22 - ނަމާދު... ނަމާދު

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން އެހީތެރިކަން ލިބިގަންނާށެވެ!..." (ބަޤަރާ ސޫރަތުގެ 153 ވަނަ އާޔަތް)

ހިތާމައާއި ބިރުވެރިކަމާއި މައްސަލަތައް މީހެއްގެ ބޯމައްޗަށް ގިނަފަހަރަށް ވެއްޓެނީ ކުއްލިއަކަށެވެ. ކުއްލިއަކަށް ދިމާވާ މިފަދަ ކޮންމެ ހާލަތެއްގައި އިންސާނާއަށް ގޮތް ހުސްވެއެވެ. ދެން އެނބުރެނީ ނޭނގޭ ކޮންމެވެސް ބާރަކާ ދިމާއަށެވެ. ހިތާހިތުން އެދެވެނީ މުސީބާތުން ސަލާމަތްވާށެވެ. އެއީ ނޭނގި ނަމަވެސް ﷲ އާ ދިމާއަށް އެނބުރެވޭ އެނބުރުމެކެވެ.

ﷲ އާ އެންމެ ބޮޑަށް ކުއްތަން ވެވެނީ ނަމާދުކުރުމުންނެވެ. ނަމާދަކީ ހިތްހަމަޖެހުމުގެ ވަސީލަތެކެވެ. ހިތާމައާއި ބިރުވެރިކަމާއި ހާސްކަން ފިލުވައިދޭ ކަމެކެވެ.

ކަންބޮޑުވާ ކަމެއް ދިމާވީމާ ނަމާުކުރާ މީހުންނަކީ ތާރީޚުގެ ތެރެއިން ވަރަށް ގިނައިން ފެނިފައިވާ ބައެކެވެ. ބޮޑެތި ބޮޑެތި ޢިލްމުވެރިންނާއި ޞާލިޙު ބޭކަލުން އަމަލުކުރައްވާ ގޮތަކީ އެއީއެވެ. އިޚްލާޞްތެރިކަމާއި ތެދު ނިޔަތާއެކު ކުރާ ނަމާދަކީ މުޖައްރިބު ބޭހެކެވެ. ފަރުވާއެކެވެ.

ބިރުގަތީމާ ޞަލާތުލްޚަވްފި ނަމަކަށް ކިޔާ ނަމާދެއް ކުރުމަކީ އިސްލާމްދީނުން އަންގާ ކަމެކެވެ. މި ނަމާދަކީ ދެ ރަކުޢަތް ނަމާދެކެވެ. ނަމާދު ކުރުމަށް ފަހު ދުޢާއެއް ކޮށްލީމާ ލިބޭ ހިތްހަމަޖެހުން ތަޖުރިބާކޮށްލައްވާށެވެ.

ކަންބޮޑުވުމާއި ހާސްކަމުގެ ތެރެއަށް ވެއްޓުނީމާ ދާން އޮތް އެންމެ ރަނގަޅު ތަނަކީ މިސްކިތެވެ. ކުރަން އޮތް އެންމެ ރަނގަޅު ކަމަކީ ނަމާދުކުރުމެވެ. ނަމާދު ކުރުމަށް ފަހު ﷲ އަށް ދަންނަވާށެވެ. ކުރިމަތިވެފައިވާ ކަންބޮޑުވުން ފިއްލަވައިދެއްވާތޯ ދަންނަވާށެވެ.

އިސްލާމުންގެ މައްޗަށް ފަރުޟުކުރައްވައިފައިވާ ފަސް ނަމާދަކީ އަޅުގަނޑުމެންނަށް ލައްވައިފައިވާ ރަޙްމަތެކެވެ. އެއީ ފާފަތައް ފޮހެލުމުގެ މަގެކެވެ. ﷲ ގެ ހަޟްރަތުގައި އިންސާނާގެ އަގު މަތިވެރިކުރައްވާ އަޅުކަމެކެވެ. ހަމައެހެންމެ ހިތާމައާއި ކަންބޮޑުވުމަށް އޮތް ފަރުވާއެއްވެސްމެއެވެ.

ނަމާދު ނުކުރާ މީހުންނަށްޓަކައި ނުވަތަ ނަމާދާމެދު ފަރުވާކުޑަކުރާ މީހުންނަށްޓަކައި އޮތީ ކޮން ކަމެއްތޯއެވެ؟ ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވައިފައިވެއެވެ.

"... ފަހެ، އެއުރެންނަށް ހަލާކާއި، އަބާއްޖަވެރިކަންހުށްޓެވެ. އަދި، އެކަލާނގެ އެއުރެންގެ ޢަމަލުތައްއް ގެއްލެނިކުރެއްވިއެވެ." (މުޙައްމަދު ސޫރަތުގެ 8 ވަނަ އާޔަތް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.