3. މިއަދަކީ ތިބާގެ ދުވަހެކެވެ.

ހެނދުނު ތެދުވެފައި ހަވީރަށް އިންތިޒާރު ނުކުރާށެވެ. މިއަދުގެ، މި ވަގުތުގެ ބޭނުން ކުރާށެވެ. ދިރިއުޅެން އޮތް ވަގުތަކީ މިއީއެވެ. އިއްޔެ ފާއިތުވެގެން ހިނގައްޖެއެވެ. މާދަމާ އަދި ނާދެއެވެ. އަންނާނެ ކަމެއްވެސް ނޭނގެއެވެ. އަތުގައި އޮތީ މިއަދެވެ. މި ވަގުތުކޮޅެވެ. އެހެންވީމާ މި ވަގުތުކޮޅުގެ ބޭނުން ކުރާށެވެ.

ދުނިޔެއަށް އައީ ދެންމެ ކަމަށް ހީކުރާށެވެ. މާނައަކީ އިއްޔެއެއް ނެތް ކަމަށް ބަލާށެވެ. މަރުވާނީވެސް މިއަދު ކަމަށް ބަލާށެވެ. މާނައަކީ މާދަމައަށް އިންތިޒާރު ނުކުރާށެވެ. އިއްޔެގެ މަތީން ހަނދާން ކުރީމާ ހިތާމައެއްގެ ތެރެއަށް ވެއްޓުން ނޫން ކަމެއް ނުވާނެއެވެ. މާދަމައަށް އިންތިޒާރު ކުރަންޏާ ހިތަށް ވަންނާނީ ބިރުވެރިކަމެވެ. ވާނީ ކިހިނެއް ބާވައޭ ހިތަށް އަރައި ކަންބޮޑުވާނީއެވެ. ނުވަތަ ކަންކަމަށް އިންތިޒާރުކުރެވޭނީއެވެ. މާދަމާގެ ކަންތަކާ ވިސްނަން ވާނީ މާދަމާ އައީމައެވެ.

މިއަދަށް ސަމާލުކަން ދޭށެވެ. ނަމާދުކުރާށެވެ. މި ކުރެވެނީ އެންމެ ފަހުގެ ނަމާދުކަމަށް ބަލައިގެންނެވެ. ޤުރްއާން ކިޔަވާށެވެ. ޒިކުރު ކުރާށެވެ. ﷲ ގެ މަތީން ހަނދާންކުރާށެވެ. މި ބުނަނީ ދިރިއުޅުން ދޫކޮށްލާ ވާހަކައެއް ނޫނެވެ. މަޚުލޫގުންނާ ކުރާ މުޢާމަލާތް ރީތި ކުރާށެވެ. މީހުނާ ވާހަކަދައްކާއިރު ހިތްތިރިކަމާއި މަޑުމައިތިރިކަން އިޚްތިޔާރުކުރާށެވެ. ހިނިތުންވާށެވެ.

މިއަދުގެ ވަގުތުތައް ފައިދާހުރި ކަންކަމުގައި ހޭދަކުރާށެވެ. ކުރަން ހުރި ކަންތައްތައް ހަމައެކަނި މިއަދަށް ބަހައިލާށެވެ. ތައުބާވާށެވެ. އެޔަށް ފަހު ﷲ ރުއްސަވާ މަގުގައި ހިނގުމުގެ އަޒުމު ކަނޑައަޅާށެވެ. މިހެން ހެދުމާއެކު ހިތަށް އާދަޔާ ޚިލާފު އުފާވެރިކަމެއް ވަންނާނެއެވެ. މުޅި ދުވަސް އުފާވެރިކަމާއެކު ހޭދަކުރުމުގެ ނަސީބު ލިބޭނެއެވެ. ކަންބޮޑުވުމާއި ހާސްކަން ފިލައިފާނެއެވެ.

ހަމައެކަނި މިޔެއް ނޫނެވެ. ކާވެނިކޮށްގެން އުޅޭ މީހާއާއި ދަރިންނާއި ރިޒުގާއި މަސައްކަތާއި ތައުލީމާއި ހައިސިއްޔަތާ މިހެން ގޮސް ހުރިހައި ކަމެއް ރަނގަޅުކަމުގެ އިހުސާސް ކުރެވެން ފަށައިފާނެއެވެ. ޝުކުރުވެރިކަން ހިތަށް ވެރިވެގެންފާނެއެވެ.

[ފަހެ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވި ކަންކަމުގައި ހިފަހައްޓަވާށެވެ! އަދި ޝުކުރުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!] (އަލްއަޢްރާފް ސޫރަތުގެ 144 ވަނަ އާޔަތް)

ހަމައެކަނި މިއަދުގެ މައްޗަށް ސަމާލުކަން ދިނުމުގެ ސަބަބުން ހިތާމައާއި ފިކުރާއި ނަފުރަތާއި ހަސަދަވެރިކަން ފިލައިގެން ހިނގައިދާނެއެވެ. މިއަދު މީރު ކާނާ ކަމުން ގެންދާއިރު އިއްޔެ ކެއި ހިކި ރޮށީގެ މަތީން ހަނދާންވޭ ހެއްޔެވެ؟ މާދަމާ ކާން ލިބޭނީ ކޮން އެއްޗެއް ބާވައޭ ހިތަށް އަރާހެއްޔެވެ؟

އިޚްލާސްތެރިކަމާއެކު ވަރުގަދަ އަޒުމެއްގައި ކުރިއަށް ދާން މަސައްކަތް ކޮށްފިނަމަ އަހަރެން ދިރިއުޅޭނީ ހަމައެކަނި މިއަދުގައޭ ބުނާކަށް ކުޑަކޮށްވެސް ޖެހިލުމެއް ނުވާނެއެވެ. މިއަދު އަހަރެންގެ ދޫ ރައްކާތެރި ކުރާނަމޭ އެއްވެސް މީހަކު ހިތުގައިޖެހޭ ކަހަލަ ވާހަކައެއް ނުދައްކާނަމޭ ނެތި ނުބައި ނުމޮށޭނަމޭ ބުނާކަށް ކުޑަކޮށްވެސް ފަހެއް ނުޖެހޭނެއެވެ.

މިއަދު އެހެން މީހުންގެ މައްޗަށް ސަމާލުކަން ދޭށެވެ. ބަލިމީހަކަށް ގޮވައިލަން ދާށެވެ. ޖަނާޒާއެއްގައި ބައިވެރިވާށެވެ. ބަނޑުހައިވެފައި ހުރި މީހަކަށް ކާންދޭށެވެ. ހިތާމައިގައި ވަގުތު ހޭދަކުރާ މީހެއްގެ ހިތް ހަމަޖައްސައިދޭށެވެ. ޢިލްމުވެރިންނަށް ގަދަރުކުރާށެވެ. މުސްކުޅިންނަށް ކަމޭހިތާށެވެ. ކުޑަކުދިންނަށް އޯގާތެރިވާށެވެ.

މިއަދު ﷲ އަށް ބިރުވެތިވާށެވެ. އެއްވެސް މީހަކަށް ދެރައެއް ނުދޭށެވެ. ގޯނާ ނުކުރާށެވެ. ފުރުސަތު ނަގައިނުލާށެވެ. މާދަމާ އަދި ނާދެއެވެ. މިއަދުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާށެވެ.

އުފާވެރިކަމާއެކު ދިރިއުޅެން ބޭނުމިއްޔާ ހަމައެކަނި މިއަދާމެދު ވިސްނާށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.