އޮސްޓްރޭލިއާއިން އިންޑިއާ ރޮއްވާލައިފި: ދުނިޔޭގެ ކްރިކެޓް ޗެމްޕިއަންކަން 6 ވަނަ ފަހަރަށް އޮސްޓްރޭލިއާއިން ހޯދައިފި

އިންޑިއާގެ އުކުޅުތަކާއި ރޭވުންތައް ފުނޑުފުނޑުކޮށްލުމަށްފަހު އޮސްޓްރޭލިއާއިން އަނެއްކާވެސް ކްރިކެޓްގެ ރަސްކަން ހޯދައިފިއެވެ.

އާދީއްތަ ދުވަހު އޮސްޓްރޭލިއާ 6 ވިކެޓުން މެޗު ކާމިޔާބު ކުރި އިރު ކުޅި ބަލަން ތިބި އިންޑިއާގެ ލައްކައަކަށްވުރެ ގިނަ މީހުން ތިބީ ހިމޭން ވޭނެއްގައެވެ. ސްޓޭޑިއަމްއަށް ވެރިވެފައި އޮތީ ހަމަ ހިމޭންކަމެވެ. އިންޑިއާ ޓީމުގެ ބައެއް ކުޅުންތެރިން ތިބީ ފެންކަޅިވެފައެވެ. ބެލުންތެރިންގެ އެތައްހާސް ބަޔަކު ކަރުނަ އަޅައި ރޮމުން ދިޔައެވެ.

ފުރަތަމަ ކުޅެން އަރައި އިންޑިއާއަށް 50 އޯވަރުގައި ހެދުނީ 240 ލަނޑެވެ. އިންޑިއާގެ ކުޅުންތެރިންނަށް މޮޅު ކުޅުމެއް ނުދެއްކުނީ އޮސްޓްރޭލިއާގެ އުކުން ރަނގަޅުވުމުގެ އިތުރަށް ވަރަށް މޮޅަށް ހުރިހާ ކުޅުންތެރީން ވެސް ގުޅިގެން ހޮވަން ކުރި މަސައްކަތުގެ ސަބަބުންނެވެ.

އިންޑިއާގެ ފެށުން ރަނގަޅެއް ނޫނެވެ. އަދި އެއްވެސް ކުޅުންތެރިއަކަށް ފާހަގަކުރެވޭ އަދަދަކަށް ލަނޑެއް ނެހެދުނެވެ. ހުޅުވަން އެރި ކެޕްޓަން ރޯހިތު ޝަރަމާއަށް ހެދުނީ 47 ލަނޑެވެ. ރޯހިތު ޝަރުމާއާ އެކު ކުޅެން އެރި ޝުބްމަން ގިލް ނުބައިވީ އެންމެ 4 ލަނޑަށެވެ. ޓީމުގެ އުއްމީދު، ވިރާތު ކޯލީގެ ކަޑަބައި އުކުންތެރިއާ ކަމިންސް ދުއްވާލީ 54 ލަނޑަށެވެ. އޭގެ ފަހުން އިންޑިއާ ޓީމަށް ދިރުމެއް ގެނައީ 66 ލަނޑު ހެދި ކޭއެލް ރާހުލް އާއި 18 ލަނޑު ހެދި ސޫރުޔާކުމާރު ޔަދޭވްއެވެ. އެންމެ ފަހުން ކުޅެން އެރި 4 ކުޅުންތެރިންނަށް ހެދުނީ ޖުމުލަ 26 ލަނޑެވެ. އިންޑިއާ ޓީމަށް މުޅި މެޗުގައި ހަޔަކަށް ޖެހުނީ އެންމެ 3 ފަހަރެވެ. އަދި ހަތަރަކަށް ޖެހުނީ 13 ފަހަރަށެވެ. ގިނަ އަދަދަކަށް ލަނޑު ނެހެދުނީ ހަތަރަކަށާއި ހަޔަކަށް ނުކުޅެވުމުގެ ސަބަބުންނެވެ. އިންޑިއާ ޓީމުން އެންމެ ގިނަ ލަނޑު ހެދި ރާހުލް 107 ބޯޅައަށް ކުރިމަތިލައިގެން 66 ލަނޑު ހެދިއިރު އޭނާއަށް ހަތަރަކަށް ޖެހުނީ އެންމެ ފަހަރަކުއެވެ. ހަޔަކަށް ޖެހުމުގެ ނަސީބެއް އޭނާއަކަށް ނުލިބުނެވެ.

އޮސްޓްރޭލިއާ ޓީމުން އެންމެ ރަނަޅަށް އުކީ 3 ވިކެޓް ނެގި ސްޓާކާއި 2 ވިކެޓް ނެގި ޕެޓް ކަމިންސްއެވެ.

އޮސްޓްރޭލިއާގެ ދެ ކުޅުން ލިބުނު ތަށްޓާއެކު އުފާ ފާޅުކުރަނީ

އޮސްޓްރޭލިއާ ޓީމުން ހުޅުވަން އެރި ޑޭވިޑް ވާނާ އެންމެ 7 ލަނޑަށް ނުބައި ވިޔަސް ދުވަހުގެ ބަޠަލަކަށްވީ އޭނާއެކު ކުޅެން އެރި ޓްރެވިސް ހެޑެވެ. އޭނާ 120 ބޯޅައަށް ކުރިމަތިލައި އާދަޔާ ޚިލާފަށް މޮޅަށް ކުޅެ 137 ލަނޑު ހެދިއެވެ. އޭނާ 15 ފަހަރު ހަތަރަކަށް އަދި 4 ފަހަރު ހަޔަކަށް ޖަހާފައި ވެއެވެ.

މޮޅަށް ކުޅުނު ހެޑް: ދުވަހުގެ ބަޠަލަކީ ހެޑް

އޮސްޓްރޭލިއާއަށް ޗެމްޕިއަންކަން ހޯދައި ދިނުމުގައި ދެން އެންމެ މުހިއްމު ދައުރެއް ކުޅުނީ ނުބައިނުވެ 58 ލަނޑު ހެދިމާނަސް ލުބްޝޭންއެވެ. އޮސްޓްރޭލިއާއިން 241 ލަނޑު ހަދައި ޗެމްޕިއަންކަން ހޯދީ 43 އޯވަރުގެ ތެރޭގައެވެ.

އިންޑިއާ ޓީމުން އެންމެ މޮޅަށް އުކީ 3 ވިކެޓް ނެގި މުޙައްމަދު ޝާމީއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުން ތެރިއަކީ 137 ލަނޑު ހެދި  ހެޑްއެވެ. ސެމީ ފައިނަލްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ އޭނާއެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ  އިންޑިއާ ޓީމުގެ ވިރާތު ކޯލީއަށެވެ. އޭނާ ވަނީ ކުޅުނު 10 މެޗުގައި ޖުމުލަ 765 ލަނޑު ހަދާފައެވެ.

ވޯލްޑް ކަޕްގެ ފައިނަލްގައި އޮސްޓްރޭލިއާއާ ވާދަކޮށްގެން ބަލިވި އިންޑިއާއަކީ މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކުރި ހަމަ އެކަނި ޓީމެވެ. އޮސްޓްރޭލިއާ ފައިނަލަށް އައުމުގެ ކުރިން ދެ މެޗުން ބަލިވިއެވެ.

އިންޑިއާގެ ބެލުންތެރިންގެ އަޑު ކެނޑި ހިމޭން ވެފައި

މުބާރާތުގެ ފައިނަލް މެޗުން ފާހަގަކުރެވުނު އެންމެ މުހިއްމު ކަމަކީ ތަރުހީބުދޭ މީހުން ދަނޑު ބޭރުގައި ތިބެ ކިތަންމެވަރަކަށް ހަޅޭލެވިޔަސް ރަނގަޅަށް ތައްޔާރުވެގެން އަރާ މެހުމާން ޓީމަށް މޮޅަށް ކުޅެ މޮޅުވެވިދާނެކަމެވެ.

ފައިނަލް މެޗުގައި އޮސްޓްރޭލިއާ ޓީމަށް ތަރުހީބުދޭން ތިބި މީހުންގެ އަދަދު ހާހަކަށް ނާރައެވެ. ނަމަވެސް އިންޑިއާ ޓީމަށް ތަރުހީބުދޭން ލައްކައަކަށްވުރެ ގިނަ މީހުން ތިއްބެވެ. އިންޑިއާގެ ބެލުން ތެރިން އޮސްޓްރޭލިއާގެ ކުޅުންތެރިންނަށް ފުރައްސާރަކޮށް ހަޅޭލަވަމުން ދިޔަކަމަށް ވިޔަސް މެޗަށް ސަމާލުކަން ދީގެން ކުޅެ ޗެމްޕިއަންކަން ހޯދީ އާދަޔާ ޚިލާފު ރޭވުން ތެރިކަމެއްގެ ތެރެއިންނެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް އިނާމެއްގެ ގޮތުގައި 4 މިލިއަން ޑޮލަރު ލިބުނެވެ. އަދި ދެވަނަ ޓީމު އިންޑިއާއަށް 2 މިލިއަން ލިބުނެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.