30 - އެންމެ ފުރިހަމަ އުއްމަތް

ހަމަބުއްދި ބޭނުންކުރުމާއި ޝަރީޢާ ތަންފީޒުކުރުމުގައިވެސް މެދުމިންގަނޑެއްގައި ހިފެހެއްޓުމަކީ އިސްލާމްދީން ބާރުއަޅާ ކަމެކެވެ. ހައްދުން ނެއްޓިގެން ގޮސް މާ ބޮޑަށް ހަރުކަށިވުމާއި، އަނެއްކޮޅުން ގޮސް އެއްވެސް އަސާސަކީވެސް ކޮންމެހެން ހިފަހައްޓަން ޖެހޭ އެއްޗެއް ނޫންކަމަށް ގަބޫލުކޮށް މާ ބޮޑަށް ދޫދިނުމަކީވެސް ރަނގަޅު ގޮތެއްނޫނެވެ.

ކާމިޔާބީއަށް އެދޭ މީހަކު ނަމަ ތިމާގެ އިހުސާސްތަކާއި އަމަލުތައްވެސް ބަހައްޓަން ވާނީ މެދުމިންވަރެއްގައެވެ. ރުޅިގަދަވުމާއި ހިތަށް އަރާ ކޮންމެ ގޮތަކަށް އަމަލުކުރުމާއި ދެރަވާ ދަނޑިވަޅު އާދަޔާ ޚިލާފު ބޭކާރު ފިޔަވަޅު އެޅުމަކީވެސް ގެއްލުންހުރި ކަމެކެވެ.

ޝަރީޢާގެ މެދުމިންވަރާއެކު ވަޒަނެއް ވަނީ ގާއިމު ކުރައްވައިފައެވެ. ހެޔޮ ގޮތުގައި އިންސާފު ގާއިމު ކުރެވޭނީ އެ ވަޒަނުގައި ހިފެއްޓި މިންވަރަކުންނެވެ.

އަމިއްލަ އެދުމާއި ޝުޢޫރުގެ މައްޗަށް ބުރަވެ ކުދިކުދި ކަންތައްތަކުގައިވެސް ހަރުކަށިވާން ފަށައިފިނަމަ ކުދި ކަންތައްތައް ބޮޑެތި ކަންތައްތަކަށް ބަދަލުވާން ފަށައިފާނެއެވެ. ނަތީޖާއަކަށް ވާނީ އަރައިރުމާއި ހަމަނުޖެހުމާއި ހަނގުރާމައަށް މަގުފަހިވުމެވެ. ހިތްހަމަނުޖެހުމާއި ހިތާމައަށް މަގުފަހިވުމެވެ.

އެހެން މީހުން އަބަދުވެސް އުޅެނީ ތިމަންނާއަށް ބޮނޑިއެއް ދޭށޭ، ކޮންމެވެސް ދެކޮޅުވެރި ރޭވުމެއް ރާވަނީއޭ، މިކަހަލަ ޚިޔާލުތައް ބޮލަށް ވަނީމާ ކަންބޮޑުވުން ނޫން ކަމެއް ނުވާނެއެވެ. ގިނަ ފަހަރަށް އެއީ ހިނގާ ކަމެއްވެސް ނޫނެވެ. ހަމައެކަނި ސިކުނޑީގައި އުފެދޭ ޝައްކެކެވެ. ޝައްކުގެ ތެރޭގައި ދިރިއުޅުމަކީ އަނދިރި ތަނެއްގައި ދިރިއުޅުން ކަހަލަ ކަމެކެވެ. މިފަދަ ގޮތަކަށް ދިރިއުޅުމުގެ ސަބަބުން ހިތުގައި ބިރުވެރިކަން އުފެދެއެވެ. ތިމާއަށް ގެއްލުމެއް ލިބިދާނެ ކަމުގެ ބިރަކީ ދިރިއުޅުން ހަލާކުކޮށްލާ ކަމެކެވެ.

ޝައްކާއި ހަރުކަށިކަމަކީ އިސްލާމްދީން ގަބޫލުކުރާ ކަންކަމެއް ނޫނެވެ.

"...އެއުރެންނީ (ފާރެއްގައި) ލައްގާފައިވާ ލަކުޑިތަކެއްފަދަ ބަޔެކެވެ. އެއުރެން ހީކުރަނީ، ކޮންމެ ހަޅޭކެއް އެއީ އެއުރެންގެ މައްޗަށް އަންނަ ޙަމަލައެއް ކަމުގައެވެ..." (ސޫރަތުލްމުނާފިޤޫންގެ 4 ވަނަ އާޔަތުގެ ބައެއް)

ހިތަށް ފަސޭހަކަމާއި ލުއިކަން ދޭށެވެ. ޝައްކުކުރެވޭ ގިނަ ކަންކަމަކީ ހަގީގަތެއް ނޫނެވެ. ހިތަށް ވަންނަ ކޮންމެ ބިރުވެރިކަމަކީވެސް ހަގީގަތެއް ނޫނެވެ. ދެރަ ކަމެއް ދިމާވުމަކީ އެއްގޮތަކަށްވެސް ނުވާނެ ކަމެއް ނޫނެވެ. އެކަމަކު އެއީ ބިރުވެރިކަމެއް ނޫނެވެ. އެއީ އިމްތިޙާނެވެ. އެހެންވީމާ އަބަދުވެސް ތައްޔާރަށް ހުންނާށެވެ. ކަމެއް މެދުވެރިވުމުގެ ކުރިން އެކަމަށް ތައްޔާރުވާށެވެ. ތައްޔާރުވުމަކީ ކޮންމެ ފަދަ ހާލަތަކާވެސް ރުހެން ތައްޔާރުވުމެވެ. މިންވަރުފުޅުކަމަށް ގަބޫލުކުރުމެވެ.

ދެކޮޅުވެރިކަން ދޫކޮށްލާށެވެ. ހަރުކަށިކަން ދޫކޮށްލާށެވެ. އެކުވެރިކަމާއި ގާތްކަން އިސްކުރާށެވެ. އިސްލާމީ އުސޫލަކީ އެއީއެވެ.

"އެއުރެންކުރެ ތިޔަބައިމީހުން ޢަދާވާތްތެރިވި މީހުންނާއި، ތިޔަބައިމީހުންނާ ދެމެދުގައި اللَّه އެކުވެރިކަން ލައްވައިފާށިއެވެ! اللَّهއީ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އަދި اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." (ސޫރަތުލްމުމްތަޙަނާގެ 7 ވަނަ އާޔަތް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.