އިންތިހާބީ ރައީސް އަށް ކުރީގެ ރައީސް މައުމޫންގެ ތައުރީފް

ބައިނަލްއަޤްވާމީ މީޑިއާއެއްކަަމަށްވާ އަލްޖަޒީރާއަށް، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވި އިންޓަވިއު އަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ތަޢުރީފް ކުރައްވައިފިއެވެ.

އަލްޖަޒީރާއިން ގެނެސްދިން ޑރ. މުޢިއްޒުގެ އިންޓަރވިއު ބެއްލެވުމަށްފަހު، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވަނީ އިންތިޚާބީ ރައީސަށް މަރުޙަބާ ވިދާޅުވެ،އެމަނިކުފާނުގެ ޒަޢާމަތުގެ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ރައީސް މައުމޫންގެ އެ ވާހަކަފުޅަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ބައިނަލްއަޤްވާމީ ފުރަތަމަ މީޑިއާއަކަށް އިންތިޚާބީ ރައީސް ދެއްވި އިންޓަރވިއު އަލްޖަޒީރާއިން ވަނީ ދުރަށް ދައްކާފައެވެ.

އަލްޖަޒީރާގެ ޕްރެޒެންޓަރު ސާމި ޒެއިދަން ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާއި، އައު ސަރުކާރުގެ ސޔާސަތުތަކާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ. އަދި އިންތިޚާބީ ރައީސް ވަނީ ވަރަށް ޔަޤީންކަމާއެކު ކޮންމެ ސުވާލަކަށް ވެސް ޖަވާބު ދެއްވާފައެވެ. މި އިންޓަރވިއު ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ބަލައި ސޯޝަލް މީޑިއާގައި ވެސް ވަނީ ޝެއަރކޮށްފައިވެއެވެ.

މިއީ ރައީސްކަމަށް ވަޑައިގެންނެވި ބޭފުލަކު މިފަހުގެ ތާރީޚުގައި ބޭރުގެ މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަރވިއުއެވެ.

އިންތިޚާބީ ރައީސް ވަނީ އެމަނިކުފާނު ކެމްޕެއިންގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ހަމައެގޮތުގައި ފުއްދަވާނެކަމަށް ތަކުރާރުކުރައްވާ ޔަޤީންކަން ދެއްވާފައެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތެވެ. އެގޮތުން ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހު އެ މަސައްކަތް ފަށްޓަވައި، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މުޅި މައްސަލަ ޙައްލުކުރެއްވުމަށް އަމާޒުކުރައްވާކަަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޖޭއެސްސީގައި ސިޔާސީ މީހުން ނުތިބޭނެގޮތަށް ޝަރޫޢީ ނިޒާމު އިސްލާހުކުރައްވައި އަދުލުވެރި ނިޒާމެއް ޤާއިމްކުރައްވާނެކަމަށް އިންތިޚާބީ ރައީސް ވިދާޅުވެފައިވެއެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ވަކި ޤައުމެއް އިސް ނުކުރައްވާ ގެންގުޅުއްވާނީ ހަމަހަމަ ޚަރިޖީ ސިޔާސަތެއްކަމަށް ވިދާޅުވިއެވެ.

އިއްޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ޗައިނާއާ އެކު ވެސް ގާތް ގުޅުމެއް ބާއްވާނެ ކަމަށެވެ. އެކަމަކު، ގެންގުޅުއްވާނެ ހާރިޖީ ސިޔާސަތަކީ "ޕްރޯ-މޯލްޑިވްސް" ގެ ސިޔާސަތުތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.  އެއީ، ރާއްޖޭގެ މަސްލަހަތު އަބަދުވެސް އިސްކުރާނެ ސިޔާސަތެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.