އީވާ އާލާސްކަންފުޅާ، މިއަދުގެ ޖަލްސާ ކެންސަލް

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގާ މަޖިލީހުގައި ތާވަލުކޮށްފައިވާ މިއަދުގެ ޖަލްސާ އީވާ އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޖަލްސާ ކެންސަލް ކޮށްފިއެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ މަޖިލިސް ރައީސް ރިޔާސަތުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ އިތުރުން ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމެވެ.

އެމްޑީޕީގެ 49 މެމްބަރަކު ސޮއިކޮށް، ނަޝީދުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ދެވަނަ ފަހަރަށް މަޖިލިހަށް ޕެޓިޝަން ހުށަހެޅީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އެމައްސަލާގެ ނޯޓިސް މެމްބަރުންނަށް ފޮނުވާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

މިމައްސަލާގައި ޖަވާބުދާރީ ވުމަށް ނަޝީދަށް 30 މިނިޓު އެރުވުމަށް މަޖިލިހުގެ އާންމު ކޮމިޓީން ފާސްކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

އާދީއްތަ ދުވަހަކީ ޢާންމުކޮށް މަޖިލިސް ޖަލްސާ އޮންނަ ދުވަހެއް ނޫންނަމަވެސް މަޖިލީހުގެ ގަވާއިދުގަިއ ބުނަނީ އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވުމުން ރަސްމީ ބަންދޫން ދުވަހެއްގައި ޖަލްސާ ބާއްވަން ވާނެކަމަށެވެ.

އެމްޑީޕީން ތުހުމަތުކުރަނީ މިއަދުގެ ޖަލްސާއަށް އީވާ ވަޑައިނުގަންނަވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ލަސްކުރުމަށް ކަމަށެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައަޅައި އެމައްސަލަ ކުރިއަށް ގެންދާނަމަ ރިޔާސަތު އިންނަވާނީ މަޖިލީހުގެ ނާއިބު ރައީސްކަމަށެވެ.

މީގެ ކުރިންވެސް މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށައެޅިއެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ދިމާކޮށް، އިތުބާރު އޮތްކަމަށް ބުނެ އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.

މިފަހަރު ހުށައެޅީ ނަޝީދުގެ އިތުބާރު ނެތްކަމަށް އެކަންޏެވެ. އެ މައްސަލަ ހުށައެޅީ އެމްޑީޕީގެ 49 މެންބަރުން ސޮއިކޮށްފައެވެ.

އެމްޑީޕީން ބުނެފައިވަނީ މިހާރު ހުށަހެޅިފައިވާ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަސް ނުގެންގޮސް ނަޝީދު ރިޔާސަތުގައި އިންނަވައިގެން އިންތިޚާބީ ނައިބު ރައީސް ހުވާކުރައްވައިފިނަމަ ހުވާގެ ސައްހަކަން ބަލައި ނުގަންނާނޭ ކަމުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.