ތުރުކީގެ ރައީސް އުރުދުޣާން: ޣައްޒާގެ ބަޠަލު

އިޒުރޭލަކީ ހުޅަނގުގެ ބަސްނާހާ ދަރިއެއް: އުރުދުޣާން

ތުރުކީގެ ރައީސް ޠައްޔިބު  އުރުދުޣާން ވިދާޅުވި ގޮތުގައި އިޒުރޭލަކީ ހުޅަނގުގެ ފަސާދަވެފައިވާ ބަސްނާހާ ދަރިއެކެވެ. އަދި މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިއްމާ، ޒަޔަނިސްޓް އިޒުރޭލު ސަރުކާރުން އުފުލަން ޖެހޭނެކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

އެމެރިކާއާއި ޔޫރަޕިއަން ޔުނިއަން (އީޔޫ)ގެ ބައެއް މެމްބަރު ގައުމުތަކުން ތުރުކީއަށް ފިއްތައި ބާރުއަޅަމުން ދަނީ ތުރުކީން ޙަމާސްއަށް ކުރާ ތާއީދު ހުއްޓުވައި، ޙަމާސްއަކީ ޓެރަރިސްޓް (ނިރުބަވެރި) ޖަމާއަތެއް ކަމަށް ތުރުކީން ގަބޫލުކޮށް އިއުލާން ކުރުވުމަށެވެ.

ތުރުކީގެ ޢަޒުމް ވަރުގަދަ ރައީސް ޠައްޔިބު އުރުދުޣާން ވަނީ އެމެރިކާއާއި އީޔޫގެ  ފިއްތުންތަކާ ކަނޑައެޅިގެން  ދެކޮޅު ހައްދަވާފައެވެ.

ރައީސް އުރުދުޣާނަކީ އެމެރިކާއާއި އީޔޫގެ ގައުމުތަކުން ހަމަ އެއްޗެކޭ ބުނާ އިރަށް އެ ވާހަކައެއް ގަބޫލު ކުރައްވައި އެއަށް އަމަލު ކުރައްވާ ޒާތުގެ ފިނޑި ބޭފުޅެއް ނޫނެވެ. އެއަށްވުރެ މާ ހަރުދަނާ، ވަރުގަދަ ލީޑަރެކެވެ.

މީގެ ކުރިން ދުނިޔެ ނުދެކޭ ފަދަ އަނިޔާ ޣައްޒާގެ ރައްޔިތުންނަށް އިޒުރޭލުގެ އަނިޔާވެރި ސަރުކާރުން ދެމުން ގެންދާއިރު އެކަމާ ދެކޮޅަށް ޢަރަބި ގައުމުތަކުގެ ވެރިންނަށް އަޑު ނުއުފުއްލަވާ ވަރަށް އުރުދުޣާން ގެންދަވަނީ ވާހަކަދައްކަވައި ނިރުބަވެރި އިޒުރޭލު ކުށްވެރި ކުރައްވަމުންނެވެ. އެހެންވެ އޭނާ ވެފައި ވަނީ ފަލަސްޠީނަށް ޓަކައި ޣައްޒާއަށް ޓަކައި މަސައްކަތްކުރައްވާ ބަޠަލަކަށް ވެފައެވެ.

އެމެރިކާއިން ވަނީ އެއްގޮތަކުން ނުވިއްޔާ  އަނެއްގޮތަކަށް ރައީސް އުރުދުޣާން ވެރިކަމުން ދުރުކުރަން މަސައްކަތް ކޮށްފައެވެ. ފުރަތަމަ މަސައްކަތް ކުރީ ތުރުކީގެ އިދިކޮޅު އަދި ނިރުބަވެރި ޖަމާއަތްތަކަށް ތާއީދުކޮށްގެން އުރުދުޣާންގެ ސަރުކާރު ވައްޓާލުމަށެވެ.

އެމެރިކާއިން ތަފާތު ގޮތްގޮތަށް ތުރުކީގެ އިދިކޮޅު ފަރާތްތަކަށް ތާއީދުކޮށް ފާޅުކަން ބޮޑު ގޮތްގޮތަށް އުރުދުޣާނާ ދެކޮޅު މެސެޖުތައް ދެމުން ގެންދެއެވެ. ޖާސޫސުކޮށްގެން ޖަލަށް ލާފައި ހުރި ޕާސްޓަރ ބްރަންސަން ދޫކޮށްލުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ރައީސް އުރުދުޣާނަށް ފިއްތުންތައް ކުރިމަތިކުރައްވައި، އޭނާ ދޫކޮށްނުލައިފިނަމަ ތުރުކީއަށް ވަރުގަދަ ފިލާވަޅެއް ދެއްވާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޖޯ ބައިޑަން ތުރުކީގެ ރައީސް އުރުދުޣާނަށް އެތައް ފަހަރަކު ދެއްވިއެވެ.

އެމެރިކާއާއި އީޔޫގެ އިންޒާރުތަކަށް އުރުދުޣާން ބިރުފުޅުން ނޫޅުއްވައެވެ. އެމެރިކާއާއި ހުޅަގުން އުރުދުޣާނާ ދެކޮޅަށް ކުރިމަތިކުރައްވާ ކޮންމެ ހުރަހެއް އޭނާ ގިރާކުރައްވަނީ ވަރަށް ހުނަރުވެރި އަދި ހިކުމަތްތެރި ގޮތަކަށެވެ.

ދާދިފަހުން ތުރުކީއަށް ދިޔަ  އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންގެ ބަޔަކު ވެސް ވަނީ ތުރުކީން ފަލަސްތީނުގެ ޙާމާސް ޖަމާއަތަށް ފާޅުގައި ތާއީދުކުރާތީ ކަންބޮޑުވުން ފާޅުކޮށް ތުރުކީގެ ވިސްނުން ބަދަލުކުރުމަށް ބޭކާރު މަސައްކަތްތަކެއް ކޮށްފައެވެ.

އެމެރިކާގެ ވަފުދު ތުރުކީއަށް ގޮސް ކުރި މަސައްކަތުން ރައީސް އުރުދުޣާން ހުންނެވި މަގާމުން ގުޑުވައެއް ވެސް ނުލެވުނެވެ. އެ މީހުންގެ ވާހަކަ އަޑުއެހިޔަސް ތުރުކީގެ ކަމާބެހޭ ފަރާތްތަކުން އެ ވާހަކަ ގަބޫލެއް ނުކުރިއެވެ. އެއީ އެމެރިކާއަށް ނާކާމިޔާބު ދަތުރެކެވެ.

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ: ޝަރީޢަތާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ

އެމެރިކާގެ އޮފިޝަލުންގެ ދަތުރުފުޅުގެ ކުރިން ޕާލަމެންޓުގައި ބޭއްވި ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީގެ ގްރޫޕް ބައްދަލުވުމެއްގައި އިޒުރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ ގުޅޭ ގޮތުން ރައީސް އުރުދުޣާން ވަނީ "ޣައްޒާގެ ކަތިވަޅި" އަދި އިސްރާއީލަކީ "ޓެރަރިސްޓް ދައުލަތެއް" ކަމަށް ވިދާޅުވެ ހަރުކަށި ބަޔާނެއް ނެރުއްވާފައެވެ.

ޙަމާސްއާ ދެކޮޅަށް އިޒުރޭލުން ހިންގާ އަނިޔާވެރި ޖަރީމާތަކުގައި ތުރުކީން ޙަމާސްއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭކަމުގެ ހެކި އެމެރިކާގެ އަންޑަ ސެކްރެޓަރީ ބްރައިއަން ނެލްސަންއަށް ހުށަހެޅިފައި ނުވި ނަމަވެސް މީގެ ކުރިން ތުރުކީން ޙަމާސްއަށް މާލީ އެހީތެރިކަން ފޯރުކޮށްދިން ކަމަށް ކަނޑައެޅިގެން އެމެރިކާއިން ތުހުމަތު ކޮށްފައިވެއެވެ. ރައީސް އުރުދުޣާން ވަނީ ވަރަށް ސާފު ބަސްތަކުން އެ ވާހަކަތަކާ ދެކޮޅު ހައްދަވައިފައެވެ.

ޙަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއް ނޫން ކަމަށް ތުރުކީން ދެކެނީ ޙަމާސްއަކީ އާންމު އިންތިޚާބު ކާމިޔާބުކޮށް ޣައްޒާގެ ވެރިކަމަށް އައި އެތަނުގެ ވެރިކަން ހިންގާ ސިޔާސީ ޕާޓީއެއް ކަމަށް ވާތީއެވެ. ތުރުކީން ދެކޭ ގޮތުގައި ޙަމާސްއަކީ ފަލަސްޠީނުގެ ވެރިކަމުގެ އެއްބައެވެ.

ރައީސް އުރުދުޣާން ވިދާޅުވީ ތުރުކީން އެއްވެސް ގައުމެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ނުދެއްވާނޭކަމަށެވެ. ތުރުކީގެ ޚާރިޖީ ސިޔާސަތު އަންކާރާގައި އެކުލަވާލާފައިވަނީ ތުރުކީގެ ރައްޔިތުންގެ އުންމީދުތަކާއި މަސްލަހަތުތަކާ އެއްގޮތަށް ކަމަށް ވެސް އުރުދުޣާން ވިދާޅުވިއެވެ.

ނަތަންޔާހޫ ބައިނަލްއަޤްވާމީ ކޯޓަށް ހުށަހެޅުމުގެ ތައްޔާރީތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ އެކަމާ ގުޅޭގޮތުން ގާތްގަނޑަކަށް 3 ހާސް ވަކީލުން މިހާރުވެސް ހޭގްގައި ހުންނަ ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ.

ސާބިއާ އާއި ކޮސޯވޯގައި މުސްލިމުންނާ ދެކޮޅަށް ނަސްލު ނައްތާލުމަށް ހިންގި ފަދަ ޢަމަލުތައް ޣައްޒާގައި ހިންގާފައިވާތީ ކަރަޒިޗްގެ މައްޗަށް ހޭގްގެ ބައިނަލްއަގްވާމީ ކޯޓުން ކުށް ސާބިތުވި ފަދައިން، "ޣައްޒާގެ ކަތިވަޅި" ނަތަންޔާހޫގެ މައްޗަށް ވެސް ކުށް ސާބިތުވެ އަދަބު ލިބެންޖެހޭނެކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އެތައް ހާސް އަހަރެއް ވާނދެން ފަލަސްޠީނު މީހުން ދިރިއުޅެމުން އައި ފަލަސްޠީނުގެ ބިން ފޭރިގަނެ އެ މީހުންގެ ގެތަކާއި ބިންތަކާއި އޮފީސްތައް ގަވާއިދާ ހިލާފަށް އިޒުރޭލުން ހިފާފައިވާ ކަމަށާއި އެއީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ދުނިޔޭގެ ގިނަ ބަޔަކު ދަނީ ގަބޫލުކުރަމުންނެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި ފަލަސްޠީނާ ދެކޮޅަށް އިޒުރޭލުން ހިންގަނީ ދައުލަތަކުން ހިންގާ ޓެރަރިޒަމެއް ކަމަށެވެ.

ދައުލަތުގެ ޓެރަރިޒަމާ ދެކޮޅަށް ބަހެއް ނުބުނެ ކަމެއް ނުކޮށް ހިމޭނުން ނުތިއްބެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް އުރުދުޣާން ވިދާޅުވި ގޮތުގައި ތުރުކީގެ ބައިނަލްއަޤްވާމީ ގުޅުންތަކުގެ އެންމެ މުހިންމު އެޖެންޑާއަކީ މިހާރު ޝައްކެއް ވެސް ނެތްގޮތުގައި ޣައްޒާގައި އިޒުރޭލުން ހިންގަމުންގެންދާ ޖަރީމާތަކެވެ.

ރައީސް އުރުދުޣާން މިހާތަނަށް ދުނިޔޭގެ 50 އަށް ވުރެ ގިނަ ލީޑަރުންނާ ގުޅުއްވާފައިވާއިރު، އެމަނިކުފާނު ދާދިފަހުން މުހިއްމު ދެ ދަތުރުފުޅެއްގައި ޤަޠަރަށާއި ގްރީސްއަށް ވަޑައިގެންނެވިއެވެ.

އިޒުރޭލާއި ޙަމާސްއާ ދެމެދު ހިނގަމުންދާ  ހަމަނުޖެހުން ހުއްޓުވުމަށް ތުރުކީގެ ތާއީދާއެކު ޤަޠަރުން މެދުވެރިއެއްގެ ދައުރު އަދާކޮށްފައިވެއެވެ.

އިޒުރޭލުގެ އަނިޔާ ލިބިފައިވާ ފަލަސްޠީނުގެ ރައްޔިތުން

ޣައްޒާގައި އިޒުރޭލުން ހިންގަމުން ގެންދާ ނިރުބަވެރި އަމަލުތައް މިހާރު ވަނީ އިންސާނީ ބޮޑު މުސީބާތަކަށް ވެފައެވެ.

އުރުދުޣާން ދެކެވަޑައިގަންނަވާ ގޮތުގައި ފަލަސްޠީނު-އިޒުރޭލު މައްސަލަތަކުގެ ހައްލަކީ ފަލަސްޠީނަށް ވެސް ވަކި ވެރިކަމެއް، ވަކި ދައުލަތެއް އުފެއްދުމެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.