ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ޑޮނަލްޑް ޓްރަމްޕަށް ހަމަނުވާ ކަމަށް ކޯޓުން ކަނޑައަޅައިފި

ކެޕިޓަލް ހިލްއަށް ދިން ހަމަލާގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް   ބައިވެރިވެވަޑައިގަތްކަމަށް ބަލައި ޓްރަމްޕް ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަނުވާ ކަމަށް އެމެރިކާގެ ކޮލޮރާޑޯ ސްޓޭޓްގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ކޯޓުން ނިންމި ނިންމުމުގައި ބުނެފައި ވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު ކުރީގެ ރައީސް ޓްރަމްޕަށް ތާއިދު ކުރާ ބަޔަކު ކެޕިޓަލް ހިލްއަށް ހަމަލާ ދީފައިވާކަމަށާއި އެ ހަމަލާ ދިނުމާއި ރޭވުމުގައި ޓްރަމްޕްގެ ދައުރެއް ހިމެނޭތީ އަންނަ އަހަރު އެމެރިކާގައި ބާއްވާ  ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ކެންޑިޑޭޓަކަށް ވުމުގެ ޝަރުތު ހަމަނުވާ ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުޠު ހަމަނުވާކަމަށް ކޯޓުން ކަނޑައެޅިކަމަށް ވިޔަސް އެ ނިންމުން ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އިސްތިއުނާފު ކުރުމުގެ ހައްގު ޓްރަމްޕަށް ލިބިވަޑައިގެންފައިވެއެވެ.

ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަނުވާކަމަށް ކަނޑައެޅީ ކޮލޮރާޑޯގެ ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެތެރެއިން 4 ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.

އެ ހުކުމުގެ ސަބަބުން ޓްރަމްޕް ވެގެން ދިޔައީ އެމެރިކާގެ ތާރީޚުގައި ވެސް ރިޔާސީ އިންތިޚާބަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅުނު ފުރަތަމަ ރިޔާސީ ކެންޑިޑޭޓަށެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގައި އެ ހުކުމް އިސްތިއުނާފު ކުރާނެކަމަށް ޓްރަމްޕް ވަނީ ވައުދުވެވަޑައިގެންފައެވެ.

ޓްރަމްޕަށް ތާއިދުކުރާ މީހުން ކޯޓުގެ ނިންމުން ސިފަކުރީ "ޑިމޮކްރެޓިކް ނޫން" ނިންމުމެއްގެ ގޮތުގައެވެ.

ޓްރަމްޕްގެ ކެމްޕޭން ތަރުޖަމާނު ވިދާޅުވީ ކޮލޮރާޑޯގެ ސުޕްރީމް ކޯޓުގެ ނިންމުމަކީ  މުޅިން ގޯސް ނިންމުމެއް ކަމަށާއި އެ މައްސަލަ ވީ އެންމެ އަވަހަކަށް އެމެރިކާގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.

ކޯޓުގެ ނިންމުމާ ގުޅޭގޮތުން ރައީސް ބައިޑެންގެ ކެމްޕޭނުން ވަނީ އެއްޗެއް ބުނަން ދެކޮޅު ހަދާފައެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.