5. ހަރުކަށި ފާޑުކިޔުމަށް ކެތްކުރުން

ﷲ ތަޢާލާއަށް ފާޑުކިޔާ މީހުން ދުނިޔޭގައި މަދެއް ނޫނެވެ. ދުނިޔެ ދުށް އެންމެ ފުރިހަމަ އިންސާނާ މުޙައްމަދު ޞައްލަﷲ ޢަލައިހިއްސަލާމަށް އެތައް ބަޔަކު މިހާރުވެސް ގެންދަނީ ފާޑު ކިޔަމުންނެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގައިވެސް އެތައް ބަޔަކު މަލާމާތްކޮށް ފާޑުކޮށް ފުރައްސާރަކުރަމުން ގެންދިޔައެވެ. އަހަރެމެން ހެއްދެވި ފަރާތާއި އަޅުގަނޑުމެންގެ ސަލާމަށްޓަކައި ﷲ ފޮނުއްވި ނަބިއްުާއާ އަޅައި ބަލާއިރު އަހަރެމެން މިއީ ކޮން ބައެއް ހެއްޔެވެ؟

ކަމަކާ ކުރިމަތިލާ މީހާ އަބަދުވެސް ހަނދާންކުރަން ޖެހޭ ކަމެއް އޮވެއެވެ. އެއީ މީހަކު ކިތަންމެ ކުޑަ ކަމެއް ކުރަން އުޅުނަސް ކޮންމެވެސް ބައެއްގެ ދެކޮޅުވެރިކަމާއި ފާޑުކިޔުމާ ކުރިމަތިލާން ޖެހޭނެ ކަމެވެ. އެއް ސަބަބަކީ ދުނިޔޭގެ އެންމެންގެ ޚިޔާލު އެއްގޮތް ނުވާ ކަމެވެ. އަނެއް ސަބަބަކީ ގަސްތުގައި މީހުން ދެރަކޮށްލަން ނުވަތަ އަގު ވައްޓާލަން މަސައްކަތްކުރާ ބަޔަކުވެސް އުޅޭކަމެވެ. މިއީ ހަގީގަތެވެ.

ބަޔަކުގެ އަގު ވައްޓާލަން އުޅޭ މީހުންނަކީ އެ މީހުންގެ މަސައްކަތް ފަސޭހައިން ހުއްޓާލާނޭ ބައެއް ނޫނެވެ. ކިތަންމެ ވަރަކަށް ރުޔަސް، ރުޅި އަޔަސް އެ މީހުން ފަރުވާލެއް ނުބަހައްޓާނެއެވެ. އެމީހުންނާ ދެކޮޅަށް ހަރުކަށިކަން ދެއްކާ ވަރަކަށް މައްސަލަ ދާނީ ބޮޑު ވަމުންނެވެ.

އެއް ކަމެއް އަބަދުވެސް ހަނދާން ކުރާށެވެ. މޭވާ އަޅާ ގަހަކަށް ނޫނީ މީހަކު ގަޅިއެއް ނުއުކާނެއެވެ. ގިނަ ފަހަރަށް މީހަކު ރުޅި އަންނަ ގޮތް ވަނީ އެ މީހާ ފަހަތަށް ޖައްސާލައި ޢިލްމީގޮތުން ނުވަތަ މާލީގޮތުން ނުވަތަ މަގާޟުގެ ގޮތުން ކުރިއަށް ދާތަން ފެނުނީމައެވެ. ނުވަތަ ހިނގައިދާނެހެން ހީވީމައެވެ. އެހެންވީމާ އެފަދަ މީހަކަށް ތިބާ ވާނީ ފާފަވެރިއަކަށެވެ. ކުށްވެރިއަކަށެވެ. އެހެންވީމާ އޭނާ ބަލާނީ ތިބާ ދުވަހަކުވެސް ރަނގަޅު ކަމެއް ނުކުރާ ކަމަށެވެ.

އެފަދަ މީހަކާ ކުރިމަތިލާން އޮންނަ އެންމެ ރަނގަޅު ގޮތަކީ ހިމޭނުން ހުރުމެވެ. ނުވަތަ އެއީ ނުވެސް އިވޭ އަޑެއް ކަމަށް ހަދައިލުމެވެ. ނުވަތަ އެފަދަ މީހަކާ މެދު ރީތިކޮށް މުޢާމަލާތްކުރުމެވެ. މީހެއްގެ މަލާމާތަށް ނުވަތަ ފާޑުކިޔުމަށް ދެވޭނެ އެންމެ ފުރިހަމަ ޖަވާބަކީ ތިމާގެ ފެންވަރު މައްޗަށް ޖައްސަމުން ގެންދިއުމެވެ. ފާޑުކިޔުމުގައި ބޭނުން ކުރެވިދާނޭ ކަމެއް އޮތް ނަމަ އެކަމެއްގައި ހިފުމެވެ. ރުޅި އައިސްގެން ޖަވާބު ދިނުމެއް ނޫނެވެ. ޖަވާބެއް ދޭން ލާޒިމުވާނަމަ ބުއްދިވެރިކަމާއި މަޑުމައިތިރިކަމާއި ވިސްނުންތެރިކަމާއެކު ޖަވާބު ދޭށެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެން ރުޅިއައިސްގެން މަރުވާށެވެ!" (އާލްޢިމްރާން ސޫރަތުގެ 119 ވަނަ އާޔަތް)

އެންމެ ރުއްސަން މަސައްކަތް ކުރުމަކީ ތިމާގެ ހަކަތަ ބޭކާރުކޮށް ހޭދަކުރުމެވެ. ތިމާގެ ކިބައިގައި އެއްވެސް އުނިކަމެއް ނުހުންނާނޭ ކަމަށް ގަބޫލުކުރުމަކީވެސް ހަގީގަތާ ދުރަށް ދިއުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.