ޖަޕާނު ސަރުކާރުން 8.4 މިލިއަން ރުފިޔާގެ އެހީ ރާއްޖެއަށް ފޯރުކޮށްދީފި 

ޖަޕާނު ސަރުކާރުން ޔުނިސެފާއި ރެޑްކްރެސެންޓް މެދުވެރިކޮށް 8.4 މިލިއަން ރުފިޔާގެ އެހީ ރާއްޖެއަށް ފޯރުކޮށްދީފި އެވެ.

މިއެހީ އާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ހާމާކޮށްފައި ވަނީ ކޮވިޑް-19 އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމަށް ޔުނިސެފް މެދުވެރިކޮށް 5،634،468 (ފަސް މިލިއަން ހަލައްކަ ތިރީސްހަތަރުހާސް ހަތަރު ސަތޭކަ ފަސްދޮޅަސް) ރުފިޔާ ގެ އެހީ ދީފައިވާކަމަށެވެ. އަދި ރެޑްކްރެސެންޓް މެދުވެރިކޮށް 2،852،700 (ދެ މިލިއަން އަށް ލައްކަ ފަންސާސްދެހާސް ހަތްސަތޭކަ) ރުފިޔާ ދީފައިވާކަމަށެވެ. 

ފޮރިން މިނިސްޓްރީން ވިދާޅުވީ މި އެހީ ބޭނުންކުރެވޭނީ މެޑިކަލް އިކުއިޕްމަންޓާއި ބޭހުގެ ބާވަތްތައް ގަތުމުގެ އިތުރުން ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް ބޭނުންވާ ސިސްޓަމްތައް ގާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މިފަދަ އެހީތެރިކަމަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ޖަޕާން ސަރުކާރާއި ރައްޔިތުން ފޯރުކޮށްދެއްވީ ދީލަތި އެހީތެރިކަމެއްކަން ފާހަގަ ކުރައްވައި ޖަޕާނު ސަރުކާރަށް ފޮރިން މިނިސްޓްރީން ވަނީ ޝުކުރު އަދާކުރައްވައިފައެވެ. މިއެހީ އަކީ ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއްކަމަށް ފޮރިން މިނިސްޓްރީން ފާހަގަކުރެއެވެ.

ޖަޕާނަކީ ކުރިންސުރެ ރާއްޖޭގެ ތަރައްޤީއަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ޤައުމެއްކަން ވެސް ޕޮރޮންމިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ރާއްޖޭގެ ތައުލީމާއި، އުމްރާނީ ތަރައްޤީގެ އިތުރުން މޫސުމީ ބަދަލުތަކަށް އެޑަޕްޓުވުމަށް ހިންގާ ޕްރޮޖެކްޓްތަކަށް ފޯރުކޮށްދީފައިވާ އެހީތެރިކަން ފޮރިންގ މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ. ޖަޕާނަކީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު ރާއްޖެއަށް އެންމެ ފުރަތަމަ މާލީ އެހީތެރިކަން ފޯރުކޮށްދިން އެއް ޤައުމުކަންވެސް ފޮރިން މިނިސްޓްރީން ވަނީ ފާހަގަ ކުރައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.