20 - ދިރިއުޅުން އޮތްގޮތާއިގެން ކުރިއަށް ދާށެވެ.

ދުނިޔެ މިހާރު އޮތީ ކިހިނެއްތޯއެވެ؟ ހަނގުރާމައެވެ. ހަމަނުޖެހުމެވެ. ހިތާމައެވެ. ފިކުރުބޮޑުވުމެވެ. ގެއްލުމެވެ. މިއީ އަޅުގަނޑުމެން އަމިއްލައަށް ދުނިޔެއަށް ޖައްސައިގެން އުޅޭ ހާލެކެވެ. އަމިއްލައަށް މިކަހަލަ ހާލަތަކަށް ވެއްޓިނުގަތްނަމަ ދުނިޔެ އޮންނާނީ އުފާވެރިކޮށްތޯއެވެ؟

ޙަޤީޤަތާ ކުރިމަތިލަމާތޯއެވެ؟ ދަރިންނާއި އެކުވެރިންނާއި ގާތް މީހުންގެ ދިރިއުޅުމަށް ބައްލަވައިލައްވާށެވެ. މުއްސަނދީންނާއި ފަގީރުންގެ ދިރިއުޅުމަށް ބައްލަވައިލައްވާށެވެ. ދެރަ މީހުންނާއި މޮޅު މީހުންގެ ދިރިއުޅުމަށް ބައްލަވައިލައްވާށެވެ. ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ހިތާމައާއި ގެއްލުމާއި ފިކުރުބޮޑުވުމާ ކުރިމަތިނުލާ އެއްވެސް މީހަކު އެބައުޅޭތޯއެވެ؟ އެއްވެސް މީހަކުގެ ދިރިއުޅުން މުޅިން ރީތިކޮށް ހޭދަވެގެން ގޮސްފައި އެބައޮތްތޯއެވެ؟

ﷲ ދުނިޔެ ހައްދަވައިފައިވަނީ ކޮންމެ ކަމެއްގެވެސް ދެކޮޅު އޮންނަ ގޮތަށެވެ. އުފާވެރިކަމާއި ހިތާމައެވެ. ގެއްލުމާއި ފައިދާއެވެ. މީހުންނަށް ބަލާއިރު އުޅެނީ ނުބައި މީހުންނާއި ރަނގަޅު މީހުންނެވެ. މުއްސަދީންނާއި ފަގީރުންނެވެ.

މި ދެބައި ވަކިކުރައްވައި ދެ ތަނަކަށް ބަދަލުކުރައްވަން މިންވަރު ކުރައްވައިފައި ވަނީ އާޚިރަތުގައެވެ. ހުރިހައި ރަނގަޅުކަމެއް ލައްވާނީ ސުވަރުގޭގައެވެ. ހުރިހައި ނުބައި ކަމެއް ލައްވާނީ ނަރަކައިގައެވެ. އުފާވެރިކަން އޮންނާނީ ސުވަރުގޭގައެވެ. ހިތާމަ އޮންނާނީ ނަރަކައިގައެވެ. ނުބައި މީހުން ތިބޭނީ ނަރަކައިގައެވެ. ރަނގަޅު މީހުން ތިބޭނީ ސުވަރުގޭގައެވެ.

އެހެންވީމާ ދުނިޔޭގައި އުޅެން ދަސްކުރާށެވެ. ހުރިހައި ކަމެއް ފުރިހަމަ ވެދާނޭ ކަމަށް އުއްމީދު ނުކުރާށެވެ. ހުވަފެނެއްގައި ދިރިއުޅުން ދޫކޮށްލާށެވެ. ފުރިހަމަކަން އޮތީ މި ދުނިޔޭގައި ނޫންކަން ދަންނާށެވެ. މަސައްކަތް ކުރަންވީ ފުރިހަމަ ދުނިޔެއަކަށް ބަދަލުވުމާއެކު ހުރިހައި ރަނގަޅުކަމެއް ލެއްވި ތަނަށް ދެވޭތޯއެވެ. އޭރުން އޮންނާނީ އުއްމީދުތަކާއި ހުވަފެންތައް ފުރިހަމަ ވެފައެވެ.

ދުނިޔޭގެ ދިރިއުޅުމަކީ ކަޑައްތުކުރަން ޖެހޭ މަރުހަލާއެކެވެ. އެހެންވީމާ އަބަދުވެސް ދުނިޔޭގެ ޙަޤީޤަތް ދަނެގެން އުޅޭށެވެ. ދިމާވާ މީސްމީހުންނަކީވެސް އުނިސިފަތައް ހުންނާނެ ބައެއް ކަމާއި ޚުދު ތިމާއަކީވެސް އުނިކަންތައްތަކާއެކު ހައްދަވައިފައިވާ މީހަކު ކަމަށް ގަބޫލުކޮށްގެން ދިރިއުޅުން ކުރިއަށް ގެންދާށެވެ. އުފާވެރިކަން ހާސިލުކުރެވޭނޭ ގޮތަކީ އެއީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.