10 - މިންވަރަށް އީމާންވާށެވެ.

އިންސާނާ ދުނިޔެއަށް ފޮނުއްވުމަށް ފަހު އޭނާ އުޅޭނޭ ގޮތެއްވެސް ކަނޑައަޅުއްވަނީ ﷲ އެވެ. ކުރާނޭ ކަންތައްތަކާއި ނުކުރާނޭ ކަންތައްތައް ދެނެވޮޑިގެން ވަނީ ﷲ އެވެ. މިއީ ބައެއް މީހުން ސުވާލު އުފައްދާ ކަމެކެވެ. މީހަކު ކުރާނޭ ކަމެއް ނިންމަވަނީ ﷲ ކަމަށް ވަންޏާ ނުބައި ކަމެއް ކުރާ މީހަކަށް އަދަބު ދެއްވާންވީ ކީއްވެގެން ހެއްޔެވެ؟

ހަގީގަތުގައި ﷲ ވަނީ އިންސާނާއަށް އެމީހަކު ބޭނުން ގޮތަކަށް އުޅުމުގެ އިޚްތިޔާރު ދެއްވައިފައެވެ. އެމީހާ ކުރާނޭ ކަމެއް ދެނެވޮޑިގެން ވުމުގެ މާނައަކީ އެއްވެސް މީހަކަށް ވަކި ކަމެއް ކުރަން މަޖުބޫރުވުމެއް ނޫނެވެ. ހެޔޮމަގާއި ނުބައި މަގު އޮންނަނީ ފެންނާށެވެ. އެމީހަކު ބޭނުން މަގަކުން ދިއުމަކީ އެއްވެސް މީހަކަށް ހުރަހެއް އޮތް ކަމެއް ނޫނެވެ.

އެކަމަކު ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާމެދު އިންސާނާ ވިސްނަން ޖެހޭ ކަމެއް އޮވެއެވެ. އެއީ ދެރަ ކަމެއް މެދުވެރި ވިޔަސް އެއީ ﷲ އިރާދަކުރެއްވި ގޮތް ކަމަށް ގަބޫލުކޮށް އެ ގޮތަކާ ރުހުމެވެ. މިހެން ހަދަން ޖެހޭ ސަބަބެއްވެސް އެބައޮތެވެ. އެންމެ ބޮޑު ސަބަބަކީ އެ ދިމާވީ ކަމެއްގެ ސަބަބު ނޭނގުމެވެ. އެ ސަބަބު ދެނެވޮޑިގެން ވަނީ ހަމައެކަނި ﷲއެވެ. ގިނަ ފަހަރަށް މީހަކަށް މެދުވެރިވާ ދެރަ ހާލަތަކީވެސް ރަޙްމަތެކެވެ. ކުރިއަށް އޮތް ދެރަޔަކުން ސަލާމަތްކޮށް ދެއްވުމުގެ ގޮތުން މެދުވެރި ކުރައްވާ ހާލަތެކެވެ.

މިސާލަކަށް ހަގީގީ ހާދިސާއެއް ދަންނަވައިލާނަމެވެ. މަޖީދީ މަގުގެ ދުވާރު މަތިން ހިނގާފައި ދިޔަ މީހެކެވެ. ކުއްލިއަކަށް މަގާ ދިމާއަށް އެ މީހާ އަރިއަޅައިލައިފިއެވެ. އެޔާއެކު އެހެން ކަމެއްވެސް ވެއްޖެއެވެ. އޭނާ ހުރި ދިމާ މަތިން ދަގަނޑެއް ވެއްޓިއްޖެއެވެ. ދަގަނޑު ޖެހުނީ މަގަށްވާ ގޮތަށް އޭނާގެ ފައިމަތީގައެވެ. ފައިތިލަ ކަނޑައިގެން ހިނގައްޖެއެވެ. އެ ވަގުތު ވަރަށް ބާރަށް ކާރެއް އެހެން ލައިފައި ދިޔައެވެ. އެ ކާރު އޭނާގެ ގައިގައި ނުޖެހި ހުރީ އިންޗިއެއްހައި ވަރެވެ. އެވަގުތު އެ ދަގަނޑު އޭނާޔާއި ކާރާ ދެމެދަށް ނުވެއްޓުނު ނަމަ އެމީހާ މަގުމައްޗަށް ވެއްޓުނީހެވެ. ކާރުގެ ދަށުވީހެވެ.

މި މީހާ ފައި ޒަޚަމްވީތީ ޝަކުވާ ކުރާނީ ކިހިނެއްތޯއެވެ؟ ކުރަން ޖެހޭ ކަމަކީ ފުރާނަ ސަލާމަތް ކުރެއްވީތީ ޝުކުރު އަދާކުރުމެވެ. މިންވަރަށް އީމާންވުމެވެ. މިންވަރަށް އީމާންވުމަކީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެއް ލިބޭ ކަމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.