ރައީސް ބައިޑަން އެމެރިކާގެ މުސްލިމުންގެ އަތްދަށު ވެދާނެ

ރައީސް ބައިޑަންއަށް ރިޔާސީ އިންތިޚާބުގައި ވޯޓު ނުދޭން އެމެރިކާގެ މުސްލިމުން ނިންމައިފި

އަންނަ އަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖޯ ބައިޑަންއަށް  ތާއީދު ނުކުރަން އެމެރިކާގެ މުސްލިމުން އިއުލާން ކުރުމަކީ އެމެރިކާގެ ބާރުގަދަ ޔަހޫދީންނާއި ބަލިކަށި މުސްލިމުންގެ ދެމެދު ރައީސް ބައިޑަން ތާށިވެ ނޭވާ ހާސްވެ ވެރިކަން ނިމެން ޖެހޭ ފަދަ ސަބަބެއް ކަމަކަށް ވެދާނެއެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޣައްޒާ ފުނޑުފުނޑުކޮށް ޣައްޒާގެ މުސްލިމުން ނައްތާލުމަށް އިޒުރޭލުން ކުރަމުންދާ އަނިޔާވެރި އަމަލުތަކަށް ރައީސް ޖޯ ބައިޑަން ކުރައްވަމުން ގެންދަވާ ހިފެހެއްޓުމެއް ނެތް ތާއިދާ ގުޅިގެން ރިޔާސީ އިންތިހާބުގައި ޖޯ ބައިޑަންއަށް ތާއީދު ނުކުރުމަށް އެމެރިކާގެ މުސްލިމް ވެރިން ނިންމެވުމަކީ ބައިޑަން ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގަތުމަށް  ކުރައްވާ މަސައްކަތަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމެކެވެ.

އެމެރިކާގެ ރައީސް ބައިޑަން: މުސްލިމުން  ތިބީ ދެވަނަ ދައުރަށް ތާއިދު ނުކުރާ ގޮތަށް

ރޮއިޓާސް ނިއުސް އެޖެންސީން ބުނި ގޮތުގައި ރައީސް ބައިޑަންއާ ދެކޮޅު ހައްދަވާނެކަމަށް ވިދާޅުވި މުސްލިމް ލީޑަރުންގެ ތެރެއިން ހަ ލީޑަރުންނަކީ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖޯ ބައިޑަންއަށް  ތާއީދު ކުރައްވައި މުސްލިމުންގެ ވޯޓު ހޯދައި ދިނުމަށް މައިގަނޑު ދައުރެއް އަދާކުރެއްވި ސްޓޭޓްތަކުގެ ލީޑަރުންނެވެ.

މުސްލިމް އަދި އަރަބި އެމެރިކާ މީހުންގެ ތާއިދެއްނެތި 2024 ވަނަ އަހަރުގެ އިންތިހާބުގައި އިލެކްޓޯރަލް ކޮލެޖް ކާމިޔާބު ކުރުމަށް ބައިޑަންއަށް ދަތިތަކެއް ކުރިމަތިވާނެކަމާ މެދު ޝައްކެއް ނެތެވެ.

މިޝިގަންގެ ޑިއާބޯންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކަން-އިސްލާމިކް ރިސާޗް ރިލޭޝަންސް މިނިސޯޓާ ކައުންސިލްގެ ޑިރެކްޓަރު ޖިލާނީ ޙުސެއިން ވިދާޅުވީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވެސް ތާއީދު ނުކުރައްވާނެ ކަމަށާއި އެހެން ކެންޑިޑޭޓުންނާ އިންޓަވިއު ކުރާނެ ގޮތެއް މުސްލިމް މުޖުތަމައު ނިންމާނެ ކަމަށެވެ. އޭނާ ވިދާޅުވީ، މިއީ ހަމައެކަނި އޭނާގެ ހިޔާލު ކަމަށާއި ކައުންސިލްގެ ހިޔާލެއް ނޫން ކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ މިޝިގަން، މިނިސޯޓާ، އެރިޒޯނާ، ފްލޮރިޑާ، ވިސްކޮންސިން، ޖޯޖިއާ، ނެވާޑާ އަދި ޕެންސިލްވޭނިއާގެ ލީޑަރުންނެވެ.

ބައިޑަންއާ ދެކޮޅަށް އެމެރިކާގެ މުސްލިމުން  ކެމްޕޭނެއް ފެށީ  އިޒުރޭލާއި ޙަމާސްއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުން ހުއްޓާލުމަށް ގޮވާލުމަށް މިނިސޯޓާގެ މުސްލިމް ޖަމާއަތުން ބައިޑަންއަށް ގޮވާލެއްވުމުން އެއަށް އިޖާބައެއް ނުލިބުމުންނެވެ.

އެމެރިކާއާއި އިޒުރޭލުގެ އޮފިޝަލުން ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ކުރާ މަސައްކަތާ ދެކޮޅު ހަދައި، އެމެރިކާއިން ނެރުނު ބަޔާނެއްގައި ނައިބު ރައީސް ކަމަލާ ހެރިސް ވަނީ އިސްރާއީލަށް ދިފާއުވުމުގެ ހައްގު ލިބިގެންވާ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވާފައެވެ.

ޣައްޒާއާ ދެކޮޅަށް އިޒުރޭލުން ކުރަމުންދާ ވަހުޝީ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން އެކަށީގެންވާ މަސައްކަތެއް ނުކުރާނަމަ 2024ގެ ރިޔާސީ އިންތިހާބުން  ޖޯ ބައިޑަންއަށް މުސްލިމް އަދި އަރަބި އެމެރިކާ މީހުންގެ ވޯޓު ގެއްލިދާނެކަމަށް

ޑިމޮކްރެޓުން ވަނީ މިހާރު ވެސް ވައިޓް ހައުސްއަށް އިންޒާރު ދީފައެވެ.

އެކަމަކު މި ދަނޑިވަޅުގައި އިޒުރޭލާ ދެކޮޅަށް ބައިޑަން އަޅުއްވާ ފިޔަވަޅަކުން އެމެރިކާގެ ބާރުގަދަ ޔަހޫދީން ނިކުމެ ބައިޑަންގެ ވައިނޮޅި ފިއްތާލާނެކަމުގެ ބިރު ވެސް ހަމަ އެހާ ބޮޑެވެ.

އެމެރިކާގެ މުސްލިމުން ބުނާ ގޮތުގައި ޑޮނަލްޑް ޓްރަމްޕް އަލުން އިންތިޚާބުވެއްޖެނަމަ މުސްލިމުންނަށް ވަކި ބައިޑަންއަށްވުރެ ރަނގަޅަށް ކަންތައް ކުރައްވާނެ ކަމަށް ވެސް އުންމީދެއް ނުކުރެވެއެވެ. ނަމަވެސް ބައިޑަންއަށް އެމެރިކާގެ އަރަބި މުސްލިމުން ވޯޓު ނުދީފިނަމަ ކުރިމަގުގައި އެމެރިކާގެ ސިޔާސަތަށް އާ ބައްޓަމެއް ގެންނާނޭކަމަށް މުސްލިމުން އުއްމީދުކުރެއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ކައިރީގައި އިޒުރޭލާ ދެކޮޅަށް މުސްލިމުން މުޒާހަރާ ކުރަނީ

މިހާރު ބަލަންޖެހެނީ އެމެރިކާގެ ހުރިހާ މުސްލިމް ޖަމާއަތްތަކުން ބައިޑަންއާ ދެކޮޅަށް ވޯޓު އިއުލާން ކުރާނެތޯ ނުވަތަ ނޫންތޯއެވެ. ނަމަވެސް މުސްލިމުންގެ ވޯޓުން ތަފާތު ބޮޑު އަސަރެއް ކޮށްފާނެ މަދު ސްޓޭޓްތަކެއް  އެބަހުއްޓެވެ.

ދާދި ފަހުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި 2020 ވަނަ އަހަރު ބައިޑަންއަށް މުސްލިމުންނާއި އަރަބި ނަސްލުގެ މުސްލިމުންގެ އަޣުލަބިއްޔަތު ލިބުނު ނަމަވެސް މިހާރު އޭނާގެ މަގުބޫލުކަން ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ.

އެ ތަފާސްހިސާބުތަކަށް ބަލާއިރު 2024ގެ އިންތިޚާބު ކާމިޔާބުކުރަން ބައިޑަންއަށް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށާއި ހާއްސަކޮށް މިޝިގަން ފަދަ ސްޓޭޓުތައް  2020 ވަނަ އަހަރު އޭނާ ކާމިޔާބުކުރެއްވީ މުސްލިމުންގެ ވަރަށް ބޮޑު ތާއިދާއެކުގައިކަން ފާހަގަކުރަން ޖެހެއެވެ. ހަމައެޔާއެކު ވިސްކޮންސިން ސްޓޭޓުގައި ވޯޓުލާ އުމުރުގެ މުސްލިމުން ގިނަ އަދަދަކަށް ތިބި ކަމަށާއި އެންމެ ފަހުގެ އިންތިޚާބުން ބައިޑަންއަށް އެ ސަރަހައްދުން މުސްލިމުން ގިނަ އަދަކަށް ވޯޓު ދީފައިވާކަން ފާހަގަކުރަން ޖެހެއެވެ.

އެމެރިކާގެ މުސްލިމް މުޖުތަމައު ތަމްސީލު  ކުރާ ޠާރިގު އަމީން ބުނިގޮތުގައި  އެމީހުން ތިބީ ކުރިން ވޯޓުލީ ގޮތް ބަދަލުކޮށް އެހެން މިސްރާބަކަށް ދާން ތައްޔާރަށެވެ.

ބައިޑަންއާ ދެކޮޅަށް ވޯޓުލާ މުސްލިމުން ނިކުތުމުން އެމެރިކާގެ އެރިޒޯނާ ސްޓޭޓްގައިވެސް ބައިޑަންއަށާއި އޭނާއަށް ތާއިދު ކުރާ މީހުންނަށް ބޮޑެތި ހުރަސްތަކާ ކުރިމަތިލާން ޖެހޭނެއެވެ.

ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި އެމެރިކާގެ މުއްސަނދި ޔަހޫދީން އެމެރިކާގެ އިންތިޚާބުތަކަށް މާޒީގައި ހިންގި ނުފޫޒަށް ކުރިމަގުގައި އެމެރިކާގެ ފަގީރު މުސްލިމުން ހުރަސް އަޅާނެއެވެ. އަދި ހިފެހެއްޓުމެއްނެތި އިޒުރޭލުގެ އަނިޔާވެރިކަމަށް އެމެރިކާއިން ކުރާ ތާއިދަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭނެއެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.