ހަނދާންނެތުން
ބަލިމީހާ: އަޅުގަނޑުގެ ބައްޔަކީ ހަނދާން ނެތުމެވެ. އެއްވެސް ކަމެއް މާ ގިނަ އިރަކު ހަނދާނެއް ނުހުރެއެވެ. ބައެއް ފަހަރު ދަރިންގެ ނަންވެސް ހަނދާން ނެތެއެވެ.
ޑަކްޓަރު: ތިޔަ ބަލި ޖެހުނުތާ މިހާރު ކިހައި ދުވަހެއް ވެއްޖެ ހެއްޔެވެ؟
ބަލިމީހާ: ކޮން ބައްޔެއްތޯއެވެ؟
ސުންޕާ ޢިމާރާތް
ރަށެއްގައި ދިހަ ބުރިއަށް ޢިމާރާތެއް އަޅަމުން ދަނީއެވެ. އެ ރަށުގައި އެންމެ އުސްކޮށް ހުރީ ދެ ބުރީގެ ޢިމާރާތެކެވެ. ރަށުގެ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެހައި އުސް ޢިމާރާތެއް އެޅުމަކީ ރަށަށް ގެއްލުން ވާނޭ ކަމެކެވެ. އެހެންވީމާ ބައެއް މީހުން ގެންދިޔައީ އެ ޢިމާރާތް އެޅުމާ ފާޅުގައި ދެކޮޅު ހަދަމުންނެވެ. އެކަމަކު ރަށުގެ ބާރުގަދަ މީސްމީހުންގެ އެހީތެރިކަން ލިބިފައި އޮތުމާއެކު ޢިމާރާތް އަޅައި ނިމިއްޖެއެވެ.
ދެން ފެނުނީ ރަށުގެ މީހަކު ކޮންމެ ދުވަހަކު އެ ޢިމާރާތުގައި ހުންނަ ރެސްޓޯރަންޓަކަށް އަންނަ ތަނެވެ. އައިސް ވަރަށް ގިނަ އިރުވާންދެން ސައިބޯން އިނދެފައި ހިނގައިދެއެވެ. މި މީހާއަކީ ޢިމާރާތް އެޅުމާ އެންމެ ބޮޑަށް ދެކޮޅުހެދި މީހާއެވެ.
އެއް ދުވަހަކު މީހާކު އޭނާ ކުރެން އަހައިފިއެވެ. "މި ޢިމާރާތް އެޅުމާ އެންމެ ބޮޑަށް ދެކޮޅުހެދީ ކަލެއެވެ. ކޮންމެ ދުވަހަކު މިތަނަށް އައިސް ތިޔަ އިންނަނީ ކީއްވެގެން ހެއްޔެވެ؟"
އެމީހާ ބުންޏެވެ. "އަހަރެން ވަރަށް ބަލައިފީމެވެ. މި ސުންޕާ ޢިމާރާތް ނުފެންނަ ތަނަކަށް މުޅި މި ރަށުގައިވެސް ހުރީ ހަމައެކަނި މިތަނެވެ. އަހަރެން އަންނަނީ އެހެން ވެގެންނެވެ."