ޚިދުމަތް ކުރާނީ އެއްވެސް ސިޔާސީ ފިކުރަކަށް ބެލުމެއްނެތި: ޑރ. މުއިއްޒު

ވެރިކަމާއި ހަވާލުވުމަށްފަހު ޚިދުމަތް ކުރާނީ އެއްވެސް ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ކަމަށް ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހއ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ކެލާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޤައުމަށް ތަރައްޤީއާއި ކުރިއެރުން ގެނެވޭނީ ސިޔާސީ ޚިޔާލް ތަފާތުވުން ދުރުކޮށް، ހަމަޖެހުމާއި އަދުލު އިންސާފު ގާއިމް ކުރެވިގެން ކަމަށެވެ. އަދި ރައްޔިތުންނަށް ޚިދުމަތް ދެއްވުމުގައި އަބަދުވެސް އިސްކުރާނީ ހަމަހަމަކަން ކަމަށެވެ.

މީގެ އިތުރުން ޚިދުމަތް ދޭނީ އެއްވެސް ތަފާތު ކުރުމެއްނެތި، ހުރިހާ ރައްޔިތުންގެ އަޑު އަހައިގެން ކަމަށާއި ވަކިފިކުރަކަށް ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވީތީ ޚިދުމަތް ނުދޭ ސަގާފަތެއް ނޯންނާނެ ކަމަށެވެ. އަދި ރާއްޖޭގައި ހަމަޖެހުން ގާއިމް ކުރަންޖެހޭ ކަމަށާއި އަދުލު އިންސާފު ގާއިމްކޮށް އަނިޔާވެރިކަން ނިމުމަކަށް އަންނަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

މާލޭ ސިޓީގެ މޭޔަރުކަން ވެސް ކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ އަނިޔާއާއި ބަދަލު ހިފުން ނިމުމަކަށް ގެނެސްގެން ނޫނީ ކަންކަން އިސްލާހެއް ނުވާނެ ކަމަށެވެ.

މުއިއްޒު ކެލައަށް ވަޑައިގަތުމުން އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު އަޑު އުފުލާފައިވާއިރު، މުއިއްޒު ވިދާޅުވީ ޚިޔާލް ފާޅުކޮށް ޝުއޫރު ފާޅުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެކަން ކުރުމުގައި އެއްވެސް ތަފާތެއް ނެތި ކޮންމެ ރައްޔިތަކަށް ޝުއޫރު ފާޅުކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.