ގިނަ ވަގުތު ހުހަށް ހުންނަ މީހާއަކީ ތޯތޯވާހަކައާއި ސާބިތުނުކުރެވޭފަދަ ވާހަކަތައް ފަތުރާ މީހެކެވެ.
މަސައްކަތެއް ނުކޮށް ހުހަށް ގިނަ ވަގުތު ހޭދަކުރާ މީހަކީ ދުއްވާ މީހަކު ނެތި ދުވެފައިދާ ކާރެއް ފަދަ މީހެކެވެ. އެފަދަ ކާރެއް ދާނީ ދާނެ ގޮތަކަށެވެ. ވަކި މިސްރާބަށް ނޯންނާނެއެވެ.
ހުސް ވަގުތު ގިނަ ވެއްޖެނަމަ އެންމެ ބޮޑަށް ކުރެވޭ ކަމަކީ ފިކުރު ކުރުމެވެ. ހިތާމަކުރުމެވެ. ބިރުގަތުމެވެ. އެހެނީ ހުސް ވަގުތު ގިނަ ވާވަރަކަށް އޭނާގެ މާޒީ އެނބުރި އަންނާނެއެވެ. ކުރެވިފައި ހުރި ކަންކަމާއި ނުކުރެވި ހުރި ކަންކަން ހަނދާނަށް އަންނާނެއެވެ. އެންމެ ފަހުން ކުރާނެ ކަމެއް ނޭނގި ފިކުރުތަކުން ސަލާމަތް ނުވާނެފަދަ ހާލަތަކަށް މީހާ ވެއްޓިދާނެއެވެ.
އެހެންވީމާ ހުސް ވަގުތެއް ލިބުމާއެކު ކޮންމެވެސް ކަމެއް ކުރުމާއިގެން އުޅޭށެވެ. ބޭކާރު ފިކުރު ނުކުރާށެވެ.
ބުނެވޭ ގޮތުގައި ޗައިނާގެ ޖަލުތަކުގައި ދެވޭ އަދަބެއްގެ ގޮތުގައި މީހާ ބަނދެފައި ބާއްވާފައި ނިތްކުރިއަށް ލަސްލަހުން ފެން ތިއްކެއް ޖަހާ ގޮތް ހަދައެވެ. މިހެން ގިނައިރު ބޭއްވުމުގެ ސަބަބުން މީހާގެ ސިކުނޑި ހަލާކުވެއެވެ. މޮޔަވެއެވެ. މިއީ ހުސް ވަގުތު އެއްވެސް ކަމެއް ނުކޮށް ހޭދަކުރާއަށް އެންމެފަހުން ވާގޮތެވެ.
އަވަހަށް ތެދުވާށެވެ. ނަމާދުކުރާށެވެ. ޤުރްއާން ކިޔަވާށެވެ. އެޔަށް ފަހު ފައިދާ ކުރުވަނިވި ފޮތެއް ކިޔާށެވެ. ގޭގެ މަސައްކަތެއް ކޮށްލާށެވެ. މީހަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާށެވެ.
ބުރަކޮށް މަސައްކަތްކުރާ މީހުންނާ ދިމާއަށް ބަލައިލާށެވެ. އެމީހުން ތިބެނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. މޫނުމަތީން ފިކުރުގެ އަސަރެއް ނުފެނެއެވެ. އެކަމަކު ކަމެއް ނުކޮށް ގިނަ ވަގުތު ހޭދަކުރާ މީހާގެ މޫނުމަތީން ފެންނާނީ ފިކުރު ބޮޑުވުމުގެ އަސަރެވެ.