ބްލޫ ރިބަން: ވަޅުން ނުނެގި ދިވެހިން

ގަދަ ގުގުރީގައި ނިދިފައި އޮއްވާ ، ދޮންބެއްޔާއަށް ކުއްލިޔަކަށް ހޭލެވުނެވެ. ގަޑިބަލައިލިއިރު ، މެންދަމުން އަލިވެ ތިނެއް ޖެހީއެވެ. ދޮންބެއްޔާއަށް ސިއްސައިގެންގޮސް އެ ހޭލެވުނީ ފާޑެއްގެ ހުވަފެނެއް ފެނިގެންނެވެ. އެދުވަހު މެންދުރު ކެވުނު އެއްޗަކުން ބަނޑުގޯސްވީ ކަންނޭނގެއެވެ. އެދުވަސްވަރަކީ ކުރުކުރު ކަށްޓަލައިގެ މޫސުމެވެ. މެންދުރަށް ކާން ހަދާފައިހުރީ ކުރުކުރު ކަށްޓަލައެވެ. ދޮންބެއްޔާ ކެއީ ، ކުރުކުރު ކަށްޓަލައާއި ކުޅިރިހާކުރާ އަދި ހުންޏާ ވަޅޯމަހެވެ.

ފެންތަށްޓެއް ބޯލައިގެން އޮށޯވެ ، ނިދަން އުޅެއުޅެ ނިދޭގޮތެއް ނުވިއެވެ. ދަންނަ ހެޔޮއެއްޗެއް ވިއްޔާ ކިޔައި މެޔަށް ފުމެ ، ދެލޯ ތަގުޅިކޮށްގެން އެތައް އިރަކު އޮތްއިރުވެސް ނިދީގެ ކަންފުޅެއްވެސް ނެތެވެ. ދޮންބެއްޔާގެ ހިތް އޮތީ ނުތަނަވަސްވެ ، ތެޅިތެޅިއެވެ. ހިތަށް އަންނަނީ ހުވަފެނުން އެފެނުނު ކަންކަމެވެ. އެކަންކަން ހިތުން ފުހެލެވޭތޯ އުޅެއުޅެވެސް އެކަމެއް ނުވިއެވެ. ހުވަފެނުން ފެންނަނީ ރާއްޖެއިން ބޭރުގައި ހިނގި ، ބިރުވެރި ކާރިސާއެކެވެ.

އިންޑޮނީސިއާގެ ސްމާޓްރާ ސަރަޙައްދަކީ ޢާންމުގޮތެއްގައި ބިންހެލުން އަންނަ ތަނެކެވެ. އެންމެ މަދުވެގެންވެސް ، ދުވާލެއްގެ ތެރޭގައި އެވްރެޖްކޮށް ، އެސަރަޙައްދަށް އެކިވަރުގެ ފަސް ބިންހެލުން އަންނަކަމަށް ވެއެވެ. ބައެއް ބިންހެލުމުގައި ބޮޑެތި ގެއްލުން ލިބެއެވެ. އުސްޢިމާރާތްތަކަށް ލޮޅުން އަރައި ދެފަރާތަށް ކިރާލާގޮތްވެސް ވެއެވެ. މަގުމަގުގައި ، ބޮޑެތި ވަޅުގަނޑުވެސް ބައެއްފަހަރަށް ހެދެއެވެ. މާބޮޑު ގެއްލުމެއްނުލިބި ، ކުޑަލޮޅުމެއް އަރާފައި ނިމިގެންދާ ބިންހެލުންވެސް ގިނައެވެ.

ދޮންބެއްޔާއަށް ހުވަފެނުން ފެންނަނީ ، މިފަދަ ބިންހެލުމެއްގައި ލިބުނު ގެއްލުމެއްގެ ކާރިސާއެކެވެ. އައި ބިންހެލުމަކާގުޅިގެން މަގުމަތީ ހެދުނު ބޮޑު ވަޅުގަނޑެކެވެ. އެވަގުތު މަގުމަތީ އުޅުނު އެތައްބަޔަކު ، އެވަޅުގަނޑަށް ވެއްޓުނެވެ. އިންޑޮނީސިއާގެ ރައްޔިތުންނާއި ބިދޭސީންވެސް އެވަޅުގަނޑުގައި ތާށިވެފައި ތިއްބެވެ. ކޮންމެމީހަކުވެސް މަސައްކަތްކުރަމުން ގެންދަނީ އެވަޅުގަނޑުން އެރޭތޯއެވެ. އެކަކު ގައިމަތިން އަނެކަކު ގައިމަތިން އަރައި ، ހަމަބިމުގައި  އަތްދިއްކޮށްގެންތިބި މީހުންގެ އަތުގައި ހިފޭތޯއެވެ. ވަޅުގަނޑުން އަރަން މަސައްކަތް ކުރަމުންގެންދާ ބައެއްމީހުން ވައްޓާލައި ބޮލަށް އަރައި ، އެކަކަށްވުރެ ކުރިން އަނެކަކު އެރޭތޯ މަސައްކަތް ކުރާމީހުންވެސް ތިއްބެވެ. އެމީހަކާ އެމީހެކެވެ. އަނެކާއަށް ކޮންމެ ގެއްލުމެއްދީފައިވެސް ، އެބައިމީހުން ބަލަމުން ގެންދަނީ ވީ އެންމެ އަވަހަކަށް އެވަޅުގަނޑުން އެރޭތޯއެވެ. ކޮންމެ މީހަކުވެސް ވަޅުގަނޑުން ނަގާއިރު ، އެއީ ކޮންޤައުމެއްގެ މީހެއްތޯ އަހައި ލެވެއެވެ.

ބައެއްމީހުންގެ ފަރާތުން ، އެބިރުވެރި ޙާލަތުގައިވެސް އާދަޔާޚިލާފު ކަންތައްތަކެއް ފެނެއެވެ. ބައެއްމީހުންގެ އަތުން ދޫވެ ގެއްލިފައި ހުންނަ އަތްދަބަހާއި ވޮލެޓް ، ބައެއްމީހުން އެއްކުރަމުން ގެންދާ މަންޒަރެވެ. އެބިރުވެރި ޙާލަތުގައިވެސް ދުނިޔޭގެ އެދުން އިސްކުރެވޭ މަންޒަރެވެ.

ވަޅުގަނޑުން މީހުން ނަގަމުންގޮސް ހައެއްކަ މީހުންނަށް ވެއްޖެއެވެ. އެމީހުންގެ އަތުގައި ހިފައި ނަގަމުން ކޮންޤައުމެއްގެ މީހެއްތޯ އަހައިލެވުނެވެ. އެމީހުން ބުނީ އެއީ މޯލްޑިވްސް ގެ މީހުން ކަމުގައެވެ. އެވަގުތު ، ގޮވާލި މީހަކު ގޮވާލި އަޑުއިވުނެވެ. ދިވެހިންކަމަށްވަންޏާ އެމީހުން އިހަށް ، ނުނަގާށެވެ. ތިމީހުން ނަގައިފިއްޔާ ދުނިޔެ ފަސާދަ ކުރާނެއެވެ. ކުރިންވެސް އަރަން އުޅުނު ތި ޤައުމުގެ މީހުން ނުނަގާ ވަޅަށް ވައްޓާލެވިފައި ވާނެއެވެ. އެއީ ކީއްވެގެންކަން އެމީހަކު ބުނެއެއް ނުދެއެވެ. އެހެންނަމަވެސް ވަޅުގައިތިބި މީހުންނަށް ބަލައިލީމަ އެއީ ކީއްވެގެންކަން އެނގޭވަރު ވެއެވެ. މަތީގައިތިބި މީހުންވެސްތިބީ އެތަން ބަލާށެވެ.

އެންމެންގެ ކޮނޑުގައި އެތައް ދަބަހެއް އޮތެވެ. ޖީބުތައްހުރީ މީހުންގެ ވޮލެޓުން ފުރިފައެވެ. ޖީބުތައްހުރީ ފުއްޕާފައެވެ. އެހެންނަމަވެސް އޭގެ ތެރޭގައި ތަންކޮޅެއް ދުރުގައި ބިރުގެންފައިހުރި އެކަކު ހުއްޓެވެ. އޭނާގެ މޫނުމަތިން ފެންނަނީ ބިރުވެރިކަމާއި ހިތްދަތިކަމެވެ. އޭނާގެ އަތުގައި އޭނާގެންގުޅުނު ދަބަސްގަނޑެއްވެސް ނެތެވެ. އޭނާގެ ވޮލެޓްވެސް ވަނީ ގެއްލިފައެވެ. ލައިގެންހުރި ފަޓުލޫނު އޮތީ ލެއިން ތަތްތެޅިފައެވެ. އެހެންމީހުންގެ އެއްޗެއްގައި އޭނާ އަތެއްނުލައެވެ.

ދެންތިބިމީހުން ވަޅުގަނޑުން ނުނެގެންވީ ކީއްވެގެންކަން އެމީހުންނަށް ވިސްނުނެވެ. ވަޅުގަނޑުން އެއްކޮށް ، ކޮނޑުގައި އެޅުވިފައިވާ އެހެންމީހުންގެ ދަބަސްތައް ވަޅުގަނޑަށް ވައްޓައިލިއެވެ. ހޮވައިގެން ޖީބަށް އަޅާފައިހުރި ވޮލެޓްތައް ނަގައި ވަޅުގަނޑަށް އެޅިއެވެ. އަދި ސަލާމަތްވާން އުޅުމުގައި މީހުންގެ ބޮލަށް އެރި ދަމައިވައްޓައިލެވުނު މީހުންގެ ކިބައިން މަޢާފަށް އެދުނެވެ.

އެންމެފުރަތަމަވެސް އެތަނުން ނެގީ ބިރުގަނެ ހިތްދަތިވެފައި އެއްކަނަކަށް ޖެހިހުރި މީހާއެވެ. އެއަށްފަހު އެހެންމީހުންވެސް އެވަޅުގަނޑުން ނަގައިފިއެވެ. ދޮންބެއްޔާއަށް ހޭލެވުނީ އެހިސާބުންނެވެ. އެއީ މަޖާޒީ ހުވަފެނެކެވެ. ފިލާވަލުތަކެއް ލިބޭ ޢިބްރަތްތެރި އަދި މަޖާ ހުވަފެނެކެވެ. ހޭލެވުނުއިރު ދޮންބެއްޔާގާތަށްވެސް އޮތީ ހިނިއައިސްފައެވެ. ހުވަފެނުގެ ބިރުވެރިކަން ހިތަށްވަނީ އޭގެފަހުންނެވެ.

ދޮންބެއްޔާ ހިތަށް އެރިއެވެ. މާއްދިއްޔަތަށް ހެއްލި ދުނިޔެ ހޯދުމަށް މަސައްކަތްކުރުމަކީ ދެރަކަމެކެވެ. ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުގައިވެސް ، އަންގަވައި ، އިރުޝާދު ދެއްވާފައިވަނީ ދުނިޔެއާއެކު ޢާޚިރަތް ހޯދުމަށް މަސައްކަތް ކުރުމަށެވެ. ދުނިޔެއަކީ އާޚިރަތަށް ދަތުރުކުރުމުގެ ގޮވައްޗެކެވެ. ދުނިޔެއަކީ ، އާޚިރަތް ބާއްޖަވެރި ކުރުމަށް ، ހެޔޮ ޢަމަލުކުރުމަށް އިންސާނާއަށް ލިބިއޮތް ފުރުޞަތެކެވެ. ހިސާބު ބައްލަވާދުވަހު ، އާޚިރަތުގެ ނަސީބާއި ބާއްޖަވެރިކަން އޮތީ ، ދުނިޔޭގައިކުރި ހެޔޮ ޢަމަލަކުން ހެޔޮ ޢަމަލުތަކުގެ ތިލަފަތް ބަރުވެގެންނެވެ. ހެޔޮޢަމަލާއި ހެޔޮވިސްނުމާ ދުރަށްގޮސް ، މިބިން ފަސާދަކޮށް ، ދުނިޔެހޯދައިގެންނެއްނޫނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.