ބްލޫ ރިބަން: ދަނޑުވެރިންނާއި ދަނޑުގެ ވެރިން

ރާއްޖޭގެ ދަނޑުވެރިކަމަކީ ، ދިގު ތާރީޚެއް އޮތް ޞިނާޢަތެކެވެ. ދޮންބެއްޔާމެން ދަނޑުވެރިކަންކުރި ދުވަސްވަރުގެ ހަނދާންތައް އަދިވެސް ، އިއްޔެވީކަމެއްހެން ހިތުގައި އެބަހުއްޓެވެ. ރާއްޖޭގައި އޮންނަނީ ދެމޫސުމެކެވެ. އިރުވައި މޫސުމާއި ހުޅަނގު މޫސުމެވެ. އިރުވައި މޫސުމަކީ މަސްވެރިކަމުގެ މޫސުމެވެ. ހުޅަނގު މޫސުމަކީ ދަނޑުވެރިކަމުގެ މޫސުމެވެ.

އިރުވައި މޫސުން އައިމަ ، ރަށުކުދިންކޮޅެއް އެއްކޮށްލައިގެން ދޮންބެއްޔާގެ މަސްދޯނީގައި ދަތުރު ހަދައިގެން މަސްވެރިކަން ރަނގަޅު ސަރަޙައްދެއްގެ ފަޅުރަށަކަށް އައިސް ބަނޑަހަ ޖަހައިގެން ތިބެ މަސްވެރިކަން ކުރެއެވެ. ބާނާ މަސް ކައްކައި ހިއްކާ ގޯނިގޯންޏަށް އަޅާނީ އެރަށުގައެވެ. އިރުވައި ނިމުނީމަ ، މަސްހިފައިގެން މާލެގޮސް މަސްކޮޅު ވިއްކައިލާފައި ، ހުޅަނގު މޫސުމަށް ކާޑު ހިފައިގެން އަންނާނީ ރަށަށެވެ. ހުޅަނގު މޫސުމުގައި ރަށުންބޭރަށް ނުދެވޭވަރަށް ގަދަވާ ނަކަތްތައް އާދެއެވެ. މިސާލަކަށް ހޭނަކަތަކީ ، މުސްކުޅިން ކިޔައިއުޅޭގޮތުން ، ދަރިވިއްކައި ކޭ ނަކަތެކެވެ. މާނަޔަކީ ، ގަދަވެގެން ރަށުން ބޭރަށް ނުދެވި ، ކާތަކެތި ހުސްވެގެން ދަރި ވިއްކާފަވެސް ކާނެ އެއްޗެއް ހޯދަންޖެހޭވަރަށް ގަދަވާ ނަކަތެކެވެ.

ހުޅަނގު މޫސުމަށްވެސް ރަށުކުދިންކޮޅެއް ހޯދައިގެން ، ދޮންބެއްޔާ ދަތުރު ހަދާނެއެވެ. މިފަހަރު ދާނީ ދަނޑުވެރިކަންކުރަން ރަނގަޅު ފަޅުރަށަކަށެވެ. އެރަށުގައި ބަނޑަހަޖަހައިގެން ހުޅަނގު މޫސުން އެއްކޮށް ނިމެންދެން ދޮންބެއްޔާމެން ދަނޑު ހައްދާނެއެވެ. ބަރަބޮލާއި ބިންބި ، ދޮނަޅައާއި ކުދިބަތާ އަދި ޒުވާރި ހައްދާނެއެވެ. މިބާވަތްތަކަކީ ، މިހާރު މިހައްދާ ބާވަތްތަކާ ޚިލާފަށް އެހާ އަވަހަށް ހަލާކުވާ ބާވަތްތަކެއްނޫނެވެ. ބަރަބޮލާއި ބިންބި އަދި ކުދިބަތް އަނެއް އަހަރު ދަނޑުވެރިކަންކުރުމާ ހަމަޔަށް ބެހެއްޓޭނެއެވެ. ދޮންބެއްޔާގެ ގޭގެ ހުރަސްވަކަރު ތަކުގައި ބަރަބޯތައް އެލުވިފައި ހުންނަތަން ފެންނާނެއެވެ. އޭގެ އިތުރަށް ، ހިއްކި ބަނބުކޭލާއި ހިއްކި ކަނޑޫ އަދި ބިންބި އާއި ކުދިބަތް ގޭގެ ފިލާތައް މަތީ ރައްކާކޮށް ފޮރުވާފައި ހުންނާނެއެވެ. މިތަކެއްޗަކީ އެތައް ދުވަހެއް ވަންދެން ، ބޭނުމެއްޖެހެންދެން ރައްކާކޮށްފައި ބެހެއްޓޭ އެއްޗެކެވެ. މަސްވެރި ރަށްރަށާ ތަފާތުކޮށް ، މާ ރަށްރަށުގައި ބަނބުކެޔޮ މޫސުން އަންނާނެއެވެ. ކަނޑޫ މޫސުން އަންނާނެއެވެ. ކަށިކެޔޮ މޫސުން އަންނާނެއެވެ. ކުރުކުރު ކަށްޓަލަ މޫސުން އަންނާނެއެވެ. މިއިން ކޮންމެ މޫސުމަކީވެސް އެމޫސުމެއްގައި އެ ހެދޭ ބާވަތެއް ، ދުވަސްކޮޅެއް ވަންދެން ކާންލިބޭނެ ދުވަސްވަރެކެވެ. ގޭމަތީ ބަހައްޓާފައި ހުންނަ ބިންބި އާއި ހިއްކި ބަނބުކޭލާ ކަނޑޫ ބޭނުން ކުރާނީ ދެމޫސުމް ދޭތެރޭގައެވެ. ކާބަފައިން ، ކާބޯތަކެތީގެ ޔަޤީންކަމާއި ސަލާމަތާ އަދި ރައްކާތެރިކަން ހޯދާފައިވަނީ އިންތިޒާމް ކުރެވިގެން ހިނގާފައިވާ ޤުދްރަތީ މިފަދަ ނިޒާމްތަކުގެ މަތިންނެވެ.

ކުރިން ، ދަނޑުގޮވާންކޮށް އުޅުނީ މެދުނުކެނޑި ކާނާދީ ، ބޭސްޖަހައި ގަޑިންގަޑިޔަށް ފެންޖަހައިގެންނެއް ނޫނެވެ.  މިހާރު ، އެހެންނެއް ނޫނެވެ. ދަނޑުގައި އޮށް އިންދުމުގެ ކުރިން ޕިޓް ހަދަން ޖެހެއެވެ. ޕިޓްހަދާއިރު ކާނާއާއި ބޭސް އަޅަން ޖެހެއެވެ. ގަސްފެޅީމަ ، ހައްދަން ކާނާއާއި ބޭސް އަޅަން ޖެހެއެވެ. މާއަޅުވަން ވަކި ކާނާއަކާއި ބޭހެއް ޖަހަން ޖެހެއެވެ. މާހަރުކުރަން ކާނާއާއި ބޭސް ބޭނުންކުރަން ޖެހެއެވެ. މޭވާ އެޅީމަ ހަރުކުރަން ކާނާއާއި ބޭސް ޖަހަން ޖެހެއެވެ. ގަސް ފެޅީއްސުރެ ، ގަހުގައި އަޅާ އެއްޗެއް ކެނޑުމާ ހަމަޔަށް ، ކާނާއަޅައި ބޭސްޖަހަން ނުޖެހޭ ޢުމުރެއް ނާދެއެވެ. ވަކި ގަޑިޔަކުން ވަކި ތަރުތީބަކުން ވަކިގޮތަކަށް ފެން ޖަހަން ޖެހެއެވެ. ގަހަށް ޖަހާ ފެން ހުންނަނީ ލޮނުވެފައެވެ. ފެނުގެ މައްސަލަ ޙައްލުކުރަން އާރއޯ ޕްލާންޓް ބަހައްޓައި މޫދުލޮނު ފެނަށް ހަދަން ޖެހެއެވެ. ބިމުންނަގާ ލޮނުފެން ސާފުކުރުމަށް ޕްލާންޓް ބޭނުންކުރަން ޖެހެއެވެ. ދަނޑުބިން އޮންނަނީ ޤުދުރަތީ ކާނާ ހުސްވެ ، ދަނޑަށްޖަހާ ބޭހުން ތަޣައްޔަރު ވެފައެވެ.

ކުރިން ޤުދުރަތީ ނިޒާމަކުން ކުރި ދަނޑުވެރިކަން މިހާރު ކުރަންޖެހެނީ ، އެ ޤުދުރަތީ ނިޒާމާ ކުޅެ ، ބަދަލުކޮށް ، ގަޑުބަޑުކޮށްގެންނެވެ. ދެން އޮތީ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ވިޔަފާރި އުޞޫލުން ދަނޑުވެރިކަން ކުރުމެވެ. މިއީ ކުރިން ދަނޑުވެރިކަން ކުރިގޮތަށް ، ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ވިޔަފާރިއެއްގެ ގޮތުގައި ކުރެވޭނެ ކަމެކެވެ.

ވިޔަފާރިއެއްގެ ގޮތުގައި ދަނޑުވެރިކަން މިހާރު ކުރަނީ ބިދޭސީންނެވެ. ނުވަތަ ބިދޭސީން ލައްވައެވެ. ދަނޑުވެރިކަމުގައި ބިދޭސީން މަސްހުނިވީ ހިސާބުން ، ރާއްޖޭގެ ދަނޑުވެރިކަންވެސް ދިވެހި ދަނޑުވެރިންގެ އަތުން ގެއްލިއްޖެއެވެ.

ރަށު ކައުންސިލުން ދަނޑުބިން ދޫކުރަނީ ރަށުމީހުންނަށެވެ. ދިވެއްސަކަށެވެ. ކައުންސިލުން ދޫކުރާ ދަނޑުބިން ކުއްޔަށް ދޫކުރަނީ ބިދޭސީންނަށެވެ. ބިދޭސީން ދަނޑުވެރިކަންކޮށްގެން ހައްދާ ތަކެތި ރަށުން ގަންނަނީ ބިދޭސީންނެވެ. މާލެ ފޮނުވަނީ ބިދޭސީންނެވެ. މާލެފޮނުވާ ބޯޓުގައި ތިބެނީ ބިދޭސީންނެވެ. މާލެއިން މާރުކޭޓަށް އެތަކެތި ގަންނަނީ ބިދޭސީންނެވެ. މާރުކޭޓުން އެތަކެތި ވިއްކަނީ ބިދޭސީންނެވެ. އެތަކެތި ވިއްކާފަ ލިބޭ ލާރި ދުވަހުން ދުވަހަށް އެމީހެއްގެ ޤައުމަށް ފޮނުވަނީ ބިދޭސީންނެވެ. ރެމިޓެންސް ފީ ނުދައްކަންވެގެން އެކިއެކި ފޯނު އެޕްލިކޭޝަން ބޭނުންކޮށްގެން އެކަން ކޮށްދެނީ ބިދޭސީންނެވެ. މާރުކޭޓުން އެތަކެތި ގަނެގެން ގެޔަށް ގެންގޮސްދެނީ ބިދޭސީންނެވެ. ގެޔަށް ގެންދިޔައިމަ އެތަކެތި ކައްކައިދެނީ ބިދޭސީންނެވެ. މިހާހިސާބުން ދޮންބެއްޔާއަކަށް ކެތެއް ނުވިއެވެ. މިއީ ދޮންބެއްޔާ ކިތަންމެ ވަރަކަށް ވިސްނައި ފިކުރު ކުރިޔަސް ޙައްލެއް އޮތް ކަންކަމެއް ނޫނެވެ. މިއީ ޤައުމީ މައްސަލައެކެވެ.

މާލެއާކައިރި ، ދަނޑުވެރި ބައެއް ރަށްރަށުގައި ދަނޑުބިން ދޫކުރާތަނުން ، ފަސް އަހަރަށް ކުއްޔަށް ނަގައިގެން ބިދޭސީން ، ދަނޑުވެރިކަން އެބަ ކުރެއެވެ. ދަނޑުހެއްދުމުގައި އެތައް މައްސަލަތަކެއް އެބަހުއްޓެވެ. ބޭހާއި ކެމިކަލް ބޭނުންކުރާކަށް މިނެއް ނުގެންގުޅެއެވެ. ކާން ކަމުނުދާ ވިހައެއްކަން ނޭނގިތިބެވެސް ، އެތަކެތި ގަނެގެން ކައި މިއުޅެނީ ދިވެހިންނެވެ.

ދިވެހި ދަނޑުވެރިކަމުގެ ޞިނާޢަތުގައި ، ދަނޑުވެރިންނަކީ ބިދޭސީންނެވެ. ބިދޭސީއަކާނުލައި އެކަން ކުރެވޭކަމަކަށް ނުވެއެވެ. ދަނޑުބިމުގެ ދަނޑުގެ ވެރިންނަކީ ދިވެހިންނެވެ. ޤައުމީ މިމައްސަލަޔަށް ، އަވަސް ޙައްލެއް ހޯދަންޖެހޭކަމަށް ދޮންބެއްޔާ ޤަބޫލު ކުރެއެވެ. އެކަމަކު ، އެހެންމީހުންވެސް އެކަން ޤަބޫލުކޮށްގެން ނޫނީ އެކަމަކަށް ޙައްލެއް ނުހޯދޭނެއެވެ. ދަނޑުވެރިކަމާބެހޭ ޤާނޫނެއް އޮންނަން އެބަޖެހެއެވެ. އެހެންނޫނީ ، ބިދޭސީ ދަނޑުވެރިންނާއި ، ދިވެހި ދަނޑުގެވެރިން ވަތްކެއް ނުކުރެވޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.