އޭއާރު ރަހުމާނާ ދެކޮޅަށް ގޭންގަކުން ބޮލީވުޑުގައި މަސައްކަތް އެބަކުރޭ

ބޮލީވުޑު (ހިންދީ ފިލްމީ ދުނިޔެ)ގެ ގޭންގަކުން އޭނާއާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ކަމުގައި މަޝްހޫރު މިއުޒިކް ޑިރެކްޓަރ އޭއާރު ރަހުމާނު ބުނެފިއެވެ.

"އެ ގޭންގުން ގެންދަނީ އަހަންނާ ދެކޮޅަށް ދޮގު ޚަބަރު ފަތުރަމުން. އެމީހުން ގެންދަނީ އަހަރެން ކުރަމުންދާ މަސައްކަތް ހުއްޓުވަން މަސައްކަތް ކުރަމުން." އޮސްކަރގެ އިނާމު ހޯދާފައިވާ އޭއާރު ރަހުމާން ބުންޏެވެ.

އިންޑިއާގެ މަޝްހޫރު ރޭޑިއޯ މިރްޗީއަށް ދިން އިންޓަވިއުއެއްގައި އޭއާރު ރަހުމާން ބުނީ ރަނގަޅު ފިލްމުތަކަށް އޭނާ ފުރަގަސް ނުދޭކަމަށާއި ތަމަޅަ ފިލްމުތަކަށް އޭނާގެ ޚިދުމަތް ގިނައިން ލިބެނީ އެމީހުން އެކަމަށް އެދޭތީކަމަށެވެ.

"އަހަންނާ ދެކޮޅަށް މަސައްކަތް ކުރާ ބަޔަކު ހިންދީ ފިލްމީ ދުނިޔޭގައި އެބައުޅޭ. އެމީހުންދަނީ އަހަންނާބެހޭ ގޮތުން ހަގީގަތެއްނެތް ދޮގު ވާހަކަތައް ފަތުރަމުން." އޭނާ އިތުރަށް ބުންޏެވެ. " މުކޭޝް ޗާބަޅާ "ދިލް ބޭޗާރާ"ގެ ލަވައެއް ހިފައިގެން އަހަރެންގެ ގާތަށް އައުމުން ދެ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާފައިދިނިން. މުކޭޝް ޗާބަޅާއާ ދެކެވުނު ވާހަކައެއްގައި އަހަރެންގާތަށް ނުދާށޭ ކިޔައިގެން އޭނާއަށް ވަރަށް ގިނަ ބަޔަކު ނަސޭހަތް ދިންކަމަށް މުކޭޝް އަހަރެންގެ ގާތުގައި ބުނި."

އޭއާރު ރަހުމާނު ބުނި ގޮތުގައި މުކޭޝް ކިޔައިދިން ވަރަށް ގިނަ ވާހަކަތަކަށް ބަލާއިރު ހިންދީ ފިލްމީ  ދުނިޔޭގެ މީހުން އޭނާ ލައްވާ މަސައްކަތް ނުކުރުވައި އޭނާ އެކަހެރިކުރަން މަސައްކަތް ކުރަމުންދާކަން އޭނާއަށް އެނގުނެވެ.

އޭއާރު ރަހުމާނު ބުނިގޮތުގައި އޭނާ މިއުޒިކު ތައްޔާރުކޮށްދެނީ އެކަމަށް ބޭނުންވެގެން އަންނަ މީހުންނަށެވެ. މީހުންގެ ފަހަތުން ދުވެގެން އޭނާ މަސައްކަތެއް ނުހޯދައެވެ. އެކަމަކު އޭނާއަށް ފުރުސަތު ލިބުނަނުދޭން ބަޔަކު މަސައްކަތް ކުރަމުންދާކަން މިހާރު އެނގޭކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ކަންތައްތައް ވާނީ ތަގުދީރުގައި ވާންހުރިގޮތަކަށް. މާތްރަސްކަލާނގެ ރަސްކަންފުޅަށް އަހަރެން ފުރިހަމައަށް އިތުބާރުކުރަން. އަހަރެން ގަބޫލުކޮށް ގަޔަގީން ކުރާ ގޮތުގައި މަސައްކަތާއިގެން އަހަރެންގެ ގާތަށް އަންނަ މީހުންނަކީ މާތްރަސްކަލާނގެ އިރާދަފުޅުން އަންނަ މީހުން" އޭއާރު ރަހުމާނު ބުންޏެވެ.

ހިންދީ ފިލްމީ ތަރިއެއްކަމުގައިވާ ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާއި ގުޅިގެން ލިސްޓު ހަދައިގެން ވަރަށް ގިނަ ބަޔަކާ ދެކޮޅަށް އިންޑިއާގައި ތަފާތު މަސައްކަތްތައް ކުރެވެމުން އެބަދެއެވެ. އޭގެ ތެރޭގައި އޭއާރު ރަހުމާނު ހިމެނުމުގެ ކުރިން ވެސް މުސްލިމުންނަށް ތާއިދުކޮށް ދައްކާ ވާހަކަތަކާގުޅިގެން ހައްދުފަހަނަޅާފައި ތިބޭ ހިންދޫން އޭއާރު ރަހުމާނުގެ މަސްލަހަތަށް ގެއްލުންދޭން ތަފާތު ހަރަކާތްތައް ހިންގާފައިވެއެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.