ލުބުނާނުގެ ވެރިރަށް ބެއިރޫތަށް މިދިޔަ އަންގާރަ ދުވަހު އިސްރާއީލުން ދިން ހަމަލާއެއްގައި ޙަމާސްގެ ވަރަށް އިސް ލީޑަރެއްކަމުގައިވާ ޞާލިޙް އަލް ޢަރޫރީ އަވަހާރަވެއްޖެއެވެ.
ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ އާބާދީ ގިނަ ސަރަހައްދެއްގައި ހުރި ޙަމާސްގެ އޮފީހަކަށް އަމާޒުކޮށް އިޒުރޭލުންދިން ޑްރޯން ހަމަލާއެއްގައި ޞާލިޙް އަލް ޢަރޫރީ އަވަހާރަވުމާ ގުޅިގެން މެދުއިރުމަތީގެ އެކި ހިސާބުތަކަށް ހަމަނުޖެހުން ފެތުރުމުގެ ނުރައްކާ ވަނީ އިތުރުވެފައެވެ.
އިޒުރޭލުން ޙަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް އަވަހާރަކޮށްލެވުނު ޙަމާސްގެ އެންމެ އިސް ލީޑަރ ކަމަށްވާ ޞާލިޙް އަލް ޢަރޫރީ އަކީ ޙަމާސް ޖަމާއަތުގެ ޢަސްކަރީ ފިޔައިގެ އެއް ބާނީ ވެސް މެއެވެ.
ޞާލިޙް އަލް ޢަރޫރީ އަވަހާރަކޮށްލުމާ ގުޅިގެން ޙަމާސްގެ އިތުރަށް ލުބުނާނުގެ ބާރުގަދަ ހިޒްބުالله އިން ވެސް ބަދަލު ހިފުގެ ވަރުގަދަ ހަރަކާތްތަކެއް ހިންގާނެކަމަށް ބެލެވެއެވެ.
ލުބުނާނުގައި ފަލަސްތީނުގެ އޮފިޝަލުންނަށް އަމާޒުކޮށް އިޒުރޭލުން ހިންގާ ކޮންމެ ކަމެއްގެ ބަދަލު ހިފުމަށް ހިޒްބުاللهގެ ލީޑަރު ޙަސަން ނަޞްރުالله ވަނީ ވައުދުވެވަޑައިގެންފައެވެ.
ޞާލިޙް އަލް އަރޫރީ އަވަހާރަކޮށްލަން އިޒުރޭލުން ދިން ހަމަލާ އަމާޒުކޮށްފައި ވަނީ ހިޒްބުاللهގެ ބާރުގަދަ ބެއިރޫތުގެ ޝިޔައީ މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަ އެޕާޓްމަންޓެއްގެ ދެވަނަ ބުރިއަށެވެ.
އޭޕީ އިން ބުނި ގޮތުގައި އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޙަމާސް އާއި އިޒުރޭލުގެ ހަނގުރާމަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ފެށުމުގެ ކުރިން ޢަރޫރީ އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
ޞާލިޙް އަލް އަރޫރީ އަވަހާރަކޮށްލަން ދިން ޑްރޯން ހަމަލާއާ ގުޅޭ ގޮތުން އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.
ލުބުނާނުގެ ރަސްމީ ނޫސް އެޖެންސީން ބުނި ގޮތުގައި ޙަމާސްއިން ބޭނުންކުރަމުންދިޔަ އެޕާޓްމަންޓަށް އިޒުރޭލުގެ ޑްރޯންއަކުން ދިން ހަމަލާގައި ޙަމާސްގެ އިތުރު 6 ބޭފުޅަކުވެސް އަވަހާރަވެފައިވެއެވެ.
މީގެ ގާތްގަނޑަކަށް ތިން މަސް ކުރިން ޣައްޒާގައި އިޒުރޭލުން ހަނގުރާމަ ފެށި ފަހުން އިސްރާއީލާއި ލުބުނާނުގެ ބޯޑަރުގައި ހިޒްބުالله އާއި އިސްރާއީލުގެ ސިފައިންނާ ދެމެދު ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވެސް ބަޑީގެ ހަމަލާތައް ބަދަލު ކުރެވެއެވެ. އެކަމަކު މިހާތަނަށް ލުބުނާނުގެ ބާރުގަދަ ހިޒުﷲއިން ތިބީ އިޒުރޭލާ ދެކޮޅަށް ހަރުކަށި ފިޔަވަޅެއް ނާޅައި ހިމޭންކަން އިޚުތިޔާރުކޮށްގެންނެވެ. ނަމަވެސް އިޒުރޭލުން ލުބްނާންއަށް ދިން ހަމަލާގެ ސަބަބުން ހިޒްބުﷲއިން ހިމޭންކަން ފޫދުއްވާލާނެކަމަށް ބެލެވެއެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިޒުރޭލުގެ ޢަސްކަރިއްޔާގެ ތަރުޖަމާނު ރިއާ އެޑްމިރަލް ޑެނިއަލް ހަގާރީ ސީދާ އަލް ޢަރޫރީ އަވަހާރަވީ ވާހަކަ ނުދެއްކެވި ނަމަވެސް "އަޅުގަނޑުމެން ފޯކަސް ކުރަނީ ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމައަށް" ކަމަށް ވިދާޅުވިއެވެ.
"ކޮންމެ މަންޒަރަކަށް ވެސް، ކޮންމެ ކަމަކަށް ވެސް އަޅުގަނޑުމެން މިތިބީ ތައްޔާރަށް" އޭނާ އިތުރަށް ވިދާޅުވި އެވެ.
ޣައްޒާގެ މެދުތެރެއާއި ދެކުނުގައި އިޒުރޭލާއި ޙަމާސްއާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް މިވަގުތު ވެސް ހިނގަމުން އެބަދެއެވެ.
އެމެރިކާއިން ދަނީ އީރާނާއި އީރާނުގެ އެކުވެރި ހިޒްބުاللهއަށް އަނިޔާވެރިކަން އިތުރު ނުކުރުމަށް ތަކުރާރުކޮށް އިންޒާރު ދެމުންނެވެ. އެއީ އީރާނާއި ހިޒުބުﷲއިން އިޒުރޭލާ ދެކޮޅަށް ހަމަލާ ދޭން ފަށައިފިނަމަ އިޒުރޭލު ބަލިއެނދަކަށް ލާން ޖެހިދާނެކަން އެމެރިކާއަށް އެނގޭތީއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމާސް ފުނޑުފުނޑުކޮށް، ޣައްޒާގައި ހަނގުރާމަވެރި ޖަމާއަތުން ހިފަހައްޓާފައިވާ 100 އަށް ވުރެ ގިނަ ރަހީނުން މިނިވަން ކުރެވެންދެން ޣައްޒާގެ ހަމަލާ ކުރިއަށް ގެންދިއުމަށް ވައުދުވެވަޑައިގެންފަ އެވެ.
ބޭރޫތުގެ އަލްދާހިޔާ ސަރަހައްދުގައި ހުރި ޙަމާސްގެ އޮފީހަށް އިޒުރޭލުން ދިން ހަމަލާގައި ޞާލިހު އަލް ޢަރޫރީ އާއި އޭނާގެ އަސްކަރީ ދެ ކޮމާންޑަރުން ވެސް ވަނީ އަވަހާރަވެފައެވެ.
އޮކްޓޯބަރު ހަތް ވަނަ ދުވަހު އިޒުރޭލުގެ ދެކުނަށް ޙަމާސްއިން ދިން ހަމަލާއަށް ފަހު އިޒުރޭލުގެ އޮފިޝަލުން ތަކުރާރުކޮށް ބުނެފައި ވަނީ ލުބުނާން، ޤަޠަރު އަދި ތުރުކީގައި ދިރިއުޅުއްވާ ޙަމާސްގެ ލީޑަރުންނަށް ހަމަލާދޭނެ ކަމަށެވެ.
ލުބުނާނުގައި ދިރިއުޅުއްވާ އުމުރުން 57 އަހަރުގެ އަލް ޢަރޫރީއަކީ ޙަމާސްގެ ސިޔާސީ ބިއުރޯގެ ނާއިބުގެ އިތުރަށް ހުޅަނގު އައްސޭރީގައި ޙަމާސްއިން ހިންގާ ޢަސްކަރީ ފިޔައިގެ އިސް ލީޑަރުވެސް މެއެވެ.