެކަނި ﷲ އަށެވެ. ބިރުގަންނާނީ ހަމައެކަނި ﷲ ދެކެއެވެ. ލޯބިވާނީ ހަމައެކަނި ﷲ ދެކެއެވެ. އެހީތެރިކަމަށް އެދޭނީ ހަމައެކަނި ﷲ ގެ ޙަޟުރަތުންނެވެ. ވަކީލުކުރާނީ ހަމައެކަނި ﷲ އަށެވެ.

އިބްރާހީމް ޢަލައިހިއްސަލާމް އަލިފާނަށް އެއްލައިލެވުނު ވަގުތު ވަކީލު ކުރެއްވީ ﷲ އަށެވެ. ﷲ އެ އަލިފާން އެކަލޭގެފާނަށްޓަކައި ފިނި އެއްޗަކަށް ބަދަލުކޮށްލެއްވިއެވެ. މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްވެސް މެދުވެރިވެވަޑައިގަތް ކޮންމެ މުސީބާތެއްގައިމެ ވަކީލު ކުރެއްވީ ﷲ އަށެވެ.

"...ތިމަންމެންނަށް، اللَّه ފުދެއެވެ. އަދި، وكيلކުރެވޭ ފަރާތުގެ މޮޅުކަމާއެވެ! ފަހެ، اللَّهގެ حضرةން ދެއްވި نعمةއާއި، فضلވަންތަވެރިކަމާއިގެން ގެއްލުމެއް ނުލިބި، އެއުރެން އެނބުރި އައޫއެވެ. އަދި، އެއުރެން اللَّهގެ ރުއްސެވުންހުރި މަގަށް تبعވޫއެވެ. اللَّهއީ، ބޮޑުވެގެންވާ فضلވަންތަކަމުގެ ވެރިރަސްކަލާނގެއެވެ." އާލްޢިމްރާން ސޫރަތުގެ 173 ވަނަ އާޔަތުން ބަޔަކާއި 174 ވަނަ އާޔަތް)

އިންސާނާއަކީ ﷲ ބިމުގައި ލައްވައިދައިވާ ﷲ ގެ ޚަލީފާއެކެވެ. އެކަމަކު އިންސާނާ އުފއްަދަވައިފައިވަނީ ބަލިކަށިކަމާއެކުގައެވެ. ދިމާވާ މުސީބާތްތަކުން އަރައިގަތުމަކީ އޭނާއަށް އެކަނި ކުރެވޭނޭ ކަމެއް ނޫނެވެ. އޭނާގެ ބާރުގަދަވަނީ ﷲ އަށް ވަކީލުކުރީމައެވެ. ދުނިޔޭގެ ބާރުތަކަށް މުޅީން ބަރޯސާވެގެން އުޅޭ މީހަކަށް އޭނާގެ ޙަޤީޤީ ހައިސިއްޔަތުގައި ހުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. ބައެއް ފަހަރު ދުނިޔަވީ ކަމެއްގައި މީހަކު ކޮށްދޭ ކަމަކުން ކާމިޔާބީއެއް ލިބުމާއެކު ނުވަތަ އަމިއްލައަށް ކުރާ ކަމަކުން ކާމިޔާބީއެއް ލިބުމާއެކު އިންސާނާ ﷲ ގެ މަތީން ހަނދާން ނައްތައިލައެވެ. އެކަމަކު މުސްކުޅިވެ، ގައިބާރު ދޫވާ ދުވަހު ބަލި އެނދުގައި އޮންނާން ޖެހުނީމާ ކުއްލިއަކަށް ތިމާއާއި ތިމާގެ ދުނިޔަވީ އެހީތެރިންގެ ބަލިކަށިކަން އިހުސާސްކުރެވިދެއެވެ.

އިންސާނާއަކީ ﷲ ގެ މިލްކެކެވެ. އެކަލާނގެ އަޅެކެވެ. އެހެންވީމާ އަބަދުވެސް ހަނދާންކުރާށެވެ. ﷲ ގެ މަދަދުން އިންސާނާއަށް ހާސިލު ނުކުރެވޭނޭ ކަމެއް، އެއްޗެއް ނޯންނާނެއެވެ. ހުރިހައި ވަގުތެއްގައިމެ ﷲ އަށް ވަކީލު ކުރާށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.