އަރަބިއްޔާ ސްކޫލަށާއި ބެލެނިވެރިންނަށް މިސަރުކާރުން ދިނީ ބޮޑު ދޯކާއެއް: މުއިއްޒު

އަރަބިއްޔާ ސްކޫލަށާއި، ބެލެނިވެރިންނަށް މިސަރުކާރުން ދިނީ ބޮޑު ދޯކާއެއް ކަމަށް ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޢަރަބިއްޔާ ސްކޫލުގެ ބެލެނެވެރިންގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ބެލެނިވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

އެ ބެލެނިވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި މުއިއްޒު ވިދާޅުވީ އެ ސްކޫލަށް ޖާގަދިނީ މާލޭގެ އެންމެ ތޮއްޖެހުން ބޮޑު ތަނުން ކަމަށެވެ.

އޭނާގެ ވެރިކަމެއްގައި މާލޭގައި ޢަރަބި އިސްމާލް ދިނުމަށް ޢަރަބިއްޔާ ސްކޫލު ޤާއިމް ކުރުމަށް ބޮޑު ބިމެއް ހަމަޖައްސަވައި، ރަނގަޅު ފެންވަރެއްގެ އިމާރާތެއް ޤާއިމް ކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބަށް ކުޑަތަންވެފައިވާއިރު، މިސަރުކާރުން ޢަރަބި އިސްލާމީ ތައުލީމަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވާކަމަށް ތަކުރާރުކޮށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމުދޭ އެންމެ ބޮޑު ސްކޫލަކީ އަރަބިއްޔާ ސްކޫލުކަމަށް ވާއިރު، މިފަސް އަހަރު އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާއި، ބެލެނެވެރިން އުޅެންޖެހުނީ ދާއިމީ ސްކޫލެއްނެތި އެތަން މިތަނުން ދުވުމުގައެވެ.

"އަރަބިއްޔާ ފެމެލީ" ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި އެބެލެނިވެރިން ބުނެފައިވަނީ ޑރ. މުއިއްޒު އެބޭފުޅުންނާއި އެކު ބޭއްވި ކުއްލި ބައްދަލުވުމުން ވަރަށް އުންމީދީ ވައުދުތަކެއް ވެވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ވައުދުތަކުގެ ތަފްސީލް ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށް ވެސް "ބުނެފައިވެއެވެ.

ޑރ.މުއިއްޒު ވަނީ ކެމްޕޭންގައި ކަނޑިތީމްގައި ބޭއްވި ޖަލްސާއެއްގައި ޢަރަބިއްޔާގެ ބެލެނެވެރިންނަށް އުންމީދީ މެސެޖްތަކެއް ދެއްވާފައެވެ. މުއިއްޒު ވިދާޅުވެފައިވަނީ ސަރުކާރުން ދާއިމީ ހައްލު ހޯދުމަށް ކަމަށްބުނެ ޢަރަބިއްޔާ ސްކޫލު އެޅުމަށް ނިންމި ސަރަހައްދަކީ މާލޭގެ އެންމެ ކާރޫބާރު ބޮޑު އަދި ޖާގައިގެ ގޮތުން މާބޮޑު ތަނަވަސްކަމެއް ނެތް ކުރީގެ ބާ ޖަމާލުއްދީން އިމާރާތް ހުރި ތާގައި ކަމަށެވެ.

މުއިއްޒު ވިދާޅުވީ މާލޭގައި އެއަށްވުރެ މާޖާގަ ބޮޑު މިއިމާރާތް އެޅޭނެ ބިންތައް އެބަހުރިކަމަށެވެ. ނަމަވެސް ސަރުކާރުގައި އެއިމާރާތް އަޅާނެ ޝައުވެރިކަމެއް ނެތްކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.