ރިތިކް އާއި ދީޕިކާގެ  ފިލްމު "ފައިޓާ" ނާކާމިޔާބު ވެދާނެ ކަމުގެ ބިރު ހީވާން ފަށައިފި

ހިންދީ ފިލްމީދުނިޔޭގެ މަގުބޫލު ތަރިންކަމަށްވާ ރިތިކް ރޯޝަން އާއި ދީޕިކާ ޕަދުކޯންގެ އައު ފިލްމު "ފައިޓާ" ބޮކްސް އޮފީހުގައި ފްލޮޕް ވެދާނެ ކަމުގެ ބިރު ހީވާން ފަށައިފިއެވެ.

ފިލްމަށް ހަތަރު ދުވަހުގެ ތެރޭގައި މުޅި ދުނިޔެއިން 200 ކްރޯޑް ރުޕީސް ލިބުނުކަމަށް ވިޔަސް އޭގެ ފަހުން "ފައިޓަރ" ގެ ވިޔަފާރި %76 ދަށްވެ ފިލްމު ވަނީ ނާކާމިޔާބު ވުމުގެ މަގުމަތީގައެވެ.

ފިލްމީ ކަންތައް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ފިލްމުން ގައުމީ ލޯތްބާއި ޕާކިސްތާނާ ދެކޮޅު ރޫހު ދައްކަން ވަރަށް ބޮޑަށް މަސައްކަތްކޮށްފައި ހުރި ކަމަށްވިޔަސް  ހިންދީ ފިލްމު ބަލާ ގިނަ އަދަދެއްގެ ބެލުންތެރިންގެ ޝައުގުވެރިކަން ފިލްމަށް ހޯދިފައެއް ނުވެއެވެ.

މި ފިލްމުގައި ރިތިކް ރޯޝަން އާއި ދީޕިކާ އިންޑިއާގެ ވައިގެ ސިފައިންގެ އިސްބައެއްގެ ގޮތުގައި ފެނިގެން ދާއިރު އަނިލް ކަޕޫރު ކުޅެފައި ވަނީ ކޮމާންޑިން އޮފިސަރެއްގެ ބައެވެ.

ފިލްމުގައި ހިމެނޭ އެހެން ތަރިންގެ ތެރޭގައި ކަރަން ސިންގް ގްރޯވާ އާއި އަކްޝޭ އޮބެރޯއީ އަދި މަޝްހޫރު އެހެން ފަންނާނުން ހިމެނެ އެވެ.

ޔާޝް ރާޖްއިން އުފައްދާފައިވާ މި ހަނގުރާމައިގެ ފިލްމަކީ ވަރަށް ކާމިޔާބު ފިލްމެއް ކަމުގައިވާ "ޕަޓާން"ގެ ޑައިރެކްޓަރު ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމަށް ސަމާލުކަން ހޯދުމުގެ ގޮތުން ފިލްމު ދައްކަން ފެށީ، އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ދިމާކޮށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.