1967 ވަނަ އިސްރާއީލުން ހުޅަނގު އައްސޭރިއާއި ޣައްޒާ ހިފިފަހުން ފާއިތުވި 54 އަހަރުގެ ތެރޭގައި ފަަލަސްޠީނުގެ 1 މިލިއަން މީހުން ހައްޔަރުކޮށްފައިވެއެވެ. އަދި އޭގެ ތެރޭން 226 މީހުން ވަނީ އިސްރާއީލުގެ ޖަލުތަކުގައި މަރުވެފައެވެ.
"ހައްޔަރުކުރި މީހުންގެ ތެރޭގައި ގާތްގަނޑަކަށް 17 ހާސް އަންހެނުންނާއި، 54 ހާސް ކުޑަކުދިން ހިމެނޭ." ފަލަސްޠީނުގެ އެންޖީއޯއެއް ކަމުގައިވާ ކޮމިޝަން އޮން ޑިޓޭނީސް އެންެޑް އެކްސް-ޑިޓޭނީސް އެެފެއާޒް އިން ނެރުނު ބަޔާނެއްގައި ވެއެވެ. އެ ބާޔުގައި އިތުރަށް ބުނެފައިވާ ގޮތުގައި މީހުން ހައްޔަރުކުރާއިރު އަނިޔާކުރުމުގެ އިތުރަށް ބަންދުގައި ތިބޭ މުއްދަތުގައިވެސް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކޮށްފައި ވެއެވެ. އަދި އިސްރާއީލުގެ ޖަލުތަކުގައި 226 މީހަކު މަރުވެފައި ވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި މި މުއްދަތުގައި ފަލަސްޠީނު މީހުން ހައްޔަރުކުރުމަށް އަދި ދޫކޮށްލުމަށް ފަހު އަލުން ހައްޔަރުކުރުމަށް 54 ހާސް އިދާރީ އަމުރު ނެރެފައި ވެއެވެ. އިދާރީ އަމުރުގެ ސިޔާސަތުގެ ދަށުން ހައްޔަރުކުރާ މީހުން ޝަރީއަތަކާއި ނުލައި ޖަލުގައި ބޭތިއްބުުމުގެ ބާރު އިސްރާއީލުގެ ކަމާބެހޭ އިދާރާތަކަށް ލިބެއެެވެ.
މަރުވި މީހުންގެ ތެރޭން 73 މީހުން އަނިޔާކުރުގެ ސަަބަބުން މަރުވެފައި ވާއިރު، 71 މީހުން މަރުވެފައި ވަނީ ފަރުވާކުޑަކުރުމުގެ ސަބަބުންނެެވެ. އަދި 75 މީހަކު ގަސްތުގައި މަރާލާފައި ވާއިރު، 7 މީހަކު މަރާލާފައި ވަނީ ގަޔަށް ބަޑިޖަހައިގެންނެެވެ.
އިސްރާއީލުގެ ޖަލުތަކުގައި މިހާރުވެސް ފަލަސްޠީނުގެ 4500 މީހުން ތިބިކަމަށް ލަފާކުރެވެއެވެ. އޭގެ ތެރޭގައި 41 އަންހެނުންނާއި، 140 ކުޑަކުދިން ހިމެނެއެެވެ.
އަރަބިންނާއި އިސްރާއީލާއި ދެެމެދު 1967 ގައި ހިނގި ހަނގުރާމަ ނިމުނުއިރު، އިސްރާއީލު ވަނީ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި، އިރުމަތީ ޤުދްސާއި، ޣައްޒާއާއި، ސީރިޔާ (ސޫރިޔާ) ގެ ޖޫލާން އުސްބިންތައް (ގޯލާން ހައިޓްސް) އަދި މިސުރުގެ ސައިނާއީ (ސީނާ) ހިފާފައެެވެ. އިސްރާއީލުން ޣައްޒާ ހިފިއިރު އެ ސަރަހައްދު އޮތީ މިސްރުގެ ބާރުގެ ދަށުގައެވެ.
1979 ވަނަ އަހަރު އިސްރާއީލާއެކު ރައީސު އަންވަރުއްސާދާތު ސޮއިކުރެއްވި ސުލްހައިގެ އެއްބަސްވުމުގެ ދަށުން ސައިނާއީ ވަނީ މިސްރަށް އަނބުރާ ލިބިފައެވެ. އިސްރާއީލުން ހިފި އެހެން ބިންތައް އަދިވެސް ވަނީ އިސްރާއީލުގެ ބާރުގެ ދަށުގައެވެ.