ސައުދީ ސަފީރު، އިންތިހާބީ ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، ސަޢުދީޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އިޙުތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، އިންތިޚާބީ ނައިބު ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގައި، ސަޢުދީޢަރަބިއްޔާއާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމަކަށްވާތީ، ޢަރަބި އިސްލާމީ ޤައުމުތަކާ އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމަށް އެދިވަޑައިގަންނަވާކަމަށްވެސް ފާހަގަކުރެއްވިއެވެ. ސަޢުދީޢަރަބިއްޔާގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި ކުރިޔަށްގެންގޮސްފައިވާ އަދި މިހާރުވެސް ކުރިޔަށްދާ މަޝްރޫޢުތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އާ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަކުރެއްވުމުގައި، ސަޢުދީޢަރަބިއްޔާގެ އެހީތެރިކަމާއި ބައިވެރިވުމަށް އެދިވަޑައިގެންނެވިއެވެ.

ސަޢުދީޢަރަބިއްޔާ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާ ސަޢުދީޢަރަބިއްޔާއަކީ އެއްގޮތަށް ވުރެ ގިނަ ގޮތުން ގުޅިފައިވާ ދެ ޤައުމުކަން ފާހަގަކުރެއްވިއެވެ. މި ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.