އަޙްމަދު މަނިކަކީ ހާޒިރު ޖަވާބަށް ނުވަތަ ކުއްލި ޖަވާބަށް ވަރަށް ކުޅަދާނަ މީހެކެވެ. މިޒާޖުގައިވެސް މަޖާ ގޮތެއް ހުންނަ، ކޮންމެ ވާހަކައެއްވެސް ސަމާސައަކަށް ހަދައިލާ މީހެކެވެ. އޭނާގެ ގެ ހުންނަނީ މަޖީދީ މަގުގެ ދެކުނަށް އޮންނަ ހުރަސް މަގެއްގައި، އެ މަގު ގޮސް ދެކުނު ކޮޅަށް ނިމޭހައި ތާނގައެވެ.
ދުވަހަކީ އާދަޔާ ޚިލާފަށް ހޫނު ގަދަ ދުވަހެކެވެ. ވަގުތަކީ މެންދުރުގެ އެންމެ ހޫނު ގަދަ ވަގުތެވެ.
އަޙްމަދު މަނިކު ހުރީ ރައްޓެއްސަކު އަންނާތީ އޭނާގެ އިސްތިގުބާލުގައި ނުކުމެ ގޭ ދޮރާށި ދޮށުގައެވެ. އެހެން ހުއްޓައި މީހަކު އައިސް ހުއްޓިފައި އަހައިލިއެވެ. "ހެންވޭރު ހުދަންބަރުގެ ހުންނަނީ ކޮންތާނކު ހެއްޔެވެ؟"
އަޙްމަދު މަނިކު އެމީހާޔާ ދިމާއަށް ފުންކޮށް ބަލައިލާފައި އަހައިލިއެވެ. "އެއީ ކަލޭގެ ގެ ހެއްޔެވެ؟"
އެމީހާ ބުންޏެވެ. "އަހަރެންގެ ގެ ނަމަ އަހަންނަށް އެނގޭނެއެއް ނޫން ހެއްޔެވެ؟ އަހަރެން މި އުޅެނީ އެ ގެ ހުންނަ ތަނެއް ނޭނގިގެންނެވެ."
އަޙްމަދު މަނިކު ބުންޏެވެ. "ތިޔަ ނަން ވަރަށް އަޑު އަހަމެވެ. ހެންވޭރުކަން ކަލެއަށް ޔަގީން ހެއްޔެވެ؟"
ހޫނު ގަދަ ދުވަހަކަށް ވާތީ އެއް ތަނެއްގައި މާ ގިނަ އިރު ހުއްޓިގެން ހުންނާން ވީމާ އެމީހާއަށް އުނދަގޫ ވާގޮތް ވެއްޖެއެވެ. "އާނއެކެވެ. ހެންވޭރުކަން ޔަގީނެވެ. ހެންވޭރޭ މި ބުނީވެސް އެހެން ވެގެންނެވެ."
އަޙްމަދު މަނިކު ބުންޏެވެ. "ހެންވޭރުގެ ހުރިހައި ގެއެއް އަހަންނަކަށް ނޭނގެއެވެ. ތިޔަ ގެވެސް ހިމެނެނީ އަހަންނަށް ނޭނގޭ ގެތަކުގެ ތެރޭގައެވެ. މިހެން ގޮސް މަޖީދީ މަގަށް ނިކުމެ މީހަކު ކުރެން ނިކަން އަހައިލަބަލާށެވެ."
އެމީހާ ކުޑަކޮށް ނުރުހުން ވިއެވެ. އެކަމަކު އެއްޗެކޭ ނުބުނެ މަޖީދީ މަގާ ދިމާއަށް ހިނގައިގެންފިއެވެ. ހިނގަމުން ގޮސް މަޖީދީ މަގަށް ނުކުންނާން އުޅެނިކޮށް ފަަހަތުން މީހަކު އޭތް އޯތް އޭ ގޮވައި ހަޅޭއް ލަވާ އަޑު އިވިގެން އެނބުރި ބަލައިލީ އިރު އަޙްމަދު މަނިކު އޭނާޔާ ދިމާއަށް ހަނާއަޅަމުން ދެއެވެ. އަންނާށޭ ގޮވަނީއެވެ. އޭރުވެސް އަޙްމަދު މަނިކު ހުރީ ގޭ ދޮރާށި ދޮށުގައެވެ.
އޭނާ ވަރަށް ބާރަށް ހިނގާފައި ގޮސް އަޙްމަދު މަނިކު ގާތަށް ހުއްޓިއްޖެއެވެ. އޭރު އެތާނގައި އެހެން މީހަކުވެސް ހުއްޓެވެ.
އަޙްމަދު މަނިކު އެމީހާ ދައްކާފައި އަހައިފިއެވެ. "މިއީ ކާކުކަން ކަލެއަށް އެނގޭ ހެއްޔެވެ؟"
އޭނާ ބުންޏެވެ. "ނުދަންނަމެވެ."
އަޙްމަދު މަނިކު ބުންޏެވެ. "އަސްތާ... ތިޔައީ ވަރަށް ދެރަ ކަމެކެވެ. މިއީ ދަންނަން ޖެހޭ މީހެކެވެ. ވަރަށް މޮޅު މީހެކެވެ. މީނާގެ ނަމަކީ ޙަސަން މަނިކެވެ. ނުދަންނަ ކަމެއް، ނުދަން ތަނެއް ވަރަށް މަދު ވާނެއެވެ. މީނާ އައީމާ ކަލޭ ނޭނގިގެން އުޅޭ ހުދަންބަރުގެ ދަންނަންތޯ އަހަރެން މީނާ ކުރެން އަހައިފީމެވެ."
އޭނާގެ މޫނުމަތީން އުފާވެރިކަން ފައުޅު ވެގެން ދިޔައެވެ. ވެފައި ހުރި ވަރުބައްޔާއި ހޫނުގެ މަތީން ހަނދާން ނައްތައިލައިފައި އަހައިލިއެވެ. "ވަރަށް އުފާ ވެއްޖެއެވެ. އެގެ ހުންނަނީ ކޮންތާނކު ހެއްޔެވެ؟"
އަޙްމަދު މަނިކު ބުންޏެވެ. "ކަލެއަށް މި ގޮވީ ތިޔަ ވާހަކަ ބުނަން ވެގެންނެވެ. ވަރަށް ދެރައެވެ. މީނާއަކަށްވެސް އެގެއެއް ނޭނގެއެވެ!"