ފަރަށް އެރި މުދާ އުފުލާ ދޯންޏަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދެނީ

ކ.ތުލުސްދޫން ފުރައިގެން ކ.މާފުށްޓަށް ދަތުރުކުރަމުންދިޔަ "ޑޮނަޓެއްލާ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް، ކ.ގުޅިކައިރީގައި އޮންނަ ފަރަކަށް އަރައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
ދިވެއްސަކާއި ތިން ބިދޭސީ ފަޅުވެރިން ތިބި އެ ދޯނި، ފަރަށްއެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުނީ މިއަދު ހެނދުނު 07:36 ހާއިރުއެވެ.
މި މަޢުލޫމާތު ލިބުމުން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވަނީ ދޯނި އޮތް ސަރަހައްދަށް ގޮސް، އެ ބޯޓުގައި ތިބި ހަތަރު ފަޅުވެރިން ހާބަރކުރާފްޓް ލޯންޗުގައި މާލެ ގެނެސްދީފައެވެ.
ފަރަށް އެރުމުގެ ސަބަބުން ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު މި ދޯނި ފުންކުރުމުގެ މަސައްކަތުގައި ދޯނީގެ ވެރިފަރާތާ ގުޅިގެން ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.