އެމެރިޔާސީ ރިޔާސީ އިންތިޚާބު: ރޭހުގައި މުސްކުޅި ދެ ރައީސުން

އެމެރިކާގެ ރައީސްކަމަށް ކުރިމަތިލައްވަން ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ  ސައުތު ކެރޮލައިނާގެ ކުރީގެ ގަވަރުނަރު ނިކީ ހޭލީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ނިކީ ގެންދަވަނީ ރިޕަބްލިކަން ޕާޓީގެ ވާދަވެރިޔާ ޑޮނަލްޑް ޓްރަމްޕަށް ފާޑުކިޔުންތައް އިތުރުކުރައްވައި  ވަރުގަދަކުރެއްވުމުގެ އިތުރަށް ހަމަލާތައް ތޫނުކުރައްވަމުންނެވެ.

ނިކީ ހޭލީއަކީ ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ދައުރުގައި އދ.ގައި ހުންނަވާ އެމެރިކާ ސަފީރުގެ މަގާމު އަދާކުރައްވާފައިވާ ބޭކަނބަލެކެވެ.

ރިޔާސީ ޕްރައިމަރީން ކުރި ހޯއްދެވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގައި ނިކީ ވަނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ރިޔާސަތަށް މާ މުސްކުޅި އަދި ނަފްސާނީ ގޮތުން ނާގާބިލު ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

"ޖެނުއަރީ ހަ ވަނަ ދުވަހު ކެޕިޓަލް ހިލްގައި ހިނގި ހަމަނުޖެހުންތަކުގައި ޓްރަމްޕްގެ ސަރުކާރުން ސެކިއުރިޓީ ރަނގަޅަށް ނުބެލެހެއްޓީ ކީއްވެގެންތޯ؟" ނިއު ހެމްޝަޔަރގައި ރޭ ބޭއްވި އެއްވުމެއްގައި އުމުރުފުޅުން 52 އަހަރުފުޅުގެ ނިކީ ހޭލީ ވިދާޅުވި އެވެ. "އެ ދުވަހު އަޅުގަނޑު  ވޮޝިންޓަންގައި ނެތިން، އަދި އެ ދުވަހު އޮފީހުގައި ވެސް ނެތިން."

ކުރީގެ ގަވަރުނަރު ވިދާޅުވީ "ގައުމު ހަލަބޮލިވެ ދުނިޔޭގައި އަލިފާން ރޯވެފައިވާއިރު 80 އަހަރުގެ މުސްކުޅި ދެ ބޭފުޅަކު ރިޔާސީ އިންތިޚާބަށް ކުރިމަތިލާތަން ދެކެން އަޅުގަނޑުމެން ހަގީގަތުގައި ބޭނުންތޯ؟"

މިހާތަނަށް ޓްރަމްޕަށް ސީދާ ހަމަލާތައް ނުދެއްވައި ހުންނެވި ނިކީ، އިންތިޚާބުގެ ވާދަވެރިކަން ހޫނުވަމުންދާ ވަރަކަށް، އަދި  ޓްރަމްޕް އޭނާއަށް ފާޑުވިދާޅުވުން އިތުރުކުރައްވަމުން ގެންދަވާތީ ނިކީ ވެސް ވަނީ ޓްރަމްޕަށް  ދެއްވާ "ޢުދުވާނީ" ހަމަލާތައް ވަރުގަދަކުރައްވާފައެވެ.

އެމެރިކާގެ މުސްކުޅި ރައީސް ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމަށް ވަޑައިގަންނަވާ ވަރަށްވުރެ މުސްކުޅިފުޅުކަމަށް ކުރީގެ ރައީސް ޓްރަމްޕަށް ތާއިދުކުރާ މީހުން ބުނަމުންދާއިރު ޓްރަމްޕުގެ ޕާޓީގެ ބޭފުޅުން އޭނާ ވަރަށް މުސްކުޅިފުޅުކަމަށާއި ރައީސްކަމަށް "ފައްކާ" ނޫންކަމަށް ވިދާޅުވުމަކީ ޓްރަމްޕަށް ގެއްލުންހުރި ކަމެކެވެ. ނަމަވެސް ރިޔާސީ ޕްރައިމަރީން ކުރި ހޯއްދަވައިގެން ބައިޑެންއާ ވާދަކުރެއްވުމުގެ ފުރުސަތު ބޮޑަށް ތަނަވަސްވެފައި ވަނީ ވަރަށް ބޮޑެތި ބަދުނާމުތައް އިސްތަށިފުޅުގައި އެޅިފައިވާ ޓްރަމްޕަށެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.