އިޒްރޭލުން އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

އިޒްރޭލުން އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް އިސްރޭލުން ދިން ޙަމަލާ އެންމެ ހަރުކަށި ޢިބާރާތުން ދިވެހިރާއްޖެއިން ކުށްވެރިކުރާ ކަމަށެވެ.

މި ޙަމަލާގައި ފަލަސްޠީނުގެ އެތައް ސަތޭކަ މައުސޫމް ރައްޔިތުންނެއް ވަނީ ޝަހީދުވެފައި ކަމަށާއި ޢާއްމު ރައްޔިތުންނަށް އަމާޒުކޮށް، ހޮސްޕިޓާތަކާއި ޢާއްމު ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރާ ޢުމްރާނީ ވަޞީލަތްތަކަށް ޙަމަލާދިނުމަކީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު  ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ.

އެ ބަޔާނުގައި ފަލަސްޠީނުގެ ކުށެއް ނެތް ޢާއްމު ރައްޔިތުންނާ ދެކޮޅަށް އެއްވެސް ރަޙުމެއް ނެތި ދެމުންދާ ޙަމަލާތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ގޮވާލި ގޮވާލުން ތަކުރާރުކުރާ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ޣައްޒާއަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޟަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯތަކެއް ހުޅުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް އަވަސްކުރުމަށް ވެސް ރާއްޖެއިން ގޮވާލާ ކަމަށް ބުނެއެވެ.

އިޒްރާއީލުން ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް ބޮން އަޅައި، 500 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.