އަނާ - 71 (އެންމެ ފަހުބައި)

(30 ސެޕްޓެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޚާންއާޞިފްގެ ލޭ ހިނގުން އަވަސްވެގަތެވެ. މިހާރު މުޅިމީހާ ތުރުތުރު އަޅަނީއެވެ. ދަރިފުޅުގެ ޙާލު ފެނިފައި އޭނާގެ ހިތް ފަޅައިގެން ދަނީއެވެ. އެދަރިފުޅަކީ މިއަދާހަމަޔަށް ހަތަރުކަޅި ހަމަކޮށް އޭނާޔާ ދިމާއަށް ބަލާލަންވެސް ނުކެރި ހުރި ދަރިފުޅެކެވެ. ނަމަވެސް މިއަދު އެ ދަރިފުޅު އޭނާއާ ދިމާއަށް ހަމަބާރަށް އެއްޗެތި ބުނަމުން ދަނީއެވެ. އޭނާ ތުރުތުރު އަޅާ ފަދަ ގޮތެއްގައި އޭނާއާ ދަރިފުޅާ ދިމާއަށް ބަލަމުން ގެންދިޔައެވެ. އަދި ޢާޝީ ބުނަމުން ދިޔައެވެ.

"ބައްޕަ އަޅުގަނޑާއި އަޅުގަނޑުގެ ބޭބެގެ މުސްތަޤްބަލް ހަލާކުކޮށްލެއްވީ...އެންމެ ފުރަތަމަ އަނާ ދައްތަގެ ކުށެއްނެތި ބޭބެގެ ދިރިއުޅުން ބަރުބާދުކޮށްލެއްވީ. އަދި އަނާ ދައްތަ ގެއިން ބޭރަށް ލެއްވީ.. މިއަދު ބައްޕަގެ ދަރިފުޅުވެސް ހަމައެގޮތަށް ބޭރަށް ނެރެލެވުނީ... އެންމެ ރެއެއްގެ އަލަތު އަނތްބަކު ފިރިމީހާގެ ގެއިން އަންނަންޖެހުނީ ކީއްވެގެން ކަމާމެދު ބައްޕަ މީހުންނަށް ކިޔާދެއްވާނީ ކީކޭތޯ؟ ދުނިޔޭގެ މީހުންނަށް ކިޔާދެއްވާނީ ކޮންވާހަކައެއްތޯ؟ އަދި ބައްޕަ ކިތަންމެ ވާހަކައެއް ދެއްކެވިނަމަވެސް އެ ވާހަކަތައް ޔަޤީންކުރާނީ ކާކުތޯ؟ މީހުން އަޅުގަނޑުގެ އެތައްހާސް އައިބެއް ހޯދާނެ، އެތައްލައްކަ ފަންޏެއް ހޯދާނެ...ފިރިމީހާ ކައިވެނީގެ އެންމެ ފުރަތަމަ ރޭ ވޭތުކުރުމަށްފަހު އަނބިމީހާ ގެއިންނެރެލަން ޖެހޭނީ އެހެންވެގެން ނޫންތޯ؟" އެހެން ބުނެފައި އާޝީ ރޯންފަށައިފިއެވެ.

 އޭނާ ވަރަށް ބާރަށް ގިސްލަ ގިސްލާފައި ރުއެވެ. ޚާންއާޞިފްގެ ހިތް ކުނޑިކުނޑި ވަމުން ދިޔައެވެ. އޭނާ އެ ކޮޓަރީން ބޭރަށް ނުކުތް އިރު އޭނާގެ ފިޔަވަޅުތައް ތެދަށް އަޅަމުން ގެންދިއުން ވެސްވަނީ ދަތިވެފައެވެ. އޭނާ ހިނގަމުން ދިޔަތަން ފެނުނުއިރު ހީވަނީ ވަރަށް ބޮޑަށް މުސްކުޅިވެފައި ވާހެންނެވެ.

ނަފްރަތުގެ ދަނޑެއް ހައްދައިގެން ލޯބީގެ ގޮވާމެއް ނުކެނޑޭނެއެވެ. މަތީދަރަޖައާއި ފައިސާގެ ދަހިވެތިކަމުގައި ބައެއް މީހުން މިކަން ހަނދާން ނެތޭގޮތްވެއެވެ. އަދި... ތިމާއަށްވުރެ ނިކަމެތި އިންސާނެއްގެ ބޭނުން ތިމާއަށް ޖެހިދާނެކަން ހިތަށް އަރުވަންވެސް ޤަބޫލު ނުކުރެވޭ ގޮތްވެއެވެ. ނޫންނަމަ  އެ މީހަކަށް އަހަންމިއްޔަތެއް ނުދޭ ދަށް ފެންވަރެއްގެ އިންސާނަކަށް އޭނާގެ ލަފުގައި ހިފޭ ފަދަ ދުވަހެއް އަތުވެދާނެ ކަމެއް ހިތަށް އަރުވާކަށް ވެސް ނޭދޭމެވެ.

އެކަމަކު މިހާރު ޚާންއާޞިފަށް ވެސް އެ ނިކަމެތި އިންސާނާގެ ބާރުގަދަކަން ވަޒަން ކުރެވުމުން އޭނާ އަމިއްލައަށް އޭނާއަކީ ވަރަށް ބާރެއްނެތް ނިކަމެތި މީހެއްކަން އިޙްސާސްކުރެވިއްޖެއެވެ. އޭނާއަށް ލިބިފައިވާ މަތިވެރި ދަރަޖައާއި ޢަދަދު ނުކުރެވޭހާ ގިނަ ފައިސާތަކުގެ މުއްސަނދިކަމުން އޭނާގެ އަންހެން ދަރިފުޅުގެ ކައިވެނި ސަލާމަތްކޮށް ރައްކައުތެރިކޮށް ދެވިދާނެބާވައެވެ؟

ނުކޮށްދެވޭނެ ކަންނޭނގެއެވެ. އަދި އެ ނުކޮށްދެވޭނެ ކަމުގެ ސަބަބުން އޭނާއަށް ގޮތް ހުސްވެއްޖެއެވެ. ޚާންއާޞިފް އޭނާގެ ކޮޓަރިއަށް ވަދެ ކޮޓަރީގައި ބަންދުވެއްޖެއެވެ. އޭނާއަކީ ދުވަހަކުވެސް ނޫޅޭ މީހެއް ފަދަ އިންނެވެ. އަނާއަށް އޭނާ ނުކުރަނީ ކޮންކަމެއް ހެއްޔެވެ. ގެއިން ނެރެލިއެވެ. ހަރާން ކުއްޖެއްގެ މަންމައަކަށް ހެދިއެވެ. އަދި ކީއްތޯއެވެ. އޭނާއަށް ޒަހަރުވެސް ދިނެވެ. އެކަމަކު ޤުދްރަތު ނިންމެވީ އޭނާ ދިރިއުޅެ ދުނިޔޭގައި ލެހެއްޓެވުމަށެވެ. އަނާ އަދިވެސް ދުނިޔޭގައި އެބައިނެވެ.

އެ މީހަކު އިންދި އެއްޗެއްގެ މޭވާ އެމީހަކު ކަނޑަން ޖެހޭނެއެވެ. މިއަދު އޭނާގެ އަމިއްލަ އަންހެން ދަރިފުޅަށް މި ދިމާވެގެން އުޅޭ ކަންތަކަކީ ޚާންއާޞިފް އިންދި އެއްޗެއްގެ މޭވާ ކަނޑަން އޭނާއަށް ޖެހުނު ޖެހުމެވެ. އެއީ ޤުދްރަތުގެ ބަދަލުގައި ހިއްޕެވުން ކަމަށް ވެދާނެއެވެ. އަނެއްކޮޅުން ޘަނާ އެނބުރި ހޮސްޕިޓަލަށް ދިޔައިރު ބިއްލާ ބޭރު ފެންޑާގައި ހުއްޓެވެ.

"ހީވަނީ މައިބާޕް ނިދިކުރައްވާފައިހެން. އަޅުގަނޑު ދެތިފަހަރަކު ސިއްރު ސިއްރުން އެތެރެ ބަލާލައިފިން." ބިއްލާ ބުންޏެވެ.

އަދިވެސް އޭނާ އިތުރަށް ބުނަމުން ދިޔައެވެ. "ކުޑައިރުކޮޅެއް ކުރިން ނާރސް ކުއްޖަކު އެތެރެއަށް ދިޔަ. އޭނާ ވަރަށް އަވަހަށް ބޭރަށް ނުކުމެފައި ދެ ޑޮކްޓަރުން ގޮވައިގެން އަނެއްކާވެސް އެތެރެއަށް ވަދެއްޖެ."

"ކަލޭ ތިޔަބުނަނީ އެތެރޭގައި ޑޮކްޓަރުން ވެއްޖެއޭތަ!"

"އާނ... އަދި އަޅުގަނޑަށް ހީވަނީ ކޮންމެވެސް ނުރައްކައުތެރި ކަމެއް އުޅެނީހެން..." ބިއްލާގެ އަޑުތުރުތު އަޅާގޮތްވިއެވެ.

ޘަނާ ވަރަށް ބާރަށް ކޮޓަރިއާ ދިމާއަށް ދިޔައެވެ. ކޮޓަރީގައި ސްޓާފް ނާރުހަކާއި ދެ ޑޮކްޓަރުން ތިއްބެވެ. އެ ދެ ޑޮކްޓަރުންގެ ތެރޭގައި ޑޮކްޓަރ ޙާމިދުވެސް ހުއްޓެވެ. އެވަގުތު އަނާއަށް އިންޖެކްޝަނެއް ޖަހަނީއެވެ.

އެތަންވަޅު ޘަނާ އަނާގެ މޫނު ރީތިކޮށް ފެންނަން އޮތެވެ. ޘަނާއަށް ހީކުރެވުނުގޮތުގައި އަނާ އެވަގުތުވަނީ އަބަދަށްޓަކައި ނިދާފައެވެ. ނުވަތަ ހޭނެތިފައެވެ. އޭނާގެ ހިތް ފަޅައިގެން ދިޔައެވެ.

"ނު..ނޫން... އެހެނެއް ނުވާނެ...." އޭނާގެ ހިތް ތެޅިގެންފައި ބުންޏެވެ. އަދި ހިތާދެކޮޅަށް ދެފިޔަވަޅު ކުރިއަށް އަޅައިފިއެވެ. ޑޮކްޓަރ ޙާމިދު ސިއްސައިގެން ގޮސްފައި ތެދުވެއްޖެއެވެ. އަދި ޘަނާއާ ދިމާއަށް ބަލާލާފައި ސްޓާފް ނަރުހަށް ބުންޏެވެ.

"ކަލޭގެ ޑިއުޓީ އޮންނާނީ މިކޮޓަރީގައި. އެއްވެސް ކަމަކަށް ފަރުވާ ކުޑަނުރައްޗޭ... އެއްވެސް ކަމެއް ދިމާވެއްޖެނަމަ ވީހާއަވަހަށް އަހަންނަށް އަންގަންވާނެ."

ޑޮކްޓަރ ހާމިދު އެހެންބުނެފައި އޭނާއާ އެކު ހުރި ޑޮކްޓަރާ ދިމާއަށް ބަލާލިއެވެ. އަދި ޘަނާ ގޮވައިގެން އެ ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ. ޘަނާގެ ހަށިގަނޑު ތެރެއިން އޭރު އިޙްސާސް ކުރެވެމުންދަނީ އޭނާގެ ނާރުތަކުގައިވާ ލޭގެ އެންމެފަހު ތިކި ވެސް އޮހޮރިގެން ގޮސްފައިވާކަމަށް ކުރެވޭ އިޙްސާސްއެކެވެ. ޑޮކްޓަރުގެ ފަހަތުން އޭނާ ހިނގަމުން ދިޔައިރު ހީވަނީ ގަދަކަމުން ދަމާފައި ގެންދާ މީހެއް ހެންނެވެ.

"ބަލިމީހާއަށް ޖެހިފައިވަނީ ބްލަޑް ކެންސަރ ޘަނާ! ކަލޭމެން  ވަރަށް ލަސްކޮށްފީމު! އަހަރެމެން މިހާރު ރިޕޯރޓްތައް ހޯދައިފިން. އެއްވެސް ދުވަސްވަރެއްގައި އޭނާ މަސްތުވާތަކެތި ބޭނުންކޮށް ހެދިތަ؟"

"އާނ..އޭނާއަށް ވަނީ ޒަހަރު ދެމުންގޮސްފައި." ޘަނާ އެހެން ބުނިއިރު ހީވަނީ އޭނާ އަމިއްލައަށް ނޭވާލާން ވެސް ދަތިވެގެން އުޅޭ ހެންނެވެ. ޙާމިދު ސިއްސައިގެންގޮސްފައި އޭނާއާ ދިމާއަށް ބަލާލިއެވެ. އަދި އޭނާގެ ކޮނޑުމަތީގައި އަތްޖައްސާލާފައި އިށީންނަމުން ބުންޏެވެ. ފުރާނައެއް ނެތް ހަށިގަނޑެއް ވެއްޓޭހެން ޘަނާ އެ ގޮނޑިގައި އިށީނދެއްޖެއެވެ. އޭރު ހަމްދަރްދީން ފުރިފައިވާ ނަޒަރަކުން  ޑޮކްޓަރ ޘަނާއާ ދިމާއަށް ބަލަމުން ދެއެވެ.

"ނޯ ޗާންސަސް މިސްޓަރ ޘަނާ! އައި އޭމް ސޮރީ ކަލާ މާލަސްކުރެއްވީ. އަޞްލުގައި ޒަހަރު ދިނުމުގެ ސަބަބުން މިހާރު އެ ޒަހަރުތައް  ބްލަޑް ކެންސަރަށްވީ."

ޘަނާ....

ގޮނޑިން ތެދުވެއްޖެއެވެ. އަދި ހިމޭންކަމާއެކު ކޮޓަރިން ނުކުމެއްޖެއެވެ. އޭނާ ހިނގަމުންދަނީ އޭނާގެ ހަށިގަނޑުން ފުރާނަ ނުކުމެފައިވާ ފަދަ ގޮތެއްގައެވެ. އަދި މަރުވެފައިވާ މީހަކު އެ މީހެއްގެ އަމިއްލަ މަސްގަނޑު ދަމާފައިދާ ހެންނެވެ.

އެތަންވަޅު ބިއްލާ އެތަނަށް އައިސް ޘަނާ ހުއްޓުވިއެވެ.

"ކީއްވީތޯ މާސްޓަރ؟ މައި ބާޕްއާ ބެހޭގޮތުން ޑޮކްޓަރު އެ ބުނުއްވީ ކީކޭތޯ"

ޘަނާ އޭނާދިމާއަށް ބަލަމުން ދިޔައެވެ. އޭނާއަކީ ކާކުކަން ދެނެގަތުމަށް ޓަކައި ބަލާހެންނެވެ. ދެން އޭނާ ހިމޭންކަމާއެކު އަނާ އޮތްކޮޓަރިއާއި ދިމާއަށް ހިނގައްޖެއެވެ.

"މާސްޓަރ!" ބިއްލާ ހަޅޭއްލަވައިގަތެވެ. އަދި ޘަނާގެ ފަހަތުން އައިސް އަރާ ހަމަކުރިއެވެ. ދެ މީހުން އެކުގައި ގޮސް އަނާ އޮތް ކޮޓަރިއަށް ވަދެއްޖެއެވެ. އެތާނގައި ހުރި ގޮނޑިއެއްގައި ހިމޭންކަމާއެކު ނަރުސް ކުއްޖާއިނެވެ. އަދި އަނާ އެނދުގައި ލޯމަރާލައިގެން އޮތެވެ. ނިދާފަ އޮތީކަމަށް ވެސް ވެދާނެއެވެ.

ޘަނާ ސީދާ ގޮސް އަނާ އޮތް އެނދު ކައިރިޔަށް ހުއްޓިއްޖެއެވެ. އަދި އަނާއާ ދިމާއަށް ގުދުވާން ފެށިއެވެ. އޭނާގެ ތުންފަތް އަނާގެ ނިތްކުރީގައި ޖެހިއްޖެއެވެ.

"އައި ލަވް ޔޫ އަނާ..އައި ލަވް ޔޫ އަނާ"

އެތަންވަޅު...އެ ހިނދުކޮޅު ތެރޭގަ....

ޘަނާގެ ހޫނު ނޭވާތަކުގެ އަސަރު އަނާގެ މޫނަށް އިހްސާސްކުރެވުމުން އަނާ ލޯ ހުޅުވާލައިފިއެވެ.

"ރަޙްމަތްތެރިޔާ...ކަލާއަށް ކިހިނެއްވީތޯ؟..." އަނާއަށް އެހެން ބުނެވުނީ ވަރަށް އުނދަގުލުންނެވެ. އޭނާގެ އަޑުވެސް ބޭރުވީ ވަރަށް ދަތިގޮތަކަށެވެ.

"އައި ލަވް ޔޫ އަނާ"

އަނާ ހިނިތުންވެ ލިއެވެ. އަދި އޭނާގެ އަތް ޘަނާގެ އަތުގެ ތެރެއަށް ލިއެވެ. އަދި ބުނެލިއެވެ.

"އަހަންނަށް އެނގޭ....ކަލޭގެ ލޯތްބަށް އަހަރެން އެތައް ހާސް ސެލިއުޓެއް ދެން...ޘަނާ ދެން ބޭނުމީ ކޮން އެއްޗެއް؟"

"އެހެން އެއްޗެއް ބޭނުމެއްނޫން" ޘަނާގެ ހިތްތެޅިގަތެވެ. އަދި އޭނާގެ އަތުތެރޭގަ އޮތް އަނާގެ އަތްނަގައި ތުންފަތުގަ ޖައްސާލިއެވެ. އެތަންވަޅު އަނާ އަނެއްކާ ވެސް ލޯމަރާލިއެވެ. އަދި މަޑުމަޑުން ބުނެލިއެވެ.

"އާޝީ ކޮބައިތަ؟ އޭނާ ނުގެނައީ ކީއްވެ؟ އޭނާއަކީ ވަރަށް މައުޞޫމު ކުއްޖެއް. ސާރިދޯޅުތަކުގެ ތެރޭގައި ހުރި މައުޞޫމު ކުއްޖެއް. ދޭ..އޭނަ ގޮވައިގެން އާދޭ...އަހަރެން އޭނާއަށް މުބާރަކް ބާދް ކިޔަން. އޭނަ އަހަރެންގެ މޭގަ ޖައްސާލަން އެދެން.. އަދި އަހަރެންގެ ޘަނާއަށް ފަހަރެއްގައި ވެސް ދެރަގޮތެއް ނެހެދުމަށް އޭނާ ގާތުގައި ބުނަން ބޭނުންވޭ."

"އަނާޖީ" ޘަނާ ތެޅިގަތެވެ.

"ދޭ..އަވަހަށް ދޭ..އަހަރެންގެ ވަގުތުކޮޅު މިހާރު ވަރަށް ކުޑަވެއްޖެ."

"އަޅުގަނޑު ކަލާ އެ ގެޔަށް ގެންދާނީ. އެކަމަށް އަޅުގަނޑަށް އަމުރު ދެއްވަފާނަންތޯ"

"އަހަރެން މިހާރު މިވަނީ ވަރަށް ވަރުދެރަވެފަ ޘަނާ. ދަތުރުކުރެވޭ ވަރެއްނުވާނެ. ކަލޭ އަހަރެންގެ ބައްޕަ ކައިރިޔަށް އަހަރެން ގެންގޮސްދީ."

"އެހެންވިއްޔާ ދެން ހިންގަވާ!"

ޘަނާ އޭނާގެ ދެއަތް ހުޅުވާލާފަ ދިއްކޮށްލިއެވެ.

"އަހަރެން އަމިއްލައަށް ތެދުވެދާނަން...އެހާވަރަށް ވަރުއެބަހުރި.

"ނޫން މިހާރުދެން ކަލާ އަޅުގަނޑުގެ އެހީ ހޯއްދަވާ. މިއީ އަޅުގަނޑުގެ އެންމެ ފަހުގެ އެދުން."

"އެހެންވިއްޔާ އާދޭ..އެހީތެރިވެދީ"

އަނާ ލޯމަރާލިއެވެ. އަދި ޘަނާ އުފުލާލަން ހިފި ވަގުތު އަނާ ވަރަށް ބޮޑަށް ކޮށި އަރާގޮތްވިއެވެ. އަދި ހޯސްލާފައި އޭނާގެ ކަރުން ލޭ އަތުވެއްޖެއެވެ. ޘަނާގެ ހެދުމަށް ވެސް ލޭތައް އެޅުނެވެ. ކޮޓަރީގައި ހުރި ނަރުސް ދުވެފައި ބޭރަށް ނުކުމެއްޖެއެވެ.

ނަމަވެސް.

ޘަނާ ޑޮކްޓަރު ނޫނީ ނަރުސް އާދޭތޯ ބަލާކަށް ނުހުރެއެވެ. އޭނާގެ އަތަށް އަނާ ނަގައިގަތެވެ. އަނާ އޭރު އަނެއްކާ ވެސް ހޭނެތިއްޖެއެވެ.

"މާސްޓަރ ތިޔަ ކުރައްވަނީ ކީއްތޯ" ބިއްލާ ހަޅޭއްލަވައިގަތެވެ.

ޘަނާ އޭނާއާ ދިމާޔަށް ބަލާލާފައި ބުންޏެވެ.

"ކަލާގެ މައި ބާޕްއަކީ ދާދި ކުޑަހިނދުކޮޅެއްގެ މެހްމާނެއް ބިއްލާ. އަވަހަށް އޭނާއަށް ލޯބިކޮށްލާ!"

"ނޫ..ނޫން.."ބިއްލާ ރޮއިގަތެވެ.

"އަނާއަށް ޚާން އާސިފްވަނީ ޒަހަރު ދީފަ. އަދި އެކަމާބެހޭގޮތުންވަނީ ރަނގަޅު ފެންވަރަކަށް ބޭސްނުކުރެވި.އެހެންވީމަ އެކަންތައް ނުބައިވެގެން ގޮސް އެންމެފަހުން ބްލަޑް ކެންސަރަށްވީ."

"އަހަރެން އެ ހުރިހާ މީހުން މަރާނަން. އެކަކުވެސް ދިރިހުއްޓާ ދުލެއް ނުކުރާނަން."

"މިހާރަކު ނޫން. އަނާޖީ އެދޭގޮތެއް އަދި ނޭނގޭ." ޘަނާ އަސަރާއެކު ބުންޏެވެ. އަދި އަނާ ދެއަތުން ނަގައި މޭގަ ޖައްސާލައިގެންހުރެ ބޭރަށް ނުކުމެއްޖެއެވެ. އަދި އަވަސްއަވަހަށް އޭނާގެ ކާރުކައިރިއަށް އައިސް ކާރުގެ ކުރީ ސީޓުގައި އޭނާގެ އުނގުގައި އަނާ ބައިންދާފައި ބިއްލާ ކޮބައތޯ ބަލައިލި އިރު އޭނާ ފެންނާކަށް ނެތެވެ. ޘަނާގެ ހިތަށް ބިރުވެރިކަން ވަދެގެން ދިޔައެވެ. ފަހަރެއްގައި ޚާން އާސިފް މަރާލުމަށް ޓަކައި ބިއްލާ އެ ގެއަށް ދިޔައީ ނޫންބާވައޭ އެނާގެ ހިތަށް އެރިއެވެ. ބިއްލާގެ ކަންތައް ހުންނަގޮތް އޭނާއަށް އެނގޭތީއެވެ. ޘަނާ ވަރަށް އަވަހަށް ކާރުގެ ހުންގާނުގައި ހިފާ ސީޓަށް ބަދަލުވެލިއެވެ. އޭރުވެސް އަނާގެ ބޯ އޮތީ އޭނާގެ އުނގުގައެވެ. ހޭނެތިފައި އޮތް އަނާ އެގޮތަށް ބާއްވައިގެން ވަރަށް ބާރަށް ކާރު ދުއްވާފައި ޚާން އަސިފްގެ ގެޔަށް އަތުވެއްޖެއެވެ. ގޭގެ ޕޯޓިކޯ ތެރެއަށް ކާރު ހުއްޓާލި އަޑުން ކުރިން އެގޭތެރެއަށް ވެރިވެފައި އޮތް ހިމޭންކަން ފިލައިގެން ދިޔައެވެ.

އަނާ އޭނާގެ މޭގައި ޖައްސާލައިގެން ޘަނާ ކާރުން ފޭބިއިރު ފެންޑާ މަތީގައި އަޝީއާއި އޭނާގެ މަންމަ ތިއްބެވެ.

ޘަނާ މަޑުމަޑުން ހިނގަމުން އަނާގެ ބެޑްރޯމާ ދިމާއަށް ދިޔައެވެ.

"ކީއްވީ...އޭނާއަށް ކިހިނެއްވީ؟..." އާޝީ ކަންބޮޑުވެފައިވާ ގޮތެއްގައި ޘަނާއާ ދިމާއަށް ހިނގައިގަތެވެ.

"އޭނާ ކަލާއާ ބައްދަލުވާން ބޭނުންވަނީ....ކަލޭގެ ކައިވެންޏަށް ޓަކައި ތަހްނިޔާއާއި މުބާރަކް ބާދު ރައްދުކުރަން ބޭނުންވަނީ...ހޮސްޕިޓަލުން ސީދާ މިގެއަށް މިއައީ އެހެންވެގެން." ޘަނާ ކުރިޔަށް ދަމުން ބުނަމުން ދިޔައެވެ.އަނާ އެނދުގައި ބޭއްވުމާއެކު އޭނާގެ ނޭވާތައް ހުއްޓިއްޖެއެވެ. އޭނާގެ ދަތުރު ފުރިހަމަވީއެވެ.

"ނޫން...ނޫން...." އާޝީ އަނާ ފެނުމާއެކު ހަޅޭއްލަވައިގަތެވެ.

"ތިޔަހެން ނަހައްދަވާ...ކަލާ އަޅުގަނޑު އެކަނި ކުރައްވާފަ ނުދުރުވޭ.." އާޝީ ރޮއިގެންފައި އަނާގެ ގައިމައްޗަށް ވެއްޓިގަތެވެ.

ކުއްލިއަކަށް ފެންޑާމަތިން ބިއްލާގެ އަޑު އިވިއްޖެއެވެ.

" އޭ...އޫރުގެ ދަރިޔާ...ބޭރަށް ނިކުމޭ...އަހަރެން ކަލޭ މަރާލާނަން....ކަލެއަކީ މީހުން މަރާމީހެއް...އަނިޔާވެރިއެއް...އަހަރެން ކަލޭ މަރާލާނަން...ކަލޭ އަހަރެންގެ މަންމަ މަރާލީ...ކަލޭ އޭނާއަށް ކުރި އަނިޔާތަކުގެ ހިސާބު މިއަދު ނިންމާނަން...ފިނޑިމީހާގަނޑު..ދޮރުހުޅުވާ...!

އޭނާ ހަޅޭއްލަވަމުން ދަނީއެވެ.އަދި ދޮރުގައި ތަޅަމުން ދަނީއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ވަހްޝީކަމުގެ ނިޝާންތަކެވެ.އަޑުގައިވަނީ ރުޅިވެރިކަމާއި ބަދަލުހިފުމުގެ އަސަރުތަކެވެ.

ކުއްލިއަކަށް...

ކޮންމެވެސް އެއްޗެއް ގޮވިއަޑުއިވިއްޖެއެވެ. އެތަންވަޅު ޘަނާ ދުވެފައި ފެންޑާމައްޗަށް ނުކުތެވެ. ނަމަވެސް ޚާން އާސިފްގެ ކޮޓަރީގެ ދޮރުހުރީ ލައްޕާފައެވެ. ބިއްލާ ބޭރުގައި ހުއްޓެވެ. އޭނާއަތުގައި ރިވޯލްވަރެއް އޮތެވެ. އެތަންވަޅު ބިއްލާ ބުންޏެވެ.

"މާސްޓަރ..އެ ފިނޑިމީހާ އަމިއްލައަށް މަރުވެއްޖެ."

"ކަލޭ އެއްވެސް ހަމަނުޖެހުންތަކެއް އުފައްދާކަށް އަނާޖީ އެދިއެއް ނުލައްވާ."

" އެ ނުލަފާ މީހާގަނޑަކީ އަހަރެންގެ މަންމަ މަރާލި މީހާ މާސްޓަރ...." ބިއްލާ ރޮވިއްޖެއެވެ.

"އޭނާ އޭނާގެ އަމިއްލަ މަރަކުން މަރުވެއްޖެ...އާދޭ އެތެރެއަށް...ކަލާގެ މައިބާޕް އޭނާގެ ދަތުރު ފުރިހަމަ ކޮށްފި"

"ނޫން ނޫން މާސްޓަރ...އޭނާއަކަށް މަރެއް ނުވެވޭނެ..އެހާއަވަހަކަށް މަރެއް ނުވެވޭނެ."

ބިއްލާ ހަޅޭއްލަވަމުން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. ކޮޓަރިއަށް ވަނުމާއެކު އޭނާއަށް ހުއްޓުން އަރައިފިއެވެ.

އޭނާއަށް ފެނުނީ އެއްވެސް ހަރަކާތެއްނެތި އޮތް އަނާއެވެ. އޭނާ މަޑުމަޑުން އަނާ ކައިރިއަށް ދިޔައެވެ. އަދި އަނާގެ ފައިގައި އޭނާގެ މޫނު ޖައްސާލިއެވެ. އޭރު އޭނާ ރޮނީއެވެ.އަދި ބުނަމުން ދެއެވެ.

"ކަލާ އަޅުގަނޑު ދޫކޮށްލާފަ ނުދުރުވޭ. އޭނާގެ ލޯބީގައި އުނިކަމެއް ހުރީ ތޯ؟ ކެތްތެރިވޭ...ބިއްލާ ކެތްކުރޭ...މި މާތް އިންސާނާގެ ހަށިގަނޑު އޭނާގެ ގެޔަށް ގެންދަމާ ހިނގާ...އަދި އޭނާގެ ދަތުރު މުޅިއަކުން ނުނިމޭ....އޭނާގެ އެދުމަކީ އޭނާ އޭނާގެ ބައްޕަގެ ގެޔަށް ގެންގޮސްދިނުން...

އެހެން ބުނެފައި ޘަނާ ވަރަށް އިހްތިރާމާއެކު އޭނާގެ ދެއަތް މައްޗަށް އަނާ ނެގިއެވެ.

އަދި އާޝީއާ ދިމާއަށް ބުންޏެވެ.

"ކަލޭ ވެސް އާދޭ..ކަލޭގެ ކައިވެނީގެ ތަހްނިޔާއާ މުބާރިކް ބާދީ ރައްދުކުރުމަށް އޭނާ ބޭނުންވި...އޭނާގެ އެ އެދުން ފުރިހަމަކޮށް ދިނުމަށް ޓަކައި އަހަރެން އޭނާ ގޮވައިގެން މި ގެޔަށް މިއައީ.... އާދޭ...އެހެނީ އޭނާ ކަލެއަށް އާ ދިރިއުޅުމެއް ހޯދައިދީފި....އޭނާއަކީ ކަލާގެ ދިރިއުޅުން އިމާރާތްކޮށްދިން މީހާ..."

ގޮސްލެވެމުން ރޮއިރޮއި ހުރި އާޝީއަނެއްކާ ވެސް އަނާ ގާތަށް އައިސް އޮޅުލައިގަތެވެ. އެތަންވަޅު ބިއްލާ ވަރަށް އުނދަގުލުން އާޝީއަނާޔާ ވަކިކޮށްލިއެވެ. ބޭރުގައި އެވަގުތުވަނީ ވަރަށް ކަންތައް ބޮޑުވެފައެވެ. ޚާން އާސިފްގެ ކޮޓަރީގެ ދޮރު ހަލާކުކޮށްލަން މަސައްކަތް ކުރެވެމުން ދެއެވެ. އަދި ޘަނާ އާޝީއާއި ބިއްލާގެ މައްޗަށް އެކުލެވިގެންވާ މިކުޑަ ގާފިލާ އަނާގެ ހަށިގަނޑު ހިފައިގެން މަޑުމަޑުން ކާރާއި ދިމާޔަށް ދަތުރުކުރަނީއެވެ.އަނާގެ ހަށިގަނޑު ކާރުގެ ފަހަތު ސީޓުގައި ބާއްވައިފިއެވެ. އަދި އޭނާގެ ކައިރީގައި އާޝީ އިށީނދެއްޖެއެވެ. އޭނާގެ އުނގުގައި އަނާގެ ބޯ ބާއްވައިގެންނެވެ. ކާރު ދުއްވާފަ ދިޔަމަގު ވަނީ ވީރާނާވެފައެވެ. ހީވަނީ އަނާ މަރުވުމުގެ ހިތާމަ ފާޅުކުރަނީ ހެންނެވެ. ޖެހެމުންދާ ވައިރޯޅިވެސް ހީވަނީ ހުއްޓިފައިވާ ހެންނެވެ.

މި މަރުވެފައިވާ އިންސާނާގެ ހަށިގަނޑު ހިފައިގެން ޘަނާ އޭނާގެ މަންޒިލާ ދިމާޔަށް ދަތުރު ކުރަމުން ދަނީއެވެ. ކާރުގެ ތެރެއިން ބައެއްބައެއް ފަހަރު އާޝީއާއި ބިއްލާގެ ގިސްލުމުގެ އަޑުއިވެމުންދެއެވެ. އެ މީހުންގެ ހިތްތައްވަނީ ކަތިލެވިފައެވެ. އެ ހިތްތަކުގެ ލޭ އޮހެމުންދަނީއެވެ.

ކުއްލިއަކަށް ބިއްލާގެ އަޑު އުފުލިގެން ހިނގައްޖެއެވެ.

"އަހަރެންގެ މަންމަ މަރެއް ނުވާނެ... އޭނާއަށް އެދޭ އެހާ ގިނަމީހުން އެބަތިބި... އޭނާއެއް މަރެއް ނުވާނެ... މަރެއް ނުވާނެ...."

(ނިމުނީ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.