ބްލޫރިބަން: އެރުމާއި އޮއްސުން

ދުނިޔެއަކީ ، ވަކިގޮތަކަށް ހިނގަމުން އަންނަ ތަނެކެވެ. މީހަކު ހަމަ ، ބޭނުންވާހާ ގޮތަކަށް ދުނިޔެއެއް ނުހިނގާނެއެވެ. ދުނިޔެ ހިނގާނީ ، އޭގެ އަމިއްލަޒާތުގައި ، އެ ހިނގާ ގޮތަކަށެވެ. އެއީ ޤުދުރަތީ ނިޒާމެކެވެ. މީހާ ހިނގަންވާނީ ދުނިޔެ ހިނގާ ގޮތަށެވެ. ދުނިޔެ ހިނގާގޮތަށް ހިނގަން ނޭނގޭމީހާއަށް ، ދުނިޔޭގައި ހިނގަން އުނދަގޫ ވާނެއެވެ.

ދުނިޔެއަށް އަލިކަންދެނީ އިރުންނެވެ. އިރުން އުފައްދާ ހޫނަކީ ދުނިޔެއަށް ދިރުންގެނެސްދޭ އެއްޗެކެވެ. އިރުގެ އަލިކަން ނެތްނަމަ ، ދުނިޔެ ދެމިއޮތުމަށް ދަތިވާނެއެވެ.  ދުވަހަކަށް އިރުއަރާފައި ، އެދުވަހުގެ ގަޑިނިމުމުން ، އެ އިރު އޮއްސޭނެއެވެ. އެހެނަސް ، އެ އިރު އެ އޮއްސެނީ ވަކިބަޔަކަށެވެ. ދުނިޔޭގެ ވަށައިގެން ބުރުއަޅަމުންދާއިރު ، ދުނިޔޭގެ ކޮންމެވެސް ހިސާބަކަށް އެ އިރު ހުންނާނީ އަރާފައެވެ. ދުނިޔެ ދެމިއޮތުމަށް އެ އިރުން ބޭނުންވާ މާއްދާތައް ހުހެއް ނުވާނެއެވެ. އެ މާއްދާތައް ދުނިޔެއަށް ފޮނުވުމުގައި ދެމިއޮންނާނެއެވެ. އަބަދަކު ، ދުނިޔޭގައި ދިރިއުޅޭ އެންމެންނަށް ، އެއްއިރެއްގައި ، އެ އިރެއް ދުނިޔެއަކަށް ނުފެންނާނެއެވެ. އެއްބަޔަކަށް އިރުއަރާއިރު ، އަނެއްބަޔަކަށް ، އެ އިރު އޮއްސޭނެއެވެ.

އެރުމާއި އޮއްސުމަކީ ޤުދުރަތީ ނިޒާމެކެވެ. ވަރަށްގިނަ ޙާލަތްތަކުގައި މިނިޒާމުގެ ހަމަތައް އެއްގޮތް ވެއެވެ. ދުނިޔަވީ ކަންކަމުގައި އެކަން އެގޮތަށް އޮންނައިރު ، ސިޔާސީ ކަންކަމުގައިވެސް ، އެރުމާއި އޮއްސުން އޮވެއެވެ. ޤައުމެއްގެ ތަރައްޤީއާއި އެ ޤައުމެއްގައި ދެމިއޮންނަ ވަޠަނީ ރޫޙަކީވެސް ، އެރުމާއި އޮއްސުމާގުޅިފައި އޮންނަ މުހިންމު ޙާލަތެކެވެ.

ދުނިޔޭގައި ކުރިއަރައި ގޮސްފައިވާ ޤައުމުތަކަށް ، ކާމިޔާބީއަކާ ހަމަޔަށް ވާޞިލުވެވެނީ ، އިރުއަރައި އޮއްސުމުގެ ތެރެއިން ، އެ ޤައުމެއްގެ އެންމެން އެއްބައިވެ ، ރެޔާއި ދުވާލު އެކުގައިމަސައްކަތް ކޮށްގެންނެވެ.

ދުނިޔޭގައި ކުރިއަރައިފައިވާ ޤައުމުތަކުން ، ޖަޕާނަކީ އޭގެ މިސާލެކެވެ. ހީރޯޝީމާއަށް އެމެރިކާއިން ބޮންއަޅައި އެތަން ސުންނާފަތިކޮށްލީ ، އެއީ ޖަޕާނުގެ އިޤްތިޞާދީ މައި ރަށް ކަމަށް ވާތީއެވެ. އިޤްތިޞާދީގޮތުން އިނދަޖައްސައިލުމަށްޓަކައެވެ. ހީރޯޝީމާއަށް ބޮން އެޅުމުންވެސް ، ޖަޕާނުން އަމާން ނުދިނުމުން ، ދެން އެމެރިކާއިން ބޮންއެޅީ ނަގަސާކީއަށެވެ. އޯގަސްޓް  1945 ގައި ، ދެވަނަ ބޮޑުހަނގުރާމައިގާ އެއްވެސް ޝަރުތެއްނެތި ، ޖަޕާނުން ހަތިޔާރު ބަހައްޓައި އަމާންދިން އިރު ، ޖަޕާނު އޮތީ ސުންނާފަތި ވެފައެވެ. ޖަޕާނުގެ 2.5 މިލިއަން މީހުން މަރުވިއެވެ. ޢާންމު ރައްޔިތުންގެ ތެރެއިން 5 ލައްކަ މީހުން މަރުވިއެވެ. ދުނިޔޭގައި ދިރިތިބި ބަޔަކުތިބީ ،  އެބައިމީހުންގެ ދިރިއުޅުމުގެ އުއްމީދު ކަނޑައިލައިގެންނެވެ. ޤައުމުގެ އިޤްތިޞާދުގައި ބޭނުންކުރަން ލިބިފައިއޮތީ އެންމެ 25 އިންސައްތައެވެ.

އެއްގަމާއި ކަނޑާ އަދި ވައިގެ ސިފައިންގެ ވަސްފިލައިގެންގޮސް ، ޤައުމީ ސަލާމަތާއި ރައްކާތެރިކަމުގެ ނިޒާމު ފުނޑުފުނޑުވިއެވެ. ސަރުކާރު ބަލިކަށިވެ ، ސަރުކާރެއް ހިންގުމުގައި ބޭނުންކުރެވޭ ހުރިހާ ނިޒާމެއް ބޮއްސުންލިއެވެ.

އެހެންނަމަވެސް ، ދެވަނަ ބޮޑުހަނގުރާމައިގާ އަމާންދިނުމަށްފަހު ، ޖަޕާނުން އެންމެ އިސްކަންދިނީ ، ކަޅު އަނދިރިގަނޑަކަށް ވެއްޓިފައިވާ އެޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށެވެ. 1973 ވަނަ އަހަރާހަމަޔަށް ، އެމަސައްކަތުގައި ޖަޕާނުން ހިތްވަރުކޮށް ، ދެވަނަ ބޮޑުހަނގުރާމައިގައި އިޤްތިޞާދު އޮތްޙާލަތަށްވުރެ ، ރަނގަޅު ޙާލަތަކަށް ބަދަލުކުރިއެވެ. އަދި އޭގެފަހުން ، ޖަޕާނުން ހޯދި އިޤްތިޞާދީ ތަރައްޤީ ، އެކަމުގެ މާހިރުން ދެކެނީ މުޢުޖިޒާތެއްފަދަ އަޖައިބެއްގެ ގޮތުގައެވެ.

ދުނިޔޭގެ ތިންވަނަޔަށްއޮތް އެންމެ ބޮޑު އިޤްތިޞާދުގެ ދަރަޖަ ، ޖަޕާނުން ހޯދީ ، 4 އަސާސެއްގެ މައްޗަށް ޤައުމުގެ ސިޔާސަތުތައް ބަށްޓަން ކޮށްގެންނެވެ. އެއީ ، ސައިންސްގެ ޢިލްމުން އިންސާނާގެ ދިރިއުޅުމަށް ކުރިއެރުން ގެނައުން ނުވަތަ ޓެކްނޮލޮޖީ ކުރިއެރުވުމާއި ، ޤައުމުގެ ޤުދުރަތީ ވަޞީލަތްތައް އޭގެ އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމާއި ، މަސައްކަތްތެރިކަމުގެ ފެންވަރު މަތިކޮށް ، އިންސާނީ ވަޞީލަތް ކުރިއަރުވައި އުފެއްދުންތެރިކަން އިތުރު ކުރުމާއި ، ބައިނަލްއަޤްވާމީ ވިޔަފާރި ނުވަތަ އެކްސްޕޯޓް އިތުރު ކުރުމެވެ. މި އަސާސްތައް ހަރުދަނާކޮށް ކުރިއަރުވައި ދެމެހެއްޓުމަށްޓަކައި ، ސިޔާސީ ހަލަބޮލިކަން ދޫކޮށްލިއެވެ. ސަރުކާރުގެ މުއައްސަސާތަކުގެ މެދުގައި އެއްބައެއްވަންތަކަން ޤާއިމްކޮށް އެކަތިގަނޑަކަށް ހެދިއެވެ. ފަރުދީ ޒިންމާ އުފުއްލައިގެން ޤައުމުބިނާކުރާނެ ޒުވާން ޢިލްމީ ޖީލެއް އުފައްދައި ، އެންމެންގެ ބައިވެރިވުން ހޯދިއެވެ. ކަރަޕްޝަނަށް މަގުފަހިވާނެ ހުރިހާ ދޮރުތަކެއް ބަންދު ކުރިއެވެ. ފުންނާބު އުސް ވިޔަފާރިވެރިންގެ ނާރެހެއް އުފައްދައި ، އެބައިމީހުންގެ މުއްސަނދިކަން އިތުރުވާނެމަގު ހުޅުވުމާއެކު ، އެ މުއްސަނދިކަން ޤައުމުގެ އެތެރޭގައި ހިފެހެއްޓޭނެ މަގު ހޯދިއެވެ. ސަރުކާރު ހިންގުން އެ ނިޒާމަށް ބަށްޓަންކޮށް ، ކުދި އަދި މެދުފަންތިއާއި ބޮޑެތި ވިޔަފާރިތަކަށް ، ފުރުޞަތު ތަނަވަސްކޮށްދީ ، ވަކިވަކި ފަރުދުންގެ ފުދުންތެރިކަން އިތުރުވާނެ މަގުތައް ހުޅުވާލަ ދިނެވެ.

ޤައުމުގައި އުފެދޭ ޤުދުރަތީ ވަޞީލަތްތަކާއި ޤައުމަށް އެތެރެވާ ފައިސާ ބޭރަށް ނުދާނެ ގޮތްތައް ރޭވިއެވެ. ކުރިއަރާފައިވާ މަދު ޤައުމެއްގައި ބޭނުންކުރަމުންގެންދިޔަ ޓެކްނޮލޮޖީ އެތެރެކޮށް ، އެއަށް އަހުލުވެރިވުމަށްޓަކައި ބޭނުންވާ ފަންނީ މާހިރުން އެތެރެކުރިއެވެ. ހަމައެއާއެކު ، މަތީ ތަޢުލީމާއި ފަންނީ މަސައްކަތްތެރިން އުފައްދައި ، ހަމަ ކޮންމެ މީހަކީވެސް ، ޤައުމުބިނާކުރުމުގެ މަސައްކަތުގައި ޙިއްޞާވާމީހަކަށް ހެދިއެވެ. ބިދޭސީ މަސައްކަތުމީހުންނަށް ، ބޭނުމެއްނެތް ގޮތެއްގައި ، ޤައުމަށް ވަދެވެންހުރި ދޮރުތައް ބަންދު ކުރިއެވެ.

ޤައުމު ހިންގުމުގައި ނަޟާޙަތްތެރިކަން އިސްކުރިއެވެ. ރަސްކަމުގެ ބާރު ކުޑަކޮށް ، ސިޔާސީ ކަންކަމާ އެމްޕެރަރ ދުރުކޮށް ، ޤައުމު ހިންގުމާއި ސިޔާސީ ޙަރަކާތްތައް އެއީ ބަރުލަމާނީ ނިޒާމަކުން ހިންގާ ވެރިކަމަކަށް ބަދަލުކުރިއެވެ. އަންހެނުން ބާރުވެރިކުރުވައި ، އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ ، ޤައުމުގެ ތަރައްޤީގައި އަންހެނުންގެ ދައުރު ފުޅާކުރިއެވެ. އެކިއެކި ސަރުކާރުތަކުގައި އުޅެ ، ފެއިލްވެ ، ނަތީޖާ ނުނެރެވުނު ވަޒީރުން ސަރުކާރުގެ ހިންގުމުގެ ތެރެއިން ބޭރުކުރެވެއެވެ. ސަރުކާރުގެ ތަޞައްވުރު ހާމަކޮށް ، ސަރުކާރުގެ ހިންގުމާގުޅިފައިވާ ޚަބަރާއި މަޢުލޫމާތު ރައްޔިތުންނަށް ހާމަކުރުމަށްޓަކައި ، ނަޟާޙަތްތެރި ، ޤާބިލް ހުނަރުވެރިން ބޮޑުވަޒީރުގެ އޮފީހަށް އިސްކުރެވެއެވެ. " އިންޓަރނެޝަނަލް ވިޒިޓާރޒް ޕްރޮގްރާމް " އެއް އުފައްދައި ، ބޭރުސަރުކާރުތަކުގެ އިސްވެރިން ޖަޕާނަށް ޒިޔާރަތްކުރުމަށް ދަޢުވަތުދީ ، ކުރިއަރަމުންއައި ޖަޕާނުގެ ތަޞައްވުރު ދުނިޔެއަށް ހާމަކުރަމުން ގެންދިޔައެވެ. ޓީވީ ޗެނަލްތަކާއި މީސްމީޑިއާގައި މަސައްކަތްކޮށް ، ފަސާދައިގެ ޢަމަލުތައް ހިންގާ ، ވައްކަމުގެ ތުހުމަތު އެޅިފައިވާ މީހުން ، ބޮޑުވަޒީރުގެ އޮފީހުން ބޭރުކުރެވެއެވެ. ނަޟާޙަތްތެރިކަން ގެއްލި ، މުޖުތަމަޢުގައި އަބުރު ގެއްލިފައިވާ މީހުން ، ޢަދްލު އިންސާފު ޤާއިމްކުރުމުގެ ނިޒާމުގެ ތެރެއިން ، ބޭރުކުރެވެއެވެ. މާލީނިޒާމުން އެޅެމުން ބަށްޓަންވަމުންދިޔަ ބިންގަލަށް ، ލޮޅުމެއް އަރައިފާނެ ހުރިހާކަމަކަށް ސަމާލުކަންދީ ، އެ ނިޒާމު ރައްކާތެރި ކުރިއެވެ. ސަރުކާރަކީ ނަޟާޙަތްތެރިކަމުގެ މައްޗަށް ބަށްޓަންވެގެން ، ރައްޔިތުންގެ އިތުބާރުލިބިގެން ހިނގަމުންދާ ، ރައްޔިތުންގެ ސަރުކާރެއްކަން ކަށަވަރުކޮށްދިނުމަށްޓަކައި ، ސިޔާސީގޮތުން ޤައުމަށް ބޭނުންވާ ހުރިހާކަމެއް ފުރިހަމަކުރަމުން ގެންދިޔައެވެ. އޭގެ ހެއްކަކީ ، 1945 އިން ފެށިގެން މިހާތަނަށް މިވީ 78 އަހަރުގެ ތެރޭގައި ސަރުކާރު ހިންގުމަށް 64 ބޮޑުވަޒީރުން ޢައްޔަން ކުރެވުމެވެ. އެ މުއްދަތުގައި ޢައްޔަންކޮށް ، ނަތީޖާ ނުނެރެވުނު 250 އަށްވުރެ ގިނަ ވަޒީރުން މަޤާމުން ދުރުކުރެވުނެވެ. 50 އަށްވުރެ ގިނަ ވަޒީރުންގެ މައްސަލަ ކޯޓަށް ހުށަހެޅި އަދަބު ދެވުނެވެ. އެއްވެސް މިންވަރެއްގެ " ގޯހެއް " ހަދައިފިނަމަ ، އިތުބާރު ގެއްލިއްޖެނަމަ ، ޖިންސީ ފުރައްސާރައެއް ތުހުމަތު ކުރެވިއްޖެނަމަ ، ބޮޑުވަޒީރުންނާއި ވަޒީރުން އަދި ސަރުކާރުގެ އިސް މުއައްޒަފުން ،  އެމީހުންގެ މަގާމުން ދުރުކުރެވެއެވެ.

ދިވެއްސަކަށްވީތީ ، ދިވެހި ޤައުމުގެ ޙާލަތާމެދު ދެރަވެއެވެ. ރާއްޖޭގެ އެންމެބޮޑު އިޤްތިޞާދީ ވަޞީލަތް ، ފަތުރުވެރިކަމުގެ ދާއިރާއިން ޤައުމަށްލިބޭ މުއްސަނދިކަން އެދަނީ ޤައުމުން ބޭރަށެވެ. މުއްސަނދިން އިތުރަށް މުއްސަނދިވެ ، އެ މުއްސަނދިކަމުން ޤައުމަށް ލިބޭ ފައިދާއެއް ނެތި ، ފަޤީރުންދަނީ އިތުރަށް ފަޤީރުވަމުންނެވެ. މުއްސަނދިންގެ މުއްސަނދިކަން ހޭދަކުރެވެނީ ، އިންތިޚާބުތަކުގައި ސިޔާސީ ހަލަބޮލިކަން އިތުރު ކުރުމަށެވެ. އެމްއެމް އެކްސްޕޯޓްފަދަ ، ބޭރުގެވިޔަފާރިތަކުންނާއި ދިވެހި ވިޔަފާރިވެރިން ، އިންތިޚާބުތަކުގައި ސިޔާސީ ހަލަބޮލިކަމަށް ، ބިލިއަނުން ޚަރަދުކުރާނަމަ ، ޤައުމުގެ ސިޔާސީ ހަލަބޮލިކަމުގެ ވަޒަނެއް ނުހިފެހެއްޓޭނެއެވެ. އިޤްތިޞާދީ މިނިވަންކަމެއް ނުހިފެހެއްޓޭނެއެވެ. ސަރުކާރު ހިންގުމުގައި ނަޟާޙަތްތެރިކަމުގެ ކުލަ ފަނޑުވާނެއެވެ. ވޯރާވެރިން ރާއްޖެއައިސް ، ރާއްޖޭގެ އިޤްތިޞާދު ކޮންޓްރޯލްކުރިގޮތަށް ، ދިވެހިންނަށް ފުރުޞަތު ނުލިބޭގޮތަށް ، ބޭރު ކުންފުނިތަކުގެ ނުފޫޒަށް ސިޔާސީމީހުން ވެއްޓުމަކީ ތާރީޚު އަނބުރާ ޢިއާދަވުމެވެ. ކުދިކުދި ވިޔަފާރިތަކުގެ ކޮންޓްރޯލް ބިދޭސީންގެ އަތްމައްޗަށްގޮސް ، ރާއްޖޭގެ މައިދޮރޯށިތަކާއި ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ، އެކަމުގައި ކުރިން ގޯސްހަދާފައިވާ ފަރާތްތަކެއް އިސްކުރެވިއްޖެނަމަ ، އިޤްތިޞާދީ ދުވެއްޔާއި އިޖްތިމާޢީ ހަމަޖެހުން އެކޮޅުކޮޅުން ޖެހިގެންދާނެއެވެ. އުއްމީދަކާއެކީ ، ރައްޔިތުން އިންތިޚާބުކުރި ސަރުކާރެއްގެ އިތުބާރު ގެއްލި ، ޤައުމުގެ ޙާލަތު ގޯހުންގޯހަށް ބަދަލުވެގެން ދާނެއެވެ.

އެރުމާއި އޮއްސުމަކީ ، ދުނިޔެއަށް އެތައް ފިލާވަޅުތަކެއްލިއްބައިދޭ ނިޒާމެކެވެ. އެއީ އިރުކަމަށްވިޔަސް ، ހަނދާއި ތަރިތައްކަމަށްވިޔަސް ، އަދި ސިޔާސީ ނިޒާމާއި ދުނިޔަވީ ޙަޔާތެއްކަމަށްވިޔަސް ، އެކަންކަމުން ދުނިޔެ ދައްކާ ފިލާވަޅު އުނގެނިދަސްކޮށް ، އޭގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފިގެންނޫނީ ، އެރުމާއި އޮއްސުމުގެ ފޮނިމީރުކަމެއް ނުލިބޭނެއެވެ. ކޮންމެ ފެށުމެއްގައިވެސް ނިމުމެއް އޮންނާނެއެވެ. ކަމެއްފެށި ނިމުމުގެކުރިން ، އެކަމަކުން ލިބިދޭ ފިލާވަޅުތައް ދަސްކޮށް އުނގެނި ، ޢަމަލުކޮށްގެންނޫނީ ، އިންސާނާ ދުނިޔެއަށް ފޮނުއްވުމުގެ މަޤްޞަދު ޙާޞިލެއްނުވާނެއެވެ. އަރާއިރު ، އޮއްސުމުގެ ކުރިން ވަގުތާއި ފުރުޞަތުގެ ބޭނުން ހިފާށެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.