ވޯލްޑް ކަޕް ފައިނަލުގައި އިންޑިއާ ބަލިވީ ބޮޑު ވަޒީރު މޯދީއާ ހެދި: ރާހުލް ގާނދީ

ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލުގައި އިންޑިއާ ޓީމު ބަލިވުމުގެ ޒިންމާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިސްތަށިފުޅުގައި އިންޑިއާގެ އިދިކޮޅު ޕާޓީ، ކޮންގްރެސްގެ ލީޑަރު ރާހުލް ގާނދީ އަޅުއްވައިފިއެވެ.

ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލު މެޗުން އޮސްޓްރޭލިއާ އަތުން ބަލިވުމުން އިންޑިއާ އަދިވެސް ދަނީ ހިތާމަޔާއި ހިތްދަތިކަމުގެ ވޭން އުފުލަމުންނެވެ.

މޯދީ އޭނާގެ ނަމަށް ނިސްބަތްވާ ސްޓޭޑިއަމްގައި

ވޯލްޑް ކަޕްގައި އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކުރި އިންޑިއާ ޓީމު ވޯލްޑް ކަޕްގެ އެންމެ މުހިންމު އަދި އެންމެ ފަހު މެޗުގައި އޮސްޓްރޭލިއާ އަތުން ބަލިވުމުން އިންޑިއާގެ އެއް ބިލިއަން މީހުންގެ އިތުރަށް މުޅި ދުނިޔެއަށް ހައިރާންކަން ލިބުނެވެ.

ފައިނަލް މެޗު ކުޅުނީ ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމް އަދި 132،000 ބެލުންތެރިންނަށް ޖާގަ ލިބޭ އަޙްމަދުއާބާދުގެ "ނަރެންދުރަ މޯދީ ސްޓޭޑިއަމް" ގައެވެ.

ފައިނަލް މެޗު ބައްލަވާލައްވަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ދަނޑަށް ވަޑައިގެންއިންނެވިއެވެ. ފައިނަލް މެޗުގައި އެމަނިކުފާނުގެ ކުރިފުޅުމަތީގައި އިންޑިއާ ޓީމު ބަލިވެގެން ދިޔައީ ލަދުވެތި ގޮތަކަށެވެ.

އިންޑިއާގެ އިދިކޮޅު ޕާޓީ ކޮންގްރެސްގެ ލީޑަރު ރާހުލް ގާނދީ ވިދާޅުވި ގޮތުގައި  ބޮޑުވަޒީރު ނަރެންދުރަ މޯދީ އަކީ އިންޑިއާ ޓީމަށް ނުބައި ފާލެކެވެ.

ވޯލްޑް ކަޕް ފައިނަލުގައި އިންޑިއާ ބަލިވީ ބޮޑު ވަޒީރު މޯދީއާ ހެދި ކަމަށް ވިދާޅުވެ ރާހުލް ގާނދީ ވާހަކަފުޅު ދެއްކެވީ ރާޖިސްތާނުގައި ބޭއްވި އިންތިޚާބީ ޖަލްސާއެއްގައެވެ.

ރާހުލް ވިދާޅުވި ގޮތުގައި މޯދީއަކީ "ސުންޕާ" ބޭފުޅެކެވެ.

އިންޑިއާގައި ބޭއްވި ދުނިޔޭގެ ކުރިކެޓް މުބާރާތުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ބޮޑުވަޒީރު މޯދީގެ ބީޖޭޕީން ސިޔާސީ ގޮތުން ފައިދާ ތަކެއް ހޯދަން މަސައްކަތް ކުރަމުންދާކަމަށް ބުނެ ގިނަ ބަޔަކު މުބާރާތް ހިނގަމުން ދިޔަ ދުވަސްވަރުގައި ވެސް  ފާޑުކިޔާފައި ވެއެވެ.

އިންޑިއާގެ ބައެއް މީހުން ބުނާ ގޮތުގައި ކުރިކެޓް މުބާރާތުގެ ފައިނަލް ކުޅުނު "ނަރެންދުރަ މޯދީ ސްޓޭޑިއަމް"އަކީ އިންޑިއާ ޓީމަށް ސުންޕާ ތަނެކެވެ.

މޯދީ އޮސްޓްރޭލިއާގެ ކެޕްޓަނާ ސަލާމް ކުރައްވަނީ

މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކުރި އިންޑިއާ ޓީމު ފައިނަލްގައި އޮސްޓްރޭލިއާއާ ބައްދަލުކޮށް ބަލިވީ 6 ވިކެޓުންނެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.