ދަންމަރު: އީމާންކަން އިތުރުވުން

ސައިންސްވެރިއަކު ބުނެފައިވެއެވެ. "އަހަރެންގެ ދީނަކީ ފިޠުރަތުގެ ކަންތައްތައް މުޠާލަޢާ ކުރުމެވެ. ފިޠުރަތުގެ އައު ކަމެއް ނު ހޯދޭ ދުވަހެއް ނަމަ އަހަރެން ދެކޭގޮތުގައި އެދުވަސް ބޭކާރުވެގެން ދިޔައީއެވެ." މިއީ މަޚުލޫޤުންނާ އެކީ ދިރިއުޅޭ މީހުންގެ ޙާލު ހުންނަ ގޮތެވެ. މިކަހަލަ މީހަކާއި، ހެއްދެވި ފަރާތާ ނުވަތަ ޚާލިޤާ އެކީ ދިރިއުޅޭ މީހަކާ ދެމެދު ހުންނަ ތަފާތަކީ ކޮބައިހެއްޔެވެ؟ ސައިންސްވެރިޔާ ކޮންމެ ދުވަހަކު މަޚްލޫޤުންނާ ބެހޭ ކޮންމެވެސް އައު ކަމެއް ހޯދަނީއެވެ. ރަނގަޅު މުއުމިނަކު ކުރަންޖެހޭ ކަމަކީ ކޮންމެ ދުވަހަކު ﷲ އާ ބެހޭ ގޮތުން އޭނާގެ އީމާންކަން އިތުރުވެގެންދާ ފަދަ އައު ކަމެއް ހޯދުމެވެ. މިފަދަ ކަމެއް ނުފެންނަ ކޮންމެ ދުވަހަކީ މުއުމިނަކަށް ބޭކާރުވެގެންދާ ދުވަހެކެވެ.

އީމާންކަމަކީ ﷲ މަޢްރިފާ ކޮށް ގަތުމަށް ކިޔާ ނަމެކެވެ. ﷲ އަކީ ފެށުމެއް، ނިމުމެއްނެތް، ދިރި ދެމިގެންވާ ޙަޤީޤަތެކެވެ. ވުމާއެކު ﷲ މަޢްރިފާ ކޮށް ގަތުމަކީވެސް ނިމުމެއްނެތް ސިލްސިލާއެކެވެ. އެއް ދުވަހުން އަނެއް ދުވަހަށް އީމާންކަން އިތުރުވެގެން ނުދިއުމަކީ ޣާފިލު ކަމުގެ ބާވަތެކެވެ. އެ ފަދަ އީމާން ކަމަކަށް ޙަޤީޤީ މާނައިގައި އީމާން ކަމެކޭ ނުކިޔޭނެއެވެ.

ހިތާއި، ސިކުނޑީގައި ﷲ ގެ އިސްމުފުޅު ހަރުލާފައިވާ މީހެއްގެ ހިތުގައި އަބަދުވެސް އޮންނާނީ އެކަލާނގެ ކުޅަދުންވަންތަކަމުގެ އައު ހޯދުންތައް ހޯދުމުގެ އެދުމެވެ. އޭނާއަށް ހަ ފަރާތުން ފެންނާނީ އެކަލާނގެ ދީލަތިވަންތަކަމުގެ އަސަރެވެ. ﷲ ގެ ކުޅަދުންވަންތަކަމަށް ނިމުމެއް ނޯންނަ ފަދައިން ފުރިހަމަ މުއުމިނެއްގެ މަޢުރިފާގެ ދަތުރަކަށްވެސް ނިމުމެއް ނޯންނާނެއެވެ.

އައު މަޢުރިފާ ފެންނަނީ އޭނާއަށް އޭގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާ ފަދަ އިލާހީ މަންޒަރުތަކެއްގެ ސިފައިގައެވެ. އޭނާގެ ދުލުން ބޭރުވާ ދުޢާގެ ލަފުޒްތައް ވެގެން ދަނީ އޭގެ ކުރިން އޭނާގެ ހިތަށްވެސް ނާރާފަދަ ލަފްޒު ތަކެއް ކަމުގައެވެ. ﷲ ގެ ޙިކުމަތްތަކުގެ ތެރެއިން އޭނާއަށް އަލަށް އެނގޭ ޙިކުމަތަކީ އޭގެ ކުރިން ދުވަހަކުވެސް އަޑުވެސް ނާހާ ފަދަ ކަމަކަށް ވެއެވެ. އޭގެ ކުރިން ދުވަހަކުވެސް ކުއްތަން ނުވެވޭ ވަރަށް އޭނާއަށް ﷲ އާ ކުއްތަން ވެވެނީއެވެ. އޭނާގެ ކުރިމައްޗަށް ފައުޅުވާ ޙަޤީޤަތް ސިފަކޮށް ދިނުމަކީ އޭނާ ދަންނަ ހުރިހާ ބަހެއްގެ ބޭނުން ކޮށްގެންވެސް ކުރެވޭ ވަރުގެ ކަމަކަށް ނުވެއެވެ.

(މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.