ފަލަސްތީނުގެ ރައްޔިތުންނަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރި ކޮށްފި

މާރިޗުމަހު 30 ވަނަ ދުވަހު ފަލަސްތީންގެ ގާޒާ ބޯޑަރު ކައިރީގައި އެގައުމުގެ ރައްޔިތުންނަށް އިޒްރޭލުން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރި ކުރައްވައިފިއެވެ.

އެ ހަމަލާތަކުގައިވަނީ ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމް ވެފައެވެ. އެކަން ކުށްވެރި ކުރައްވައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުހައްމަދު އާސިމް ވަނީ ފަލަސްތީންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑޮކްޓަރ ރިޔާޟް މަލިކީއަށް މެސެޖެއް ފޮނުއްވައިފައެވެ.

އެމަނިކުފާނުގެ އެ މެސެޖުގައި އެ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށާއި، އެ ޚަބަރު އައްސަވާފައިވަނީ ފުން ހިތާމައާއެކުގައިކަމަށް ވިދާޅުވެފައިވެއެވެ. އެހަމަލާތަކަށްފަހު ކުރިމަތިވެފައިވާ ގައުމީ ހިތާމައިގައި ދިވެހިސަރުކާރާއި ރައްޔިތުން ބައިވެރިވާ ކަމަށާއިދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ނިޔާވި ފަރާތްތަކުގެ އާއިލާތަކަށާއި އަދި ފަލަސްތީންގެ ސަރުކާރާއި ‏އުޚުއްވަތްތެރި ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ތައުޒިޔާ ފޮނުއްވާކަމަށްވެސް މެސެޖުގައި ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖެއިން ފަލަސްތީންގެ ސަރުކާރާއި ‏އުޚުއްވަތްތެރި ރައްޔިތުންގެ ހައްގުގައި ‏ސާބިތުވެ ތިބޭނެކަމާއި ހައްގުތައް ހޯއްދަވައިދެއްވުމަށް ބައިނަލްއަގުވާމީ ދުނިޔޭގައި ‏ދިވެހިރާއްޖެއިން ‏އަޑުއުފުއްލަވަމުން ގެންދަވާނެކަމުއިވެސް ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.