ރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންނަށް ދެ މިލިއަން މަސްދަޅު ހަދިޔާކުރުމަށް ނިންމައިފި

ފަލަސްޠީނުގެ ރައްޔިތުންނަށް ދިވެހިސަރުކާރުން ދެ މިލިއަން ކަނޑު މަސްދަޅު ހަދިޔާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް  ނިންމަވައިފިއެވެ.

މި މަސްދަޅުތައް ހަދިޔާކުރެއްވުމުގެ މަޤްޞަދަކީ ފަލަސްޠީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނިއްޔަތަށްޓަކައި އެހީ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ބައިނަލްއަގްވާމީ އަދި އިންސާނީ ހައްގުތަކާބެހޭ އެންމެހާ ގާނޫނުތަކާ ހިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށް ވެސް މިއުވާން ވިދާޅުވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ހަމަލާތައް ވަގުތުން ހުއްޓުވުމަށް މަޖުބޫރުކުރުވައި ގާޒާއަށް މިހާރުން މިހާރަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތު ކަމުގެ ކޮރިޑޯއެއް ހުޅުވުން ކަށަވަރު ކުރުމަށް ބާރުއެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ދިވެހި ސަރުކާރުން ކުރިން ގޮވާލި ގޮވާލުން ތަކުރާރުކުރާ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުން އެބައި މީހުންގެ ވަކި ދައުލަތެއް އުފެއްދުމަށާއި އެބައިމީހުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުން ގެންދާ ޖާއިޒު މަސައްކަތްތަކުގައި އެއްވެސް ޝަރުތަކާނުލައި ތާއީދު ކުރުންމަތީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ކަަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.