ބައިޑަންގެ ސަރުކާރުގެ މުހިއްމު މަގާމުތަކަށް ހަމަޖައްސަވާނެ ބޭފުޅުން ހާމަކުރައްވައިފި

އެމެރިކާގެ ރައީސުކަމަށް ހޮވިވަޑައިގެންފައިވާ ޖޯ ބައިޑަން އެކުލަވާލައްވާނެ ސަރުކާރުގެ މުހިއްމު މަގާމުތަކަށް ހަމަޖައްސަވާނެ ބޭފުޅުން މިރޭ ހާމަކުރައްވައިފިއެވެ.

އެގޮތުން، ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) ކަމަށް އެންޓަނީ ބްލިންކެން ހަމަޖައްސަވަން ނިންމަވާފައި ވާއިރު، އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ލިންޑާ ތޯމަސް-ގްރީންފީލްޑް އަދި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ކަމަށް ޖޭކް ސުލިވާން ހަމަޖައްސަވަން ވަނީ ނިންމަވާފައެވެ.

ބްލިންކެން އަކީ ރައީސު އޮބާމާގެ ދައުރުގައި ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރުގެ ނާއިބު) ކަމާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ކަޅު ނަސްލުގެ ބޭކަނަބަލެއް ކަމުގައިވާ ތޯމަސް-ގްރީންފީލްޑަކީ ރައީސު އޮބާމާގެ ދައުރުގައި އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ އެފްރިކަން އެފެއާޒް އަދި ޑިރެކްޓަރ ޖެނެރަލް އޮފް ޔުނައިޓެޑް ސްޓޭޓް ފޮރިން ސާވިސްގެ މަގާމު ފުރުއްވާފައިވާ ތަޖިރިބާކާރު ޑިޕްލޮމޭޓެކެވެ. ސުލިވާންއަކީ ރައީސު އޮބާމާގެ ދައުރުގައި ޑިރެކްޓަރ އޮފް ޕޮލިސީ ޕްލޭނިންގ އަދި އޭރުގެ ނާއިބު ރައީސު ޖޯބައިޑަންގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސު ޓްރަމްޕް އަދި ބަލި ގަބޫލުކުރައްވާފައި ނުވާތީ އޭނާގެ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ ބައިޑަންއަށް އިންތިގާލީ މަރުހަލާގެ ކަންކަމުގައި އެއްބާރުލުން ދިނުމަށް ދެކޮޅުހައްދަވަމުންނެވެ. އެހެންނަމަވެސް، 74 އިލެކްޓޯރަލް ކޮލެޖް ވޯޓުގެ ތަފާތުން އިންތިޚާބުގައި ކުރި ހޯއްދަވާފައިވާ، ބައިޑަން ގެންދަވަނީ އިންތިގާލީ މަރުހަލާގައި ކުރަން ޖެހޭ ކަންކަން ކުރައްވަމުންނެވެ.

ބޭފުޅުން ހަމަޖައްސެވިކަން މިރޭ ހާމަކުރެއްވި އިތުރު މަގާމުތަކަށް ބަލާއިރު، ސެކްރެޓަރީ އޮފް ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކްރެޓަރީ ކަމަށް އެލެޚަންދްރޯ މަޔޯރްކާސް، ޓްރެޝަރީ ސެކްރެޓަރީ ކަމަށް ޖެނެޓް ޔެލެން އަދި ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް ކަމަށް އެވްރިލް ހޭންސް ހަމަޖައްސަވަން ނިންމެވުން ފާހަގަކޮށްލެވެއެވެ.

ކިއުބާގެ ހަވާނާއަށް އުފަންވެޑައިގަތުމަށް ފަހު، އާއިލާއާއެކު 1960 ވަނަ އަހަރު އެމެރިކާއަށް ހިޖުރަކުރެއްވި މަޔޯރްކާސްއަކީ ރައީސު އޮބާމާގެ ދައުރުގައި ޑެޕިއުޓީ ސެކްރެޓަރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އަދި ޑިރެކްޓަރ އޮފް ސިޓިޒެންޝިޕްސް އެންޑް އިމިގްރޭޝަން ސާވިސަސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ޕޮލެންޑްގެ ޔަހޫދީ އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ޔެލެންއަކީ އެމެރިކާގެ މަރުކަޒީ ބޭންކް ފެޑެރަލް ރިޒާވް ކުރީގެ ޗެއާއެވެ. 2014 އިން 2018 އަށް އެ މަގާމުގައި ހުންނެވި ޔެލެންއަކީ ފެޑެރަލް ރިޒާވްގެ ވެރިއަކަށް ހުންނެވި ފުރަތަމަ އަންހެން ބޭފުޅާއެވެ.  އޭހޭންސްއަކީ ނޭޝަނަލް އިންޓެލިޖެންސްގެ ވެރިޔާގެ މަގާމަށް އެމެރިކާގައި އައްޔަންކުރެއްވޭ ފުރަތަމަ އަންހެން ބޭފުޅާއެވެ. އޭނާ ވަނީ ރައީސު އޮބާމާގެ ދައުރުގައި ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ކަމާއި، ސީއައިއޭގެ ޑެޕިއުޓީ ޑިރެކްޓަރކަން ކުރައްވާފައެވެ.

އަދި ތިމާވެށްޓަށް ބައިޑަން ދެއްވާ އަހައްމިއްޔަތު ދެއްކެވުމުގެ ގޮތުން އޭނާ ވަނީ ޕްރެޒިޑެންޝަލް އެންވޯއީ އޮން ކްލައިމެޓްގެ މަގާމަށް ކުރީގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ހަމަޖައްސަވާނެކަން އިއުލާންކުރައްވާފައެވެ.

މުންތަޚަބު ރައީސު ޖޯ ބައިޑަން ހޮއްވެވި ބޭފުޅުންނަށް ބަލާއިރު، އެ ހުރިހާ ބޭފުޅުންނަކީ އެ ސަރުކާރެއްގައި ބައިޑަން ނާއިބު ރައީސަކަށް ހުންނެވި ބަރަކް އޮބާމާގެ ސަރުކާރުގައި އެ ދާއިރާތަކުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅުންކަން ފާހަގަކުރެވެއެވެ. އަދި އޭނާގެ ސަރުކާރަކީ އެމެރިކާގެ ހުރިހާ ނަސްލެއް ތަމްސީލުވެގެންދާ ސަރުކާރަކަށް ހައްދަވާނެކަމަށް ބައިޑަން ވެވަޑައިގެންފައިވާ ވައުދު ފުރިހަމަކުރައްވަން މަސައްކަތްޕުޅު ކުރައްވާ ތަންވެސް އެބަ ފެނެއެވެ. އެގޮތުން، މިހާތަނަށް ކަޅު ނަސްލުގެ ބޭފުޅަކާއި، ލެޓިނޯ ބޭފުޅަކު މިވަނީ ނަންގަވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.