ޕީއެންސީގެ ސަރުކާރެއްގައި އިސްލާމްދީނާއި ގައުމިއްޔަތަށް އިސްކަންދޭނެ: ޑރ. މުއިއްޒު

17 ނޮވެމްބަރު ގައި ޤާއިމުވާ ޕީޕީއެމް-ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރުވާނީ، އިސްލާމްދީނާ ދިވެހީންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަކަށް ކަމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުބަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވުމަށް ނެރުއްވި ބަޔާނުގައި ވިދާޅުވީ މި ޤައުމުގެ އިސްތިޤްލާލާއި ފަޚުރުވެރިކަން ނަގަހައްޓައިދޭ ސަރުކާރަކަށް ވެސް ޕީއެންސީ ސަރުކާރު ވާނެ ކަމަށެވެ. އަދި ދިވެހީންގެ ރީތި އުޅުމާއި ގުޅުމާއި ގޮތްފޮތް ދަމަހައްޓައި، ދިވެހީންގެ ނަމާއި އަބުރު ބައިނަލްއަޤްވާމީ މަސްރަޙުގައި އުފުލައިދޭނެ ސަރުކާރަކަށް ވާނެ ކަމަށެވެ.

މީގެ އިތުރުން އިސްލާމްދީން މަތީ ދިވެހީން ފައިތިލަ ސާބިތުކުރިތާ ހިޖުރީ ގޮތުން 9 ޤަރުނު ފުރިހަމަވާން ބާކީ އޮތީ 3 އަހަރުކަމަށް ވާއިރު، މި ޤައުމަށް އެންމެ ހެޔޮ ބަދަލެއް ގެނުވި ތާރީޚީ ހާދިސާއަކީ ރާއްޖެ އިސްލާމްވުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ދިވެހީންގެ މިނިވަންކަމާއި ރިވެތި އާދަކާދަތަކާއި މުއްސަނދި ޘަޤާފަތާއި އެއްބައިވަންތަކަމުގެ ހަގީގީ ނާރެހަކީ ވެސް މާތްވެގެންވާ އިސްލާމްދީން ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ވޭތުވެ މިދިޔަ ދިގު މާޒީގައި ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބި ކަމީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށެވެ. އަދި މިއަދުގެ ދުނިޔޭގައި، ފިކުރީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި އަދި އިސްތިރާތީޖީ ގޮތުންވެސް ތަފާތު އެކި ގޮންޖެހުންތައް އަޅުގަނޑުމެންގެ ކުރިމަތީގައި އެބަހުރި ކަމަށެވެ.

މިއިން ކޮންމެ ގޮންޖެހުމަކާވެސް ދިވެހި ޤައުމު އިސްކޮށްގެން، ދިވެހީންގެ މަޞްލަޙަތު ކުރިއަށް ނެރެގެން ކުރިމަތިލުމަކީ ދިވެހި ރައްޔިތުން އެދޭ ގޮތް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.