12 - ލިބޭ ފުރުސަތުގެ ބޭނުން ހިފާށެވެ.

ބުއްދިވެރިންގެ ގޮތަކީ ލިބޭ ގެއްލުން ފައިދާއަކަށް ބަދަލުކޮށްގަތުމެވެ. ބުއްދި ނުކުރާ މީހުންގެ ގޮތަކީ ގެއްލުމެއް ވުމާއެކު އެ ގެއްލުމެއް އެތައް ގުނައަކަށް ބޮޑުކޮށްގަތުމެވެ.

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް މައްކާގެ މުޝްރިކުން ކުރި ދުއްތުރާލުގެ ސަބަބުން ޖެހިވަޑައިގަތީ އެ ރަށް ދޫކުރައްވައި ހިޖުރަ ކުރައްވާށެވެ. ދެން ތާރީޚުން ފެނުނީ މަދީނާގައި އެކަލޭގެފާނު ފުރިހަމަ ވެރިކަމެއް ގާއިމު ކުރެއްވިތަނެވެ.

އިމާމް އަޙްމަދު ބިން ޙަންބަލް ޖަލަށްލައި އަނިޔާ ކުރެވުނެވެ. އެކަމަކު އެކަލޭގެފާނު ވެވަޑައިގަތީ އިސްލާމުން ތަބާވާ ހަތަރު މަޒުހަބުގެ ތެރެއިން އެއް މަޒުހަބުގެ އިމާމަކަށެވެ.

ޝައިޚުންއިސްލާމް އިބްނު ތައިމިއްޔާ ޖަލަށް ލެވުނެވެ. އެކަލޭގެފާނު ޖަލުގައި އޮންނަވައިގެން އުނގެނިވަޑައިގަތެވެ.

އިމާމް އައްސަރްޚަސީ ހުހަށް ހުރި ފުން ވަޅަކަށް ވައްޓައިލެވުނެވެ. ފަންސަވީސް ވޮލިއުމްގެ މައްޗަށް އެކުލެވޭ ފިޤްހު ފޮތެއް އެކަލޭގެފާނު ލިޔުއްވިއެވެ.

މިފަދަ އެތައް މިސާލެއް ތާރީޚުން ފެންނާން އެބަހުއްޓެވެ. މަލާމާތާއި ހުރަސްތައް ކުރިމަތިވީމާ އެއިން ކޮންމެ ކަމެއް ކާމިޔާބީގެ ސަބަބަކަށް ހަދައިލީ މީހުން ދުނިޔޭގައި މަދެއް ނޫނެވެ.

ބިޗުލެއް މީހަކުގެ ގަޔަށް ކަށި ޖަހައިފިއްޔާ އެ ވިހަ ވެގެން ދަނީ ހަރުފަ ވިހައިގެ ދިފާޢަކަށެވެ. މާނައަކީ ބިޗުލެއް ކަށި ޖަހައިފައިވާ މީހަކުގެ ގަޔަށް ހަރުފަ ވިހަލިޔަސް ކަމެއް ނުވާނެއެވެ.

ދިމާވާ ކޮންމެ ކަމަކީ ދެރަ ކަމެއް ކަމަށް ނުބަލާށެވެ. އާއްމު ގޮތެއްގައި ކޮންމެ ދެރަކަމަކީ ރަނގަޅު ކަމަކަށް ހުޅުވޭ ދޮރެކެވެ. އެ ދޮރުން ވަދެވެނީ އެކަން ފާހަގަކޮށް ދެނެގަންނަ މީހަކަށެވެ.

ބުނެވޭ ގޮތުގައި ފަރަންސޭސިވިލާތުގެ އިންގިލާބުގެ ކުރިން އެ ގައުމުގެ ވަރަށް މޮޅު ދެ ޅެންވެރިޔަކު ހައްޔަރުކުރިއެވެ. އެކަކީ ކޮންމެ ކަމަކާމެދުވެސް އިދިކީލިކޮށް ވިސްނާ މީހެކެވެ. އަނެއް މީހާއަކީ ކޮންމެ ކަމަކާމެދުވެސް ފަހިކޮށް ވިސްނާ މީހެކެވެ. ދެމީހުން ތިބީ ޖަލުގެ ކޮޑަ ދޮރަކުން ބޭރު ބަލާށެވެ. އިދިކީލިކޮށް ވިސްނާ މީހާއަށް ފެނުނީ ބިންމަތީގައި ހުރި ކިސަޑެވެ. އޭނާ ރޯން ފަށައިފިއެވެ.  ފަހިކޮށް ވިސްނާ މީހާއަށް ފެނުނީ އުޑުގައި ހުރި ތަރިއެވެ. އޭނާ ހޭން ފަށައިފިއެވެ.

މިއީ ދެ މީހުންގެ ނަޒަރުގެ ތަފާތެވެ. ދިމާވާ ދެރަކަންކަން ފައިދާކުރުވަނިވި ކަންކަމަށް ބަދަލުކުރަން މަސައްކަތް ކުރާށެވެ. އެއީ ކޮންމެ މީހަކަށްވެސް ކުރެވިދާނޭ ކަމެކެވެ. ބޭނުންވަނީ ކުޑަކުޑަ ހިތްވަރެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.