މަޖިލީހުގެ ރައީސް އެމެރިކާގެ ވޮޝިންޓަނަށް ވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމެރިކާގެ ވޮޝިންޓަނަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ރައީސް ނަޝީދު ވިދާޅުވީ މިރޭގެ ވަގުތެއްގައި ފުރާވަޑައިގަންނަވާނެ ކަމަށާއި މިއީ ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް [އައިއެމްއެފް]ގެ އަހަރީ ބައްދަލުވުމަށް ދައުވަތު ލިބިފައިވާތީ ކުރައްވާ ދަތުރެއް ކަމަށެވެ.

މިއީ ކްލައިމެޓް ވޮނަރަބަލް ފޯރަމް [ސީވީއެފް]ގެ ފަރާތުން އެ ފޯރަމްގައި 20 ފައިނޭންސް މިނިސްޓަރުން ބައިވެރިވާ ކަމަށާއި ދަތުރުގެ ޚަރަދުތައް ކުރަނީ ސީވީއެފުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

" ތަރައްގީވަމުން އަންނަ ވަރަށް ގިނަ ގައުމުތަކުގެ އިގްތިސާދަށް ބޮޑު ލޮޅުންތަކެއް އަރާފަ. ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ވަނީ އެކަންކަމާ ފުންކޮށް ވިސްނަން ޖެހިފަ. ކްލައިމެޓް ވޮނަރަބަލް ފޯރަމް ދެކޭ ގޮތުގައި ކުރިއަށް މި އޮތް ދެ އަހަރުގެ ތެރޭގައި އެ ފޯރަމްގައި ހިމެނޭ ގައުމުތަކުގެ ތެރެއިން 20 ގައުމާއި ގާތަށް އިގްތިސާދީ ހީނަރުކަން ކުރިމަތިވެ ދަތިތަކާއި ކުރިމަތިލައި އަދި ސޮވަރިން ޑިފޯލްޓްގެ މިންވަރަށް އެ ގައުމުތަކުގެ އިގްތިސާދުތައް ދިއުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ދެކެނީ" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެހެންކަމުން އެ ފޯރަމްގައި މާލީ އިދާރާތަކާއެކު ވާހަކަ ދެއްކުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.