ޕީޕީއެމް، ޕީއެންސީ ޕްރައިމަރީ ބާއްވާނީ ޖަނަވަރީ 20ގަ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ 2024 ޖަނަވަރީ 20 އަށް ފަސްކުރުމަށް ނިންމައިފިއެވެ.

އެ ކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ 2024ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި ވާދަކުރާ ފަރާތްތައް ކަނޑައެޅުމަށްޓަކައި 2023 ޑިސެންބަރު 23 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީ ބާއްވާ ތާރީޚް 2024 ޖަނަވަރީ 20 ވާ ހޮނިހިރު ދުވަހަށް ފަސް ކުރެވިފައިވާ ކަމަށެވެ.

އެ ކޯލިޝަންގެ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީ ބާއްވާ ތާރީޚް 2024 ޖަނަވަރީ 20 ވާ ހޮނިހިރު ދުވަހަށް ފަސްކޮށްފައިވަނީ ޕްރައިމަރީ ބާއްވަން ނިންމާފައިވާ ތާރީޚަކީ ސްކޫލް ބަންދު ދުވަސްވަރަށްވެފައި، ގިނަ ޢަދަދެއްގެ ރައްޔިތުން އެކިއެކި ބޭނުމަށާއި، ޢުމްރާއަށް ޤައުމުން ބޭރަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާތީ، ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ގިނަ ކެންޑިޑޭޓުންނާއި ކޯލިޝަންގެ ޢާންމު މެންބަރުންގެ އެދުމުގެ މަތިން ކަމަށް ވެސް ވަނީ ބުނެފައެވެ.

އެހެންކަމުން، 2024 ޖަނަވަރީ 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރުމަށް ހުށަހަޅާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާކަން ބެލުމަށްފަހު، ކެންޑިޑޭޓުން ތަރުތީބު ކުރެވިފައިވާ ގޮތާއި ކެންޑިޑޭޓުންގެ ނަންތައް ކުރިއަށް އޮތް ހަފްތާ ތެރޭގައި ޢާންމު ކުރެވޭނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އަދި، ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ލިސްޓާއި ވޯޓު ނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވަގުތުވެސް ޢާންމުކޮށް އިޢުލާނު ކުރާނެ ކަަމަށް ވެސް ބުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.